ކޮރޯނާ ވައިރަސް ދިރާސާ ކުރަން އިންޓައިން އެހީތެރިވަނީ

އިންޓަ މިލާނުން ވަނީ ކޮރޮނާ ވައިރަސް ދިރާސާ ކުރުމަށް އެހީތެރިވުމުގެ ގޮތުން 100،000 ދިނުމަށް ނިންމާފައި ---

ޗައިނާގެ ވޫހާން ސިޓީއިން ފެތުރިގެން އައި ނުރައްކާތެރި ކޮރޯނާ ވައިރަސް (ކޮވިޑް-19) ގެ ދިރާސާތައް ކުރުމަށް އިޓަލީގެ އިންޓަމިލާނުން ބޮޑު އެހީތެރިކަމެއް ދިނުމަށް ނިންމައިފި އެވެ.

ޗައިނާ އިން ޑިސެމްބަރު މަހު ފެނުނު މި ބަލި ޔޫރަޕުން އެންމެ ބޮޑަށް ފެތުރިފައިވަނީ އިޓަލީގަ އެވެ. އެ ގައުމުގެ 2500 އަށް ވުރެ ގިނަ މީހުންނަށް ޖެހި، 79 މީހަކު ވަނީ މަރުވެފަ އެވެ. އެއާ އެކު އެގައުމުގެ ލީގުގެ ބައެއް މެޗުތައް ކެންސަލް ކޮށްފައިވާއިރު އަނެއްބައި މެޗުތައް އޭޕްރީލްގެ ނިޔަލަށް އެއްވެސް ސަޕޯޓަރެއް ދަނޑަށް ނުވައްދާ ކުޅުމަށް ވަނީ ނިންމާފަ އެވެ.

އެއާ އެކު ކުޅުންތެރިންނަށާއި، ކުލަބުތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުން އަންނަ އިރު އިޓަލީގެ އެންމެ ދުވަސްވީ އެއް ކުލަބު ކަމަށްވާ އިންޓަ މިލާނުން ވަނީ އެގައުމުގައި ހުންނަ ސަކޯ ހޮސްޕިޓަލަށް ކޮރޮނާ ވައިރަހުގެ ދިރާސާތައް ކުރުމަށް އެހީތެރިވުމަށް ނިންމާފަ އެވެ. އެގޮތުން އެ ހޮސްޕިޓަލްގެ ބަޔޮމެޑިކަލްއާއި ކްލިނިކަލް ސައެންސްގެ ޑިޕާޓްމެންޓަށް 100،000 ޔޫރޯ ދިނުމަށް ނިންމާފައިވާ ކަމަށް އެކުލަބުން ވަނީ ބުނެފަ އެވެ.

އިޓާލިއަން ކަޕުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި ރޭ ޔުވެންޓަސްގެ ދަނޑުގައި އެ ޓީމާއި އޭސީ މިލާން ކުޅެން ހަމަޖެހިފައި އޮތް މެޗު ވަނީ ފަސްކޮށްފި އެވެ.

ކުރިން ރާވާފައި އޮތީ، ވައިރަހުގެ އަސަރުކޮށްފައިވާ ސަރަހައްދުތަކުގެ ރައްޔިތުން ފިޔަވައި އެހެން ހިސާބުތަކުގެ މީހުންނަށް ވަދެވޭ ގޮތަށް ކުޅޭށެވެ. އެކަމަކު އެއީ ރައްކާތެރި ގޮތެއް ކަމަށް ނުވާނެ ކަމަށް ތަޖުރިބާކާރުން ދިޔައީ ބުނަމުންނެވެ. އެހެންވެ އެއްވެސް ސަޕޯޓަރަކު ނުވައްދާ ކުޅޭ ގޮތަށް ނިންމަފާނެ ކަމަށް ބެލެވިފައި އޮއްވާ ރޭ ކުއްލި ގޮތަކަށް ނިންމީ މެޗު ފަސްކުރާށެވެ.

"މި ދަނޑިވަޅުގައި މި ކުލަބުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ބަލާނީ ކުޅުންތެރިންނާއި ސަޕޯޓަރުން އަދި މުޅި ގައުމުގެ ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް." އިންޓަގެ ރައީސް ސްޓީވެން ޝެންގެ ވަނީ ބުނެފަ އެވެ.

ވައިރަސް ޖެހުނު މީހުންގެ އަދަދު 93،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު އޭގެ ތެރެއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 3،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ. އަދި ޗައިނާއާ އަޅާ ބަލާއިރު، އެ ވައިރަސް އެހެން ގައުމުތަކުގައި މިންވަރު އެތައް ގުނައެއް މިހާރު ވަނީ އިތުރުވެފަ އެވެ.

comment ކޮމެންޓް