ކޮވިޑް19: ރާއްޖެ ކާޑަށް ޖެހިދާނެތީ އެކަމަށް ތައްޔާރުވާން ގޮވަލާ ކުއްލި މައްސަލައެއް

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު -- ފޮޓޯ/ މަޖިލިސް

ކޮވިޑް19 ނުވަތަ ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖެއަށް ކާޑުގެ ދަތިކަން ފޯރާފާނެތީ އެކަމަށް ދުރާލާ ތައްޔާރުވާން ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

މެމްބަރު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ދުނިޔޭގައި ހަލުވިކަމާއެކު ވައިރަސް ފެތުރެމުން އަންނަ ކަމާއި، އަވަށްޓެރި ގައުމުތަކުގައިވެސް ބަލި ފެތުރެމުން އަންނަކަމާއި އަދި ރާއްޖޭގައި ވެސް ބަލި ފެތުރުމުގެ ބިރު ބޮޑުކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވާކަން ވަނީ ފާހަގަކުރައްވައިފައެވެ.

ހަމައެއާއެކު ބަލީގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ނޭދެވޭ އަސަރު ކުރަމުން އަންނަކަމާއި ރާއްޖެއަކީ ތެލާއި ކާޑުގެ ބާވަތްތައް ބޭރުން އެތެރެކުރާ ގައުމެއް ކަމާއި، އެތަކެތި އަތޮޅު ތެރެއަށް ބެހިގެން ދަނީ އާންމުން ދަތުރުކުރާ އުޅަނދުތަކުގައި މާލެއިން ކަމާއި އަދި ރަށްތަކުގައި އެތަކެތި ރައްކާތެރިކޮށްފައި ބެހެއްޓޭނެ އިންތިޒާމު ހަމަޖެހިފައި ނެތްކަމަށްވެސް ވިދާޅުވެފައިވެއެވެ.

އަދި ރަށްރަށުގެ ފިހާރަތަކަށް އެތަކެތި ގެންދަނީ ގިނަވެގެން ދެ ހަފްތާއެއްހާ ދުވަހަށް ރަށަށް ފުދޭ ވަރަށް ކަމަށާއި ރާއްޖެއިން ކޮރޯނާވައިރަސް ފެނިއްޖެނަމަ ރާއްޖެއަށް ދަތުރުކުރާ އާގުބޯޓުފަހަރުގެ ދަތުރުތައް ހުއްޓި ތެލާ ކާޑުގެ ބާވަތްތައް އެތެރެކުރުން ދަތިވެ، ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެހެންކަމުން އެކަށީގެންވާ މުއްދަތަކަށް މުޅި ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް ދުރާލާ އެތެރެކޮށް، ރާއްޖޭގެ އެކި ސަރަހައްދުތަކުން ލިބޭނެ އިންތިޒާމް ހަމަޖައްސައި އެއްވެސް ރަށަކަށް ދަތުރުކުރުން ހުއްޓާލަން ޖެހިއްޖެނަމަ އެރަށަކަށް ކާޑުގެ ބާވަތްތައް އެތެރެކުރެވޭނެ އިންތިޒާމް ގާއިމުކޮށް ރާއްޖޭގެ ރައްޔިތުންނަށް ތެލާ ކާޑުގެ ދަތިކަން ނުފޯރާނެކަން ކަށަވަރުކުރުމަށް މެމްބަރު ވަނީ ސަރުކާރަށް ގޮވާލައްވައިފައެވެ.

މިއަދުގެ ޖަލްސާގައި 44 މެމްބަރުންގެ ވޯޓުން، އެ ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ، ބަހުސް ވަނީ ފަށައިފައެވެ.

comment ކޮމެންޓް