ބިދޭސީންނަށް މިނިމަމް ވޭޖް ކަނޑައަޅާކަށް ނުފެނޭ: ފައްޔާޒު

އިކޮނޮމިކް މިނިސްޓަރު، ފައްޔާޒު މިރޭގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަނީ --

މިނިމަމް ވޭޖް ނޫނީ އަސާސީ މުސާރައިން ބިދޭސީއިން އިސްތިސްނާވާން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މިނިމަމް ވޭޖް ކަނޑައެޅުމާ ގުޅޭ ގޮތުން، މިރޭ ރައްޔިތުން މަޖިލީހުން ބޭއްވި ހިޔާލު ހޯދުމުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، އިންސާނީ ނަޒަރިއްޔާއަކުން ބަލާނަމަ ބިދޭސީންނަށް މިނިމަމް ވޭޖް ކަނޑައެޅުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް ބުނެވިދާނެ ކަމަށެވެ.

އެހެން ނަމަވެސް، ރާއްޖޭގައި މަސައްކަތް ކުރާ 100،000 ބިދޭސީންގެ މުސާރަ، 6،400 ރުފިޔާއަށް ބޮޑު ކުރުމަށް އިގްތިސާދުގައި އެ ހަކަތަ ނެތް ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ. އަދި ވިދާޅުވީ، މިނިމަމް ވޭޖް ބިދޭސީންނަށް ކަނޑައަޅައިފި ނަމަ، ބިދޭސީ މަސައްކަތް ތެރިން ރާއްޖެއިން ބޭރު ކުރާ ފައިސާގެ އަދަދު 800 މިލިއަނެއްހާ ޑޮލަރަށް އަރައިގެން ދާނެ ކަމަށެވެ. އަދި އޭރުން މިހާރު ބޭރުވާ އަދަދަށް ވުރެ އިތުރަށް 270 މިލިއަން ޑޮލަރު ރާއްޖެއިން ބޭރަށް ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ލަފާގައިވަނީ ބިދޭސީންނަށް މިނިމަމް ވޭޖް ކަނޑައެޅުން އަހަރެއް ނޫނީ ދެ އަހަރެއްހާ ދުވަހަށް ލަސްކޮށްލުމަށެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ރާއްޖޭގައި މަސައްކަތް ކުރާ 120،000 ބިދޭސީން އުޅެނީ އެ މީހުންގެ ގައުމުގެ ނިސްބަތުން ބަލާއިރު އެންމެ ކުޑަ އުޖޫރައަށް ފެތޭ މުސާރައެއްގައި ކަމަށެވެ. ބަންގްލަދޭޝްގެ މިނިމަމް ވޭޖް އަކީ، 94 ޑޮލަރެވެ.

މިނިސްޓަރު ވިދާޅުވީ އެންމެ އާދައިގެ މަސައްކަތްތަކުގައި އުޅޭ ގިނަ ބިދޭސީން ރާއްޖޭގައި މަސައްކަތް ކުރަނީ 100 ޑޮލަރަށް ވުރެ މަތީ މުސާރަތަކެއްގަިއ ކަމަށެވެ. އަދި ބިދޭސީން ބޮޑު ތަކުލީފެއް އުފުލައިގެން ވެސް ރާއްޖެ އަންނަނީ ބަންގްލަދޭޝްގެ މިނިމަމް ވޭޖަށް ވުރެ ރަނގަޅު މުސާރައެއް އެމީހުންނަށް ރާއްޖެއިން ލިބޭތީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ފައްޔާޒު އަދި ވިދާޅުވީ ގިނަ ބިދޭސީން މަސައްކަތް ކުރަނީ އިމާރާތް ކުރުމުގެ ދާއިރާގައި ކަމަށެވެ. އަދި އެ މީހުންގެ މުސާރަތައް ބޮޑުކޮށްފި ނަމަ، ގެދޮރުގެ އަގުތައް ބޮޑުވުން ފަދަ ކަންކަމާ ކުރިމަތިލާން ޖެހުމުގެ ކަންބޮޑުވުން އެބަ އޮތް ކަމަށެވެ. އަދި ވިދާޅުވީ، މިނިމަމް ވޭޖް ކަނޑައެޅި ނަމަވެސް، ބިދޭސީން ކުރާ ގިނަ މަސައްކަތް ކުރަން ދިވެހިން ނިކުންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

comment ކޮމެންޓް