ރާއްޖޭގައި ވެސް ޗުއްޓީ ހޭދަކޮށްފައި ޗިލީއަށް ދިޔަ މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

ޗިލީގައި މީހަކު ވަނީ ފުރަތަމަ ފަހަރަށް ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ -- ފޮޓޯ:

ރާއްޖޭގައި ވެސް ޗުއްޓީ ހޭދަ ކުރުމަށް ފަހު ޗިލީއަށް ދިޔަ މީހަކު ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ޗިލީގެ އިންސްޓިޓިއުޓް އޮފް ޕަބްލިކް ހެލްތާ ހަވާލާދީ، ޗައިނާގެ ޝިންހުއާ ނޫސްއެޖެންސީ އިން ބުނި ގޮތުގައި، އެއީ ޗިލީގައި ވައިރަހަށް ޕޮޒިޓިވްވި ފުރަތަމަ މީހާ އެވެ. އަދި އެއީ އެގައުމުގެ ޓަލްކާ ސިޓީގައި ހުރި 33 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ ޗިލީއަށް ގޮސްފައި ވަނީ އޭޝިއާގެ ބައެއް ގައުމުތަކަށް ދަތުރު ކުރުމަށް ފަހު ޔޫރަޕް މަގުން ކަމަށް ހެލްތުން ބުންޏެވެ.

އެ މީހާއަށް ފަރުވާ ދެމުންދާ ޓަލްކާ ހޮސްޕިޓަލުން ބުނި ގޮތުގައި އެ މީހާ ވަނީ މަހެއްހާ ދުވަހުގެ ތެރޭގައި ސިންގަޕޫރު، މެލޭޝިއާ، އިންޑޮނޭޝިއާ، ރާއްޖެ އަދި ސްޕެއިނަށް ދަތުރުކޮށްފަ އެވެ. އެމީހާ ޗިލީއަށް ދިޔައީ މިދިޔަ މަހުގެ 25ގައި ކަމަށާއި ކޮވިޑް-19ގެ އަލާމާތްތައް ފެންނަން ފެށީ މިމަހުގެ އެކެއްގައި ކަމަށްވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

މިކަމާ ގުޅިގެން ރާއްޖޭގެ ހެލްތު މިނިސްޓްރީން "ސަން"އަށް ބުނީ އެ ރިޕޯޓުތަކާ ގުޅިގެން މިނިސްޓްރީން ބަލަން ޖެހޭ ކަންތައްތައް ބަލާނެ ކަމަށެވެ.

comment ކޮމެންޓް