ތަފާތު ދެއްކި ލިވަޕޫލް ހަތަރު މެޗުން ތިން ބަލި، މިވީ ކިހިނެތް؟

ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ---

ސީޒަނުގެ ބޮޑުބައި އެއްވެސް ބައްޔަކާ ނުލައި ނިންމާލި ލިވަޕޫލުން ރޭ އިނގިރޭސި އެފްއޭ ކަޕުގެ ދެވަނަ ބުރުގައި ޗެލްސީ އަތުން ބަލިވެ މުބާރާތުން ކަޓައިފި އެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖް ސްޓޭޑިއަމުގައި ރޭ ކުޅުނު އެ މެޗުން ލިވަޕޫލް ބަލިވީ 0-2 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު މުބާރާތުގެ ކުއާޓާފައިނަލަށް ޗެލްސީ ވަނީ ދަތުރު ކޮށްފަ އެވެ. ރޭގެ މެޗާ އެކު ލިވަޕޫލް ވަނީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބަލިވެ ޓީމުން އަމާޒު ހިފާފައިވާ ޓްރެބަލްގެ އުންމީދު ނިމުމަކަށް އައިސްފައެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި އެތުލެޓިކޯ މެޑްރިޑު އަތުން ލިވަޕޫލް ބަލިވި އިރު ޖެހިގެން އައި މެޗުގައި ވެސްޓް ބްރޯމް އަތުން ވެސް މޮޅުވީ ކިރިޔަ ކިރިޔާ 2-3 ގެ ނަތީޖާއަކުންނެވެ. އެއަށްފަހު ރެލިގޭޝަނުގައި އޭރު އޮތް ވެޓްފޯޑް އަތުން ލީގުގައި 0-3 އިން ބަލިވި އިރު ރޭގެ މެޗުގައި ވެސް ލިވަޕޫލުގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ.

މި ހަފްތާ ވެޓްފޯޑާއި ދެކޮޅަށް ކުޅުނު މެޗުގައި ބޭނުން ކުރި ސްކޮޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ރޭގެ މެޗަށް ލިވަޕޫލުން ނުކުން އިރު ޗެލްސީއިން މެޗުގައި ލީޑު ނެދީ 13 ވަނަ މިނަޓުގައެވެ. އޭރިއާ ބޭރުން ޗެލްސީގެ ފޯވާޑް ވިލިއަން ފޮނުވާލި ބާރު ހަމަލާ ގޯލަށް ވަނީ ލިވަޕޫލުގެ ކީޕަރު އެޑްރިއަން އަތުގައި ޖެހިފައެވެ.

ދޮޅު މަހެއްހާ ދުވަހަށް ފަހު ޗެލްސީގެ އެއް ވަނަ ގޯލްކީޕަރު ކެޕާ އަރިއްޒަބަލަގާއަށް ފުރުސަތު ދީގެން ކުޅުނު މި މެޗުގައި އޭނާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. ލިވަޕޫލުން ފުލުފުލުގައި އުފެއްދި ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކުރި އިރު ދެވަނަ ގޯލު 64 ވަނަ މިނެޓުގައި ވައްދާލީ ރޮސް ބާކްލީއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ބުނީ މި ސީޒަނުގައި ބޮޑުބައިގައި އެއްވެސް މެޗަކުން ބަލިނުވެ އާދެވުނީ ރަނގަޅަށް ޑިފެންސްކުރުމުން ކަމަށެވެ.

"ވޭތުވެ ދިޔަ ހަތަރު މެޗުގައި ވަރަށް ދަށްކޮށް ޑިފެންސް ކުރެވުމުގެ ނަތީޖާ މިއީ. ވަންނަން ނުޖެހޭ ވަރަށް ގޯލު ވަދެގެން ބަލިވީ،" ކްލޮޕް ބުންޏެވެ.

comment ކޮމެންޓް