މިނިމަމް ވޭޖް: ދައުލަތުގެ ހަރަދަށް 3.8 ބިލިއަން ރުފިޔާ އިތުރުވާނެ

ދައުލަތުގެ ގިނަ އޮފީސްތަކެއް ހުންނަ ވެލާނާގެ އިމާރާތް: މިނިމަމް ވޭޖްގެ ސަބަބުން މުވައްޒަފުންގެ ހަރަދު އިތުރުވާނެ -- ސަން ފައިލް ފޮޓޯ

މިނިމަމް ވޭޖް ނޫނީ އެންމެ ކުޑަވެގެން ދެވޭ މުސާރަ ކަނޑައެޅުމުން ދައުލަތުގެ ބަޖެޓަށް 3.8 ބިލިއަން ރުފިޔާ އިތުރަށް ބޭނުންވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މިނިމަމް ވޭޖް ކަނޑައެޅުމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް މިރޭ މަޖިލީހުގައި ބޭއްވި އާންމު ބައްދަލުވުމުގައި އާންމު ފަރާތަކުން ފާޅު ކުރި ހިޔާލަކާ ގުޅިގެން މިނިސްޓަރު ފައްޔާޒު ވިދާޅުވީ، މިނިމަމް ވޭޖް ކަނޑައެޅުމުގެ ސަބަބުން އިގްތިސާދަށް އަންނާނެ ބަދަލުތަކުގެ ދިރާސާއެއް ހެދިފައިވާ ކަމަށެވެ.

އެގޮތުން ދައުލަތުގެ ބަޖެޓަށް ކުރާނެ އެންމެ ބޮޑު އަސަރަކީ، މިނިމަމް ވޭޖެއް ކަނޑައަޅައިފި ނަމަ، ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަތައް ބޮޑު ކުރުމަށް ވަގުތުން ވަގުތަށް އިތުރަށް 1.5 ބިލިއަން ރުފިޔާ ބޭނުންވުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިނިމަމް ވޭޖާ އެކު އަންނަ ކަންކަމާ އެކު އެ އަދަދު އިތުރުވާނެ ކަން ފާހަގަ ކުރައްވާ ފައްޔާޒު ވިދާޅުވީ، އެ ހަރަދު ކުރެވެން އޮތީ، އިތުރަށް ބަޖެޓަށް އާމްދަނީ ހޯދައިގެން ކަމަށެވެ.

"ރިޕުލް އެފެކްޓްތަކެއް އަންނާނެ، ވަކި ހިސާބަކަށް ދަންދެން. އަޅުގަނޑުމެންގެ އަންދާޒާ އަކީ 3.8 ބިލިއަން ރުފިޔާ ސަރުކާރުގެ ބަޖެޓަށް ހިޓްވާނެކަމަށް. އެއީ ބޮޑު އަދަދެއް. ކޮންމެވެސް ގޮތަކުން މަޖިލީހަށް ހުށަހަޅައިގެން އަޅުގަނޑުމެން ޖެހޭނީ ޕީއެސްއައިޕީ ބަޖެޓުން އުނިކޮށް ނޫނީ އިތުރު ޓެކްސް ނަގައިގެން ، މިދެންނެވީ ޕީއައިސްއައިޕީ ބަޖެޓް މުޅިން ހުއްޓާލާ ވާހަކައެއް ނޫން. ކޮންމެވެސް ގޮތަކުން އެ ހޯދަން ޖެހޭނެތާ އެ ފައިސާ،" ފައްޔާޒު ވިދާޅުވި އެވެ.

ވޭޖް ބޯޑުން ސަރުކާރަށް ލަފާދީފައި ވަނީ، އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމަށެވެ. އަދި ޓޫރިޒަމް ދާއިރާ އާއި ސިވިލް ސާވިސްގައި މަސައްކަތްކުރާ މީހުންނަށް 6،400-8،600 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައަޅަން ވަނީ ލަފާދީފަ އެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ މިނިމަމް ވޭޖެއް ކަނޑައަޅައިގެން ގެއްލުން ވާނީ، އިގްތިސާދާ ނުބައްދަލު އަދަދެއް ކަނޑައެޅިއްޖެ ހާލަތެއްގައި ކަމަށެވެ. އެހެން ނޫން ނަމަ، މިނިމަމް ވޭޖް ކަނޑައަޅައިގެން އެއްވެސް ގެއްލުމެއް ނުވާނެ ކަމަށާއި އެ ހަކަތަ ދިވެހި އިގްތިސާދުގައި ހުރި ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ މިނިމަމް ވޭޖެއްގެ ސަބަބުން ކުޑަކޮށް ވިޔަފާރިތަކަށް ދަތިވިޔަސް ކޮޅަށް ތިބެވޭ ނަމަ، އެއީ މައްސަލައެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން މިބަލަނީ [މިނިމަމް ވޭޖަށް] އެންމެ ރަނގަޅު އަދަދަކީ ކޮބައިތޯ؟ އަޅުގަނޑުމެން މިބަލަނީ ވަޒީފާ އަދާކުރާ މީހާވެސް ވިޔަފާރިވެރިޔާ ވެސް އެދެބައި މީހުން އެއްބަސްވާ މެދުމިނުގެ އަދަދަކަށް އަންނަން،" ފައްޔާޒު ވިދާޅުވި އެވެ.

މިނިމަން ވޭޖަކީ ގެއްލުމާއި ފައިދާ ހުރި އެއްޗެއްކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، ވަޒީފާތައް ގެއްލުން ފަދަ ކަންކަން ދިމާވުން ވެސް އެކަށީގެންވާ ކަމަށެވެ.

"ވަޒީފާ އަދާ ކުރާ ފަރާތްތަކަށްވެސް މީގެ އަސަރު ކުރާނެ، ހެޔޮ އަސަރު ކުރާނެ. އަދި ނުބައި އަސަރެއްވެސް ކޮށްފާނެ. މިސާލަކަށް ވަޒީފާ ދޭ ފަރާތްތަކަށް މި މިނިމަމް ވޭޖް ސެލެރީ ނުދެވޭ ކަމަށް ވަންޏާ ވަޒީފާތަކެއް ކޮންމެވެސް ވަރަކަށް ގެއްލުމުގެ ފުރުސަތު އެބަ އޮތް،" ފައްޔާޒު ވިދާޅުވި އެވެ.

ރައްޔިތުންގެ ލަފައަކަށް އެދުނީވެސް އެއީ ގެއްލުމެއް ވެދާނެ ކަމަކަށް ވާތީ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިނިމަން ވޭޖު ކަނޑައަޅާ އިރު ބެލެންސެއް ގެންގުޅެން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑު ބަލާނީ ވިޔަފާރިތައްވެސް ހަލާކު ނުވާ ވަރު ވާން ވާނެއޭ ހާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގައި ގިނަ ވަޒީފާތައް މި އޮތީ އަސްލުގައި ދިވެހިންގެ،" ފައްޔާޒު ވިދާޅުވި އެވެ. "ބައެއް ބޭފުޅުން ވިދާޅުވޭ އެވަރު ނުދެއްކޭ ކަމަށް ވަންޏާ ވިޔަފާރި ނުކުރާނީއޭ. އަޅުގަނޑަށް މުޅިން ގަބޫލު ކުރެވޭ ވާހަކައެއް ނޫން އެއީ. ވިޔަފާރިއަކީ ރިސްކު ނަގައިގެން ކުރާ ކަމެއް އަދި އެކަން ކުރާތީވެ ވަޒީފާތަކެއް ކޮންމެ ހާލަތެއްގައިވެސް އެބަ އުފެދޭ. އެހެން ނުކުރެވޭ ކަމަށްވަންޏާ އެ ވަޒީފާއެއް ނުއުފެދޭނެ. އެހެންވީމަ ބެލެންސެއް ގެނެވޭތޯ ބެލުމަކީ މުހިންމު ކަމެއް،"

ރައްޔިތުންގެ މަޖިލީހުން ދެކޭ ގޮތެއް އެންގުމުން މިނިމަމް ވޭޖްއާ ބެހޭގޮތުން ވީހާވެސް އަވަހަށް ގޮތެއް ކަނޑައަޅުއްވާނެ ކަމަށް މިރޭ ފައްޔާޒު ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދެއްކި ވިޔަފާރިވެރިއަކު ވަނީ މިނިމަމް ވޭޖު ކަނޑައަޅައިފި ނަމަ އޭނާގެ ވިޔަފާރިއަށް ލިބޭނެ ގެއްލުން ކިޔައިދީފަ އެވެ. އޭނާ ބުނި ގޮތުގައި އޭނާ އަކީ ބިޑަށް ލައިގެން ސްކޫލެއްގެ ސެކިއުރިޓީ ބެލެހެއްތުމުގެ ހިދުމަތްދޭ ފަރާތެކެވެ.

އޭނާ ބުނި ގޮތުގައި ބިޑެއް ކާމިޔާބު ވަނީ ގާތްގަނޑަކަށް 20،000 ރުފިޔާ އާއި 16،000 ރުފިޔާގެ އަދަދެއް ހުށަހަޅައިގެންނެވެ. އަދި މަސައްކަތުގެ ޝަރުތެއްގެ ގޮތުގައި ހަަތަރު ސެކިއުރިޓީ ބަލަހައްޓާ މީހުން ގެންގުޅެން ޖެހޭނެ ކަމަށް އޮންނަ ކަމަށް އޭނާ ކިޔައިދިނެވެ. އެ އަގުގައި މަސައްކަތެއް ލިބިފައި އޮއްވާ މިނިމަމް ވޭޖު ކަނޑައަޅައިފި ނަމަ އެ މަސައްކަތް ކުރިއަށް ނުގެންދެވި އެއްބަސްވުން ޖެހޭނީ ބާތިލު ކުރަން ކަމަށް އެ ވިޔަފާރިވެރިޔާ ބުންޏެވެ.

އެ ވިޔާރިވެރިޔާގެ ސުވާލަކަށްވީ، އެފަދަ ހާލަތެއްގައި ސަރުކާރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވެވޭނީ ކޮން އެހީއެއްތޯ އެވެ. ޖަވާބުގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ އެއްވެސް ކަހަލަ މާލީ އެހީތެރިކަމެއް ނުދެވޭނެ ކަމަށެވެ.

comment ކޮމެންޓް