އިންޑިއާއިން ބައެއް ބޭސްތައް އެކްސްޕޯޓު ކުރާ މިންވަރު މަދުކޮށްފި

އިންޑިއާއިން ވަނީ ބައެއް ބޭސްތައް އެކްސްޕޯޓު ކުރާ މިންވަރު މަދު ކުރަން ނިންމާފަ -- ފޮޓޯ: ރޮއިޓާސް

ދިއްލީ (މާޗް 4): އިންޑިއާއިން ބައެއް ބޭސްތަކާއި އެ ބޭސްތައް އުފައްދަން ބޭނުން ކުރާ އިންގްރިޑިއެންޓްސް އެކްސްޕޯޓު ކުރާ މިންވަރު މަދުކޮށްފި އެވެ.

އިންޑިއާއިން އެކްސްޕޯޓު ކުރުން މަދުކޮށްފައިވާ 26 ބޭހާއި ބޭސް އުފައްދަން ބޭނުންކުރާ އެކްޓިވް ފާމަސޫޓިކަލް އިންގްރިޑިއެންޓްސް (އޭޕީއައިސް)ގެ ތެރޭގައި ޕެރެސެޓްމޯލް އާއި ބައެއް އެންޓިބަޔޮޓިކްސް އާއި ވިޓަމިން ބީ12ވެސް ހިމެނެ އެވެ. އެލިސްޓުގައި ހިމަނާފައިވާ ބޭސްތަކާއި އޭޕީއައިތަކަކީ އިންޑިއާއިން މިހާރު އެކްސްޕޯޓު ކުރާ ބޭސްތަކުގެ 10 ޕަސެންޓެވެ.

އިންޑިއާއިން ބޭސް އެކްސްޕޯޓު ކުރާ މިންވަރު މަދު ކުރީ ޗައިނާގައި ކޮވިޑް-19 ފެތުރި، އޭގެ ސަބަބުން އެގައުމުގެ ގިނަ ކާރުހާނާތައް ހުއްޓުމަކަށް އައިސްފައިވަނިކޮށެވެ. ރިޕޯޓުތަކުގައިވާ ގޮތުން އިންޑިއާގައި ބޭސް އުފެއްދުމަށް ބޭނުންވާ ގާތްގަނޑަކަށް 70 ޕަސެންޓު އެކްޓިވް އިންގްރިޑިއެންޓްސް ގެންނަނީ ޗައިނާއިންނެވެ.

އިންޑިއާއަކީ ބައެއް ބާވަތްތަކުގެ ބޭސްތައް އެންމެ ގިނައިން އެކްސްޕޯޓު ކުރާ ގައުމުކަމުން، އެގައުމުން އިއްޔެ ގެނައި ބަދަލާއެކު މުޅި ދުނިޔޭގައިވެސް ބޭހުގެ ވިޔަފާރިއަށް އޭގެ އަސަރު ކޮށްފާނެ ކަމަށް ކަމާ ބެހޭ މާހިރުން ވިދާޅުވި އެވެ.

މިދިޔަ ޑިސެމްބަރު މަހު ޗައިނާއިން ފެނުނު އާ ބާވަތުގެ ކޮރޯނާވައިރަސް މިހާރު ދުނިޔޭގެ 70އަށް ވުރެ ގިނަ ގައުމަށް ފެތުރި، 94،000އަށް ވުރެ ގިނަ މީހުން ވަނީ އެ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި ކޮރޯނާވައިރަސް ޑިޒީސް ޖެހިގެން 3,219 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް