ޓްރަމްޕް، ތާލިބާނުންގެ ޒައީމާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފި

ޓްރަމްޕް އަދި ތާލިބާނުންގެ ސިޔާސީ ޒައީމް މުއްލާ ބަރަދާރު

ވައިޓް ހައުސް (4 ފެބްރުއަރީ 2020) : އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ތާލިބާނުންގެ ސިޔާސީ ޒައީމް މުއްލާ އަބްދުލްޣަނީ ބަރަދާރު އާ ފޯނުން ގުޅުއްވައި އަފްޣާން މައްސަލައާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

ވައިޓް ހައުސްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރަމްޕް ވިދާޅުވީ އޭނާއަކީ ތާލިބާނުންގެ އިސްވެރިއަކާ މަޝްވަރާކުރެއްވި އެމެރިކާގެ ފުރަތަމަ ރައީސްކަމަށާ މުއްލާ ބަރަދާރު އާ ފޯނުން މަޝްވަރާކުރެއްވީ އަފްޣާނިސްތާނަށް ސުލްޙަ ގެނައުމާ ބެހޭ ގޮތުން ކަމުގައެވެ. ތާލިބާނުންގެ ތަރުޖަމާން ޒަބީހުﷲ މުޖާހިދު ވެސް ވަނީ އެޖަމާއަތުގެ ސިޔާސީ ޒައީމް މުއްލާ ބަރަދާރު އާ ޓްރަމްޕް ފޯނުންގުޅުއްވައި މަޝްވަރާ ކުރެއްވިކަން ކަށަވަރުކޮށްދީފަ އެވެ. ދެބޭފުޅުންގެ ވާހަކަތައް ބައިގަޑީއިރަށް ދިގު ދެމިގެންދިޔަކަން ރޮއިޓާސް އަށް ދިން ބަޔާނެއްގައި މުޖާހިދު ހާމަކުރިއެވެ. ތާލިބާނުންގެ ސިޔާސީ ޒައީމް މުއްލާ ބަރަދާރަކީ ގަތަރުގައި ހުންނަ ތާލިބާނުންގެ ސިޔާސީ އޮފީހުގެ ވެރިޔާ އެވެ.

އަފްޣާނިސްތާނުގައި ހިނގަމުންދާ 18 އަހަރުވީ ދިގުލީ ހަނގުރާމަ ކާމިޔާބުކުރަން އެމެރިކާ ނުކުޅެދުމުން އެމެރިކާވަނީ މީގެ ދެއަހަރު ކުރިން ތާލިބާނުންނާ އެކު ސުލްޙައިގެ ވާހަކަތައް ފަށައި މިދިޔަ ހަފްތާގައި ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމަށްފަހު ވެސް އެމެރިކާ ގެންގުޅޭ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން ތާލިބާނުންގެ ނަން އުނިކޮށްފައެއް ނުވެއެވެ.

ސުލްހައިގެ އެއްބަސްވުމުގެ އަސާސަކީ އަފްޣާނިސްތާނުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުންކަމަށް ވިޔަސް ތާލިބާނުންވަނީ އަފްޣާން ޖަލުތަކުގައިވާ އެޖަމާއަތުގެ ހަނގުރާމަވެރިން އަވަހަށް މިނިވަންކޮށް ނުދީފިނަމަ އަފްޣާން ސަރުކާރު ސިފައިންނަށް ހަމަލާތައްދޭނެ ކަމުގެ އިންޒާރު ދީފައެވެ. އަފްޣާން ޖަލުތަކުގައި ތާލިބާނުންގެ 10 ހާސްހަނގުރާމަވެރިން އަސީރުންގެ ގޮތުގައި ތިބިކަމަށް ރިޕޯޓްތައް ބުނާއިރު އޭގެތެރެއިން 5،000 މީހުން ވަގުތުން މިނިވަންކުރާނެކަމުގެ ޔަގީންކަން އެމެރިކާ ދީފައިވާ ކަމަށް ތާލިބާނުން ބުނެއެވެ. ނަމަވެސް ތާލިބާނުންގެ އަސީރުން ތިބީ އެމެރިކާގެ އަތްދަށުގައި ކަމަށްނުވާތީ އެމެރިކާއާއި ތާލިބާނުން ސޮއިކުރި އެއްބަސްވުމުގައި އެކަން ނުހިމެނޭކަމަށް އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ވަނީ ވިދާޅުވެފަ އެވެ.

މި އެއްބަސްވުމާއެއްގޮތަށް ތާލިބާނުން އަމަލުކުރާނަމަ އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ހުރިހާ ސިފައިންނާއި ނޭޓޯގެ ހުރިހާ ސިފައިން 14 މަސް ތެރޭގައި ބޭލުމަށް އެމެރިކާ ވަނީ އެއްބަސްވެފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ކުރުމަށް ތާލިބާނުން އެއްބަސްވި ކަންތައްތަކުގެ ތެރޭގައި ހަމަލާތައް ހުއްޓާލުމުގެ އިތުރުން ތާލިބާނުންގެ ކޮންޓްރޯލްގެ ދަށުފައިވާ އެއްވެސް ސަރަހައްދެއްގައި އަލްގައިދާވެސް އެނޫން ޖަމާއަތެއްވެސް ހަރަކާތްތެރިވުމުގެ ހުއްދައާއި ފުރުސަތު ނުދިނުން ހިމެނެއެވެ.

އެމެރިކާއާއި ތާލިބާނުންގެ އެއްބަސްވުމުގައި ތާލިބާނުން އަފްޣާން ސަރުކާރާ ސުލްޙައިގެ ވާހަކަތައް ފެށުމާއި ބާރުގެ ބޭނުންކޮށްގެން އަފްޣާން ވެރިކަމުގެ ނިޒާމު ވައްޓާލަން މަސައްކަތް ނުކުރުން ވެސް ތާލިބާނުންނަށް ލާޒިމު ކުރެ އެވެ. (އަލްޖަޒީރާ+ރޮއިޓާސް)

comment ކޮމެންޓް