އާންމުންގެ ފަރާތުން ޖޭއެސްސީއަށް ފަސް ބޭފުޅަކު ކުރިމަތިލައިފި

ޖޭއެސްސީގެ މެމްބަރުން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އާންމުންގެ ފަރާތުން ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އަށް ފަސް ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

ޖޭއެސްސީއަށް އާންމުންގެ ފަރާތުން ބޭފުޅަކު އައްޔަން ކުރަން ހުޅުވާލީއާންމުންގެ ތެރެއިން ޖޭއެސްސީގައި މިހާރު އިންނަވާ ބޭފުޅާގެ ދައުރު ހަމަވާތީ އެވެ.

ޖޭއެސްސީގައި އާންމުންގެ ފަރާތުން މިހާރު އިންނަވަނީ، އަބްދުލް ހަންނާން އަހުމަދެވެ.

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން ވިދާޅުވީ އެ މަގާމަށް އާންމުންގެ ތެރެއިން ބޭފުޅަކު ކުރިމަތިލާން މަޖިލީހުން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލީ ފަސް ފަރާތަކުން ކަމަށެވެ. މީގެ ކުރިން ވެސް ދެ ފަހަރަކަށް އިއުލާން ކުރި ނަމަވެސް، އެކަށީގެންވާ ތަރުހީބެއް ނުލިބުމުން އަލުން އިއުލާން ކުރީ އެވެ. މިފަހަރު ކުރިމަތިލީ އެބޭފުޅުންނަކީ؛

1. އާމިނަތު އުއްމުކުލްސޫމް މޫންލައިޓް ހައުސް / ސ. މަރަދޫ

2. އަލީ މުހައްމަދު މަނިކު ދަފްތަރު ރ.ސ 1151

3. އާދަމް މިގްދާދް ހ. ރޯޒްމެރީ

4. އަހްމަދު މިޒްމާދް މއ. ލޫބީން

5. އަހްމަދު ނަސީރު އާބާދުވިލާ / ސ. މީދޫ

އެ ނަންތައް ދިރާސާކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މިހާރު ވަނީ ފޮނުވައިފައެވެ. ނަޝީދު ވަނީ ޖުޑީޝަރީ ކޮމިޓީން މި މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ގެންގޮސް ނިންމަވާ ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ޖޭއެސްސީއަށް އާންމުންގެ ފަރާތުން ކުރިމަތިލާ ފަރާތްތަކުގެ ހުންނަން ޖެހޭ ޝަރުތުތަކަކީ، މުސްލިމަކު ކަމުގައިވުމާއި 25 އަހަރުން މަތީގެ މީހަކަށް ވުމާއި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކޮށްފައިވާ މީހަކަށް ނުވުން އަދި ސިޔާސީ މަގާމެއްގައި ހުރި ފަރާތަކަށް ނުވުމެވެ.

comment ކޮމެންޓް