ތިލަފުށި-މާލެ ބުރިޖު އަޅަނީ އިންޑިއާގެ އެހީގައި

ވިލިމާލެއާއި މާލެ ފެންނަ މަންޒަރެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތިލަފުށްޓާ މާލެ ގުޅުވާލާ ބުރިޖު އަޅާނީ އިންޑިއާގެ އެހީގައި ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

ބްރިޖުގެ ގްރައުންޑް އިންވެސްޓިގޭޝަން މަސައްކަތް ބަޔަކާ ހަވާލު ކުރުމަށް މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ބްރިޖު އަޅާނީ އިންޑިއާ ސަރުކާރުގެ އެހީގައި ކަމަށެވެ.

"އިންޑިއާ ސަރުކާރުގެ އެހީގައި މި ބްރިޖު އެޅިގެންދާނީ،" އަކްރަމް ވިދާޅުވީ ބްރިޖުގެ މަސައްކަތަށް އިންޑިއާ ސަރުކާރުން ދޭނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އަދި ޔަގީން ނުވާ ކަމަށެވެ.

"ނެގޯޝިއޭޝަންސް ކުރިއަަށްދަނީ. ސީދާ އަގު އަދި ފައިނަލް ނުވޭ. އެއާ ގުޅޭ އެހެން ނެގޮޝިއޭޝަންސް ދެ ސަރުކާރު މެދުގައި ކުރިއަށްދަނީ،" އަކްރަމް ވިދާޅުވިއެވެ

މިދިޔަ އަހަރު ތެރޭ ސަރުކާރުން ބޭއްވި ޕާޓްނާޝިޕް ފޯރަމަށް ހުށަހެޅި ތަފްސީލްތަކުގައިވާ ގޮތުގައި ގުރޭޓާ މާލޭ ބުރިޖް މަޝްރޫއަށް 488 މިލިއަން ޑޮލަރު (7.6 ބިލިއަން ރުފިޔާ) ހަރަދުވާނެ އެވެ.

އަކްރަމް ވިދާޅުވީ ބްރިޖުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް ޓެންޑާގެ މަސައްކަތް ކުރިއަށްދާނީ އިންޑިއާގައި ކަމަށެވެ.

"ކޮންމެ ބޭރުގެ ސަރުކާރަކުން ދޭ ލޯނުގެ އުސޫލަކީ އެގައުމެއްގެ ސަރުކާރުގެ ކުންފުނިތައް ބައިވެރިކުރަންޖެހޭ. ލޯނު ދޭއިރު ސަރުކާރުގެ ކުންފުންޏެއް ބައިވެރިކޮށްގެން ކުރިއަށް ގެންދަން ޖެހެނީ،" އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ކުންފުނިތައް ޝޯޓްލިސްޓުކޮށް ޓެންޑާ ކުރުމުގެ މަސައްކަތްވެސް ކުރާނީ އިންޑިއާ ސަރުކާރުން ކަމަށެވެ. ބްރިޖުގެ މަސައްކަތް ކުންފުންޏަކާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ޓެންޑަރިންގެ މަސައްކަތް ކުރިއަށްދާނީ ޖުލައި ހިސާބުގައި ކަމަށެވެ.

މިއަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި މާލެ އާއި ތިލަފުށި ގުޅާލާ ބްރިޖަށް 411 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.

މާލެ އާއި ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ބުރިޖުން ގުޅާލުމުން ދަތުރުފަތުރު ފަސޭހަވެ، އިގްތިސޯދީ ގޮތުން ފައިދާ ކުރާނެކަމަށާއި މިހާރު މާލޭގައި ހުރި ގުދަންތައް، އިންޑަސްޓްރިއަލް ސަރަހައްދަށް ބަދަލުކޮށް، މުދާ އުފުލުމުގައިވެސް ފަސޭހަތައް ލިބޭނެ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

މި ޕްރޮޖެކްޓު ފެސިލިޓޭޓު ކުރާނީ ޕްލޭނިން މިނިސްޓްރީއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯނުގެ އިތުރުން ޓްރާންސްޕޯޓު މިނިސްޓްރީއިންނެވެ.

comment ކޮމެންޓް