ޕީޖީގެ ނިންމުންތައް ރިވިއު ކުރަން އުފެއްދި ކޮމިޓީ އުވާލަނީ

ފެބްރުއަރީ 12، 2020: ޕީޖީ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕްރޮސެކިއުޓާ ޖެނެރަލްގެ ނިންމުންތައް މުރާޖައާ ކުރަން އެ އޮފީހުގައި އުފެއްދި ރިވިއު ކޮމިޓީގެ މަސައްކަތް ހުއްޓާލަން އެ އޮފީހުން ނިންމައިފި އެވެ.

ޕީޖީ އޮފީހުގެ ނިންމުންތައް ރިވިއު ކުރާ ކޮމިޓީ އުފެއްދީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ކަމަށް އިންތިހާބުވެވަޑައިގަތުމަށް ފަހު އެވެ. އޭރު ޕީޖީގެ މަގާމުގައި ހުންނެވީ އައިޝަތު ބިޝާމްއެވެ.

އެ ކޮމިޓީގެ މަސައްކަތަށްވީ، ދައުވާއެއް އުފުލުމަށް ނުވަތަ ނުއުފުލުމަށް ނިންމާފައިވާ ނިންމުންތަކާއި ކޮށްފައިވާ ދައުވާތައް ބަދަލު ކުރަން ފެންނަ ހާލަތުގައި އެ ދައުވާއެއް ބަދަލު ކުރުމާއި، ޝަރީއަތް ކުރުމުގެ ކުރިން މީހަކު ހައްޔަރުގައި ބަހައްޓާފައިވާ މައްސަލަތަކާއި، ޝަރީއަތް ނިމެންދެން މީހަކު ބަންދު ކޮށްފައިވާ މައްސަލަތައް މުރާޖައާ ކުރުމާއި، ނިންމުމެއް ރިވިއު ކުރުމަށް، ތުހުމަތު ކުރެވޭ ފަރާތުގެ އިހުމާލެއް ނެތި ނުނިމި ލަސްވާ މައްސަލަތައްވެސް މުރާޖައާ ކުރުމެވެ.

އެ ކޮމިޓީއާއި އެ ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދަން ޕީޖީ އޮފީހުގައި އެކުލަވާލި "އެރެސްޓް ރިމާންޑް އެންޑް ޗާޖް ރިވިއު ޔުނިޓު"ގެ މަސައްކަތް އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ނިންމާލަން ނިންމާފައިވާ ކަމަށް މިއަދު ޕީޖީ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ވަނީ ބުނެފައެވެ.

އެ ކޮމިޓީ އުވާލި ނަމަވެސް ގާނޫނު އަސާސީގެ 223 ވަނަ މާއްދާގެ (ބ)އާއި (އ) އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނުގެ 15 ވަނަ މާއްދާއާއި (ބ) އާއި (އ) ގެ ދަށުން ޕީޖީއަށް ލިބޭ ބާރުގެ ދަށުން މައްސަލަތައް ރިވިއު ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

comment ކޮމެންޓް