ދިއްދޫގައި ހަވާލުނުކޮށްހުރި ފްލެޓުތައް ހަވާލުކުރަން ފަށައިފި

ދިއްދޫގައި އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ތެރެއިން ހަވާލުނުކޮށްހުރި ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތް -- ފޮޓޯ: ހައުސިން މިނިސްޓްރީ

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމުގެ ދަށުން ހއ. ދިއްދޫގައި އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ތެރެއިން ހަވާލުނުކޮށްހުރި ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހައުސިން މިނިސްޓްރީ އިން ބުނީ ދިއްދޫގައި އިމާރާތްކޮށްފައިވާ 250 ފްލެޓުގެ ތެރެއިން މިހާތަނަށް ހަވާލުނުކުރެވި ހުރި 110 ފްލެޓު ލިބިފައިވާ ހައްގުވެރިންނާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިހާރު ކުރަނީ ފްލެޓު ލިބުނު މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކޮށް ފްލެޓު ބަލައި، ފްލެޓު ހަވާލުކުރުމުގެ މަސައްކަތް ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

ދިއްދޫ އިން ފްލެޓު ލިބުނު ފަރާތްތަކާއިއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް މިމަހުގެ އަށްވަނަ ދުވަހާއި ހަމައަށް ކުރިއަށްގެންދާނެއެވެ.

ފްލެޓު ލިބުނު ފަރާތްތަކާއި އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ ކޮންމެ ދުވަހަކު ހެމދުނު 9:00 އިން ފެށިގެން ދިއްދޫގައި ހުންނަ އަތޮޅުގެ އިދާރާގައެވެ.

ގެދޮރުވެރިކުރުމުގެ މަޝްރޫއުގެ ދަށުން ދިއްދޫގައި ވަނީ 250 ފްލެޓު އިމާރާތްކޮށްފައެވެ. މިހާތަނަށް 140 ފްލެޓް މީހުންނާއި ހަވާލުކޮށް ނިމިފައިވާއިރު ބާކީ ހުރި 110 ފްލެޓު ލިބެނީ ހައްގުވެރި ފަރާތަށްކަން ކަށަވަރުކުރުމުގެ ގޮތުން އޭސީސީ އާއި އެޓަރނީ ޖެނެރަލް އޮފީހުގެ ލަފާއާއި އެކު ފްލެޓަށް އެދި ހުށައެޅި ފޯމްތައް ވަނީ އަލުން އިވެލުއޭޓްކޮށް ލިސްޓް ތަރުތީބުކޮށްފައެވެ.

https://sun.mv/129983

comment ކޮމެންޓް