ޕްރޮކިޔުމަންޓް ޕޮލިސީ ބޯޑަށް މެންބަރުން އައްޔަނުކޮށްފި

ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ޕްރޮކިޔުމަންޓް ނިޒާމު ހަރުދަނާކޮށް ޕްރޮކިޔުމަންޓާ ގުޅޭ ސިޔާސަތުތައް އެކުލަވާލާ ތަންފީޒު ކުރުމަށް އެކުލަވާލާފައިވާ ބޯޑަށް މެންބަރުން އައްޔަނު ކޮށްފި އެވެ.

ޕްރޮކިޔުމަންޓް ޕޮލިސީ ބޯޑުގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބޯޑެއް އުފައްދާފައި ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.

މި ބޯޑުގެ މެންބަރުންގެ ގޮތުގައި އައްޔަނު ކޮށްފައިވަނީ

  1. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު (ޗެއާޕާސަން)
  2. އަހުމަދު ޝަރީފް ( ފިނޭންސްގެ ސްޓޭޓް މިނިސްޓަރު)
  3. އަޖުވަދު މުސްތޮފާ
  4. އިބްރާހިމް ނައީމް
  5. ޑރ. މުހައްމަދު އާދިލް
  6. ޝިފާޒް އަލީ
  7. ޝުހާދު އިބްރާހިމް

ދައުލަތުގެ ޕްރޮކިއުމަންޓާބެހޭ ސިޔާސަތުތައް އެކުލަވާލުމާއި، ޕްރޮކިއުމަންޓްގެ ކަންތައްތައް ހިންގާނެ ގަވާއިދުތަކާއި، އުސޫލުތަކާއި، ގައިޑްލައިންތަކާއި، މިންގަނޑުތައް ކަނޑައެޅުމާއި، އެ މިންގަނޑުތަކާ އެއްގޮތަށް ދައުލަތުގެ އޮފީސްތަކުގެ ޕްރޮކިއުމަންޓްގެ ކަންތައްތައް ހިނގާތޯ ބެލުމަކީ ފިނޭންސް މިނިސްޓްރީގެ ޒިންމާއެކެވެ.

މީގެ އިތުރުން ދައުލަތުގެ ޕްރޮކިއުމަންޓާ ބެހޭ ކަންތައްތައް ހަރުދަނާކުރުމާ ބެހޭ ގޮތުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ލަފައާއި މަޝްވަރާ ދިނުމަކީ ވެސް އެ މިނިސޓްރީގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ފިނޭންސް މިނިސްޓްރީގެ މީދިއާ އޮފިޝަލް ސަން އަށް ވިދާޅުވީ އެ ބޯޑުގެ މެމްބަރުންނަށް އެލަވަންސެއް ނޫނީ ސިޓިން އެލަވަންސެއް ވެސް އަދި ދިނުމަށް ހަމަޖެހިފައި ނުވާ ކަމަށެވެ.

comment ކޮމެންޓް