ބްލޫމްބާގް ރިޔާސީ ރޭހުން ވަކިވެވަޑައިގެންފި

ބްލޫމްބާގް ވަނީ ރިޔާސީ ރޭހުން ވަކިވެވަޑައިގެންފަ -- ފޮޓޯ: ގެޓީ

ވޮޝިންޓަން (މާޗް 5): އެމެރިކާގެ ބިލިއަނަރު އަދި ނިއު ޔޯކްގެ ކުރީގެ މޭޔަރު މައިކެލް ބްލޫމްބާގް ރިޔާސީ ރޭހުން ވަކިވެވަޑައިގެންފި އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން މިދިޔަ ނޮވެމްބަރު މަހު އިއުލާން ކުރެއްވި ބްލޫމްބާގް ވިދާޅުވި ގޮތުގައި އޭނާ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު ކަމަށް ދެން ތާއިދު ކުރައްވާނީ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެންއަށެވެ.

"މީގެ ތިން މަސް ކުރިން އަޅުގަނޑު މި ރޭހުގައި ބައިވެރިވީ ޑޮނަލްޑް ޓްރަމްޕް ބަލި ކުރުމަށް. އަދި ރޭހުން ވަކިވަނީ ވެސް ހަމަ އެ ސަބަބަށްޓަކައި. އަޅުގަނޑު އަބަދުވެސް ގަބޫލު ކުރާ ގޮތުގައި ޑޮނަލްޑް ޓްރަމްޕް ބަލިކުރެވޭނީ އެކަން ކާމިޔާބު ކުރުމުގެ އެންމެ ބޮޑު ފުރުސަތު އޮތް ކެންޑިޑޭޓަކަށް އެންމެން ތާއިދުކޮށްގެން. އަދި އިއްޔެގެ ވޯޓުން އެނގިގެންދިޔައީ އެ ކެންޑިޑޭޓަކީ ޖޯ ބައިޑެންކަން،" ބްލޫމްބާގް ވިދާޅުވި އެވެ.

އިއްޔެ އެމެރިކާގެ 14 ސްޓޭޓަކާއި ޓެރިޓަރީގައި ޑިމޮކްރެޓިކް ޕްރައިމަރީތައް ބާއްވާފައިވެ އެވެ. ބައިޑެން 10 ސްޓޭޓެއް ކާމިޔާބު ކުރެއްވި އިރު އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވި ސެނެޓަރު ބާނީ ސޭންޑާސްއަށް އިއްޔެ ލިބުނީ ހަތަރު ސްޓޭޓެވެ. އެއްވެސް ސްޓޭޓެއް ބްލޫމްބާގަށް ކާމިޔާބުކުރެވިފައެއް ނުވެއެވެ.

ބްލޫމްބާގް ރިޔާސީ ރޭހުން ވަކިވެޑައިގަތުމުގެ ކުރިން އޭނާ ވަނީ ޑިމޮކްރެޓިކް އެހެން ކެންޑިޑޭޓުންނަށް ވުރެ އެތައް ގުނައެއް އޭނާގެ ކެމްޕޭނަށް ހަރަދު ކުރައްވާފަ އެވެ. އެގޮތުން ޖެނުއަރީ މަހު އޭނާ ކެމްޕޭނަށް 220.6 މިލިއަން ޑޮލަރު ހޭދަ ކުރެއްވި އިރު، އެ މަސް ތެރޭގައި ބައިޑެން ހޭދަ ކުރެއްވީ 10.7 މިލިއަން ޑޮލަރެވެ. އަދި މިދިޔަ މަހާ ޖެހެންދެން އޭނާ ވަނީ ކެމްޕޭނަށް އަމިއްލަ ފައިސާއިން 409 މިލިއަން ޑޮލަރު ހޭދަ ކުރައްވާފައި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީތައް އަންނަ ޖުލައި މަހާ ޖެހެންދެން ކުރިއަށްދާނެ އެވެ. އަދި އެ މަހު ބާއްވާ ޑިމޮކްރެޓިކް ކޮންވެންޝަންގައި އެ ޕާޓީން ރައީސް ކަމަށާއި ނައިބު ރައީސް ކަމަށް ވާދަ ކުރައްވާ ކެންޑިޑޭޓުން ޔަގީން ވާނެ އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ ތިނެއްގަ އެވެ. އެ އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަ ކުރައްވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.

ގުޅޭ ޓެގު
comment ކޮމެންޓް