ބައްޔާ ގުޅިގެން ސަރުކާރުން ދޮގެއް ނުހަދާނެ: އީވާ

2019 ވަނަ ރައްޔިރުން މަޖިލީހުގެ ޖަލްސާގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ކޮވިޑް19 ނުވަތަ ކޮރޯނާ ވައިރަސް އާ ގުޅޭގޮތުން، އެއްވެސް ކަމެއް ފޮރުވައި ދިވެހި ސަރުކާރުން ދޮގުނުހަދާނެކަމުގެ ޔަގީންކަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އީވާ ވިދާޅުވީ ރާއްޖޭގައި މީހަކަށް ކޮވިޑް19 ޖެހިގެން އުޅޭ ކަމަށާއި، އަދި ސަރުކާރުން އެކަން ފޮރުވައި ދޮގު ހަދަނީކަމަށް ބުނެ، ބައެއް ފަރާތްތަކުން ފާއިތުވި ދެ ދުވަހު އީވާއަށްވެސް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.

ނަމަވެސް ރައްޔިތުންނާ ސަރުކާރުގެ ކަންބޮޑުވުން ވެސް އޮތް މިފަދަ ސީރިއަސް ކަމެއްގައި ދޮގު ހަދައިގެން ސަލާމަތްވެވޭނެ ކަމަށް ސަރުކާރުން ގަބޫލުނުކުރާނެ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެން ވަރަށް ޔަގީންކަމާއެކު މި ދަންނަވަނީ މީހަކަށް ރާއްޖޭގައި ކޮރޯނާ ވައިރަސް ޖެހިއްޖޭ ކިޔައިގެން ވާހަކަ ފެތުރެމުން ދިޔަސް ރައްޔިތުންނަށް ޔަގީންކަން އަޅުގަނޑު އަރުވަނީ ސަރުކާރަކުން ދޮގެއް ނުހަދާނެކަން،" އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ސަރުކާރުން ބައްޔާ ގުޅިގެން އަޅަމުން ގެންދާ ފިޔަވަޅުތައް އެއްވެސް ސިއްރުކަމެއް ނެތި ފުރިހަމައަށް ހާމަކުރަމުންދާ ކަމަށެވެ. އެގޮތުން މިއަދާ ހަމައަށް ވެސް ކަރަންޓީން ކުރާ މީހުންގެ ފުރިހަމަ މައުލޫމަތާއި، ބައްޔަށް ޓެސްޓު ކުރެވެން ފެށި ހިސާބުން ޓެސްޓުކުރި މީހުންގެ ނަތީޖާވެސް ފުރިހަމައަށް ދުވަހުން ދުވަހަށް ހާމަކުރަމުންދާ ކަމަށެވެ.

އީވާ ވިދާޅުވީ މިކަމުގައި ސަރުކާރުން ދޮގު ހަދައިގެން ކަންކަން ސިއްރުކުރާ ކަމަށް ހީވަނީ، ކުރީ ސަރުކާރުން އެގޮތަށް ކަންކަން ކޮށްފައި އޮތުމުން، ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ބިރުވެރިކަމެއްގެ ސަބަބުން ކަމަށެވެ.

"އެއްވެސް ޝައްކެއް ނެތް މި ބަލި ރާއްޖެއަށް އަތުވެއްޖެއްޔާ ދިވެހިރާއްޖޭގެ ސަރުކާރުން އެކަން ފޮރުވާކަށް ނޫޅޭނެ،" އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ މި ބަލި ޖެހޭ ކޮންމެ މީހަކު ސީރިއަސް ނުވާކަމަށާއި، ބަލި ޖެހޭ ކޮންމެ މީހަކު މަރު ނުވާކަމަށެވެ. ސާފުތާހިރުކަން އިތުރުކޮށް، ތެދު މައުލޫމާތު ހޯދައިގެން ކަންކަން ކުރާނަމަ ބަލިން ރައްކާތެރިވުމުގެ ފުރުސަތު ބޮޑުކަމަށް އީވާ ވިދާޅުވިއެވެ.

"އެހެންވީމަ ކުރެވެން އޮތް އެންމެ ރަނގަޅު ކަމަކީ ތެދު މައުލޫމާތު އޮޅުން ފިލުވާލައިގެން ތިބުން،" އީވާ ވިދާޅުވިއެވެ.

މިހާތަށް އެކި އެކި ގައުމުތަކުން 93،000 އަށް ވުރެ ގިނަ މީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު، މަރުވި މީހުންގެ އަދަދު ވަނީ 3،000 އަށް އަރާފައެވެ. ބަލި ޖެހިގެން ރަނގަޅުވި މީހުންގެ އަދަދަކީ، 50،800 އެވެ. އާންމު ގޮތެގައި ބަލި ޖެހިގެން މަރުވަނީ، އުމުރުން ދުވަސްވުމުގެ ސަބަބުން ނުވަތަ އެހެން ބައްޔެއްގެ ސަބަބުން ދިފާއީ ނިޒާމް ބަލިކަށި މީހުންނެވެ

comment ކޮމެންޓް