އިންތިހާބު ލަސްކުރަން އެދިފައެއް ނެތް، ވިސްނުމެއް ވެސް ނެތް: އީސީ

އަކްރަމް: އިންތިހާބު ލަސް ކުރުމަށް އެއްވެސް ފަރާތަކުން ނޭދޭނެ ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ލަސް ކުރުމަށް އެއްވެސް ޕާޓީއަކުން އަދި އެއްވެސް ފަރާތަކުން އަދި މިހާތަނަށް އެދިފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފި އެވެ.

އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާ މެމްބަރު އަހުމަދު ޝިޔާމް މިއަދު ވަނީ އެމްޑީޕީން އިންތިހާބު ލަސް ކުރުމަށް އެދިފައިވާ ކަމަށް ދޭހަވާ މޭރުމަކުން ޓްވީޓެއް ކުރައްވާފަ އެވެ.

އެކަމާ ގުޅިގެން "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަދި ތަރުޖަމާނު އަހްމަދު އަކްރަމް ވިދާޅުވީ، މިހާތަނަށް އެއްވެސް ޕާޓީއަކުން އަދި އެއްވެސް ފަރާތަކުން އެފަދަ ހުށަހެޅުމެއް ހުށަހަޅާފައި ނުވާ ކަމަށާއި ކޮމިޝަނުންވެސް އެފަދަ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ.

"އިރާދަކުރެއްވިޔާ ތާވަލް ކުރެވިފައިވާ ތާރީހަށް އިންތިހާބު އޮންނާނެ. ކޮމިޝަންގެ ވިސްނުމެއް ނެތް އިންތިހާބު ލަސްކުރުމުގެ. އަދި އެއްވެސް ފަރާތަކުންވެސް އެފަދަ ހުށަހެޅުމެއްވެސް މިހާތަނަށް ކޮމިޝަނަށް ހުށަހަޅާފައި ނުވޭ،" އަކްރަމް ވިދާޅުވި އެވެ.

ޓްވީޓާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ޝީޔާމް މިއަދު "ސަން" އަށް ވިދާޅުވީ، އެމްޑީޕީން އިންތިހާބު ލަސް ކުރަން އެދޭނެ ކަމަށް އަޑު އިވިފައިވާ ކަމަށެވެ. އަދި އެކަން ކުރަން އުޅެނީ، އެމްޑީޕީއަށް އޮތް ސަޕޯޓު ކުޑަވުމުން މަޝްރޫއުތަކެއް ފެށުމަށް ވަގުތު ހޯދައި، ތާއީދު އިތުރު ކުރުމަށް ކަމަށެވެ.

ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު ހަތަރު ވަނަ ދުވަހު އެވެ.

comment ކޮމެންޓް