އުމްރާވެރިންގެ ވިސާ ދިނުން ހުއްޓާލައި، ވިސާ ކެންސަލް

އުމުރާގެ އަޅުކަމަށް ދިވެހިންތަކެއް ދަތުރުކުރަނީ -- ފޮޓޯ: ހައްޖު ކޯޕަރޭޝަން

ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް އާ ގުޅިގެން އުމްރާވެރިންނަށް ވިސާ ދޫކުރުން ހުއްޓާލައި، މިހާތަނަށް އުމްރާ އަޅުކަމަށް ވިސާ ހޯދާފައިވާ ފަރާތްތަކުގެ ވިސާ ކެންސަލުކޮށްފި އެވެ.

ކޮވިޑް-19 ވައިރަސް ފެތުރޭތީ އުމްރާއަށް މީހުން އައުން މަނާކުރަން ސައުދީ އަރަބިއްޔާގެ ސަރުކާރުން ވަނީ މިދިޔަ މަހުގެ 27 ގައި ނިންމާފަ އެވެ.

އުމްރާއަށް މީހުން އައުން، މިވަގުތަށް މަނާކުރަން ޖެހުނީ، މިދިޔަ އަހަރު ޗައިނާއިން ފެތުރެން ފެށި ކޮވިޑް-19 ވައިރަހުގެ ނުރައްކާ މުޅި ދުނިޔެއަށް ބޮޑުވެފައި ވާތީ، ސައުދީ ރައްޔިތުންނާއި ހަރަމްފުޅަށް ޒިޔާރަތް ކުރާ އެންމެންގެ ސަލާމަތާ ރައްކާތެރިކަމަށް ޓަކައި ކަމަށް ސައުދީ ސަރުކާރުން ބުނެ އެވެ.

އެކަމާ ގުޅިގެން ރާއްޖޭގެ އިސްލާމިކް މިނިސްޓްރީއިން މިއަދު ބުނެފައިވަނީ އުމްރާވެރިންގެ ވިސާ ކެންސަލުކޮށްފައިވާކަމުގެ މައުލޫމާތު ރާއްޖޭގައި ހަރަކާތްތެރިވާ ޓްރެވެލް އޭޖެންސީތަކާ ހިއްސާކޮށްފައިވާނެ ކަމަށެވެ.

މިނިސްޓްރީއިން ބުނެފައިވަނީ ދިވެހި އުމްރާވެރިންނާއި ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އެންމެ އިސް ވާޖިބު ކަމަށެވެ. އެހެންކަމުން ސައުދީ ސަރުކާރުން އަޅާފައިވާ ފިޔަވަޅު، ސަރުކާރުން ބަލައިގަނެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުންޏެވެ.

އެފަދަ ނިންމުމެއްގެ ސަބަބުން އުމްރާ ދަތުރުތައް ރާވާފައިވާ ކުންފުނިތަކާއި އުމްރާއަށް ދިޔުމަށް ތައްޔާރުވަމުންދާ ފަރާތްތަކަށް ދިމާވާނެ ދަތިތަކާއި ކަންބޮޑުވުންތައް ހުންނާނެ ކަމަށް ގަބޫލުކުރާ ކަމަށް މިނިސްޓްރީއިން ފާހަގަކޮށްފައިވެ އެވެ. އެހެން ނަމަވެސް އެކަންކަމަކީ އުމްރާއަށް މީހުން ގެންދާ ކުންފުނިތަކުގެ އަމިއްލަ ބާރު ހިނގާކަމެއް ނޫން ކަމުން އެކަމުގައި ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް މިނިސްޓްރީއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިފަހުގެ ތާރީހެއްގައި ހައްޖާއި އުމްރާއަށް މީހުން އައުން ސައުދީއިން މުޅިން މަނާކުރި، މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުރިން 2018 ވަނަ އަހަރު ކޮރޯނާ ވައިރަހުގެ ބާވަތެއް ކަމަށްވާ، މިޑްލް އީސްޓް ކޮރޯނާވައިރަސް (މާސް) ފެތުރެން ފެށުމާ ގުޅިގެން ސައުދީއިން ވިސާ ދިނުމުގެ އުސޫލުތައް ވަރަށް ހަރުކަށި ކުރި އެވެ. އެކަމަކު، ހައްޖާއި އުމްރާއަށް މީހުން އައުން މުޅިން މަނާކޮށްފައެއް ނުވެ އެވެ.

ސައުދީ އަރަބިއްޔާގެ މީހަކަށްވެސް ދާދި ފަހުން ކޮވިޑް-19 ޖެހިފައި ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީއިން ބުނެފައިވެ އެވެ. އެގޮތުން ސައުދީ ހެލްތު މިނިސްޓްރީއިން ބުނި ގޮތުގައި ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި މީހާއަކީ އީރާނަށް ދިޔުމަށް ފަހު ބަހުރެއިން މަގުން އެނބުރި ގައުމަށް ދިޔަ މީހެކެވެ. އަދި އެމީހާ ސައުދީއަށް އެތެރެވެފައި ވަނީ އީރާނަށް ދަތުރު ކުރިކަން ހާމަނުކޮށެވެ.

comment ކޮމެންޓް