ކޮވިޑް-19: އީރާނުން ވަގުތީ ގޮތުން 54,000 ގައިދީން ދޫކޮށްލައިފި

އީރާނުގައި ކޮރޯނާވައިރަސް ޖެހި، ދެ މީހަކު ވަނީ މަރުވެފަ -- ފޮޓޯ: އީޕީއޭ

ތެހެރާން (މާޗް 4): އީރާނުގެ ތޮއްޖެހިފައިވާ ޖަލުތަކުގައި ހަލުވިކަމާއެކު އާ ކޮރޯނާވައިރަސް ފެތުރިދާނެތީ އެގައުމުގެ 54،000 ގައިދީން ވަގުތީ ގޮތުން ދޫކޮށްލައިފި އެވެ.

އީރާނުގެ ޖުޑިޝަރީގެ ތަރުޖަމާނު ގުލާމް ހުސެއިން އިސްމައިލީ ވިދާޅުވި ގޮތުގައި ދޫކޮށްލި ގައިދީންނަކީ ކޮރޯނާވައިރަހަށް ނެގެޓިވްވެ، ކަފާލާތުގެ ފައިސާ ދެއްކި މީހުންނެވެ. އަދި މުޖުތަމައަށް ނުރައްކަލެއްގެ ގޮތުގައި ބެލެވޭ، ފަސް އަހަރަށް ވުރެ ދިގު މުއްދަތަކަށް ޖަލަށް ލާން ހުކުމްކޮށްފައިވާ މީހުން ދޫނުކުރާނެ ކަމަށް ހުސެއިން ވިދާޅުވި އެވެ.

މިދިޔަ ޑިސެމްބަރު މަހު ޗައިނާއިން ފެނުނު ކޮރޯނާވައިރަސް އީރާނުން ފެނުނީ މިދިޔަ މަހުގެ 19ގަ އެވެ. އޭގެ ފަހުން އެގައުމުގައި 2,336 ވައިރަހަށް ޕޮޒިޓިވްވެ، ކޮރޯނާވައިރަސް ޖެހިގެން 77 މީހަކު ވަނީ މަރުވެފަ އެވެ.

އެގައުމުގައި ބަލި ޖެހުނު މީހުންގެ ތެރޭގައި ސަރުކާރުގެ އިސް އޮފިޝަލުން ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި އެގައުމުގެ ޑެޕިއުޓީ ހެލްތު މިނިސްޓަރާއި ގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ މުޝީރަކު ވެސް ހިމެނެ އެވެ. އަދި އީރާން ޕާލިމެންޓުގެ 290 މެމްބަރުންގެ ތެރެއިން 23 މެމްބަރަކު ވެސް ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

މުޅި ދުނިޔޭގައި ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު މިހާރު 93,000 އަށް ވުރެ އިތުރުވެފައިވާ އިރު، އޭގެ ސަބަބުން 3,203 މީހަކު މިހާރު ވަނީ މަރުވެފަ އެވެ. އަދި މަރުވި މީހުންގެ ތެރެއިން 2,981 މީހުންނަކީ ޗައިނާގައި ތިބި މީހުންނެވެ.

comment ކޮމެންޓް