މިނިމަމްވޭޖް ބޯޑު ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފި

އިގްތިސޯދީ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ އަހްމަދު އަވްޝަން އިލްޔާސް

އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުމަށް މިނިމަމް ވޭޖް ބޯޑުން އެކުލަވާލި ރިޕޯޓާ ގުޅިގެން އެ ބޯޑު މަޖިލީހުގެ އިގްތިސޯދީ ކޮމިޓީއަށް ހާޒިރު ކުރުމަށް އެ ކޮމިޓީން ފާސްކޮށްފި އެވެ.

މިނިވަން ވޭޖް ބޯޑުން އެކުލަވާލި ރިޕޯޓް އިކޮނޮމިކް މިނިސްޓްރީން ވަނީ މަޖިލީހަށް ފޮނުވައި، މަޖިލީހުގެ ލަފައަކަށް އެދިފަ އެވެ. އެ ރިޕޯޓު ދިރާސާކޮށް އަރުވާނެ ލަފައަކާމެދު މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން އަންނަނީ މަޝްވަރާކުރަމުންނެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ޖުމްލަ ތިން ހުށަހެޅުމެއް ހުށަހެޅުނެވެ. އެގޮތުން ތިނަދޫ އުތުރު ދާއިރާ މެމްބަރު އަބްދުލް މުޢުނީ ހުށަހެޅުއްވީ ރިޕޯޓާ ގުޅިގެން އެކި ސިނާއަތްތަކުގެ ބޭފުޅުންނާ ބައްދަލުކުރަމަށެވެ. ދެވަނަ ހުށަހެޅުއްގެ ގޮތުގައި ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހްމަދު ހުށަހެޅުއްވި، ވީހާ ވެސް އަވަހަކަށް މިނިމަމް ވޭޖް ބޯޑާ ބައްދަލު ކުރަމަށެވެ. އަދި އިތުރު ބަޔަކާ ބައްދަލު ކުރާނަމަ އެއަށް ފަހު އެކަމާ މެދު ގޮތެއް ނިންމުމަށެވެ. ފަހު ހުށަހެޅުއްމެއްގެ ގޮތުގައި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާ މެމްބަރު މުހައްމަދު ޝިޔާމް ހުށަހެއްޅުއްވީ، މިނިމަމް ވޭޖުގެ ގޮތުގައި 10،000 ރުފިޔާ ކަނޑައެޅުމަށެވެ.

ތިން ހުށަހެޅުމުގެ ތެރެއިން ވޯޓަށް އަހައި، ފާސްވީ ހަމައެކަނި މިނިމަމް ވޭޖް ބޯޑާ ބައްދަލުކުރެއްވުމުގެ ހުށަހެޅުމެވެ.

ދިރާސާ ކުރުމުގެ މަރުހަލާގައި އޮތުމުން ޝިޔާމްގެ ހުށަހެޅުމަށް ވޯޓަށް ނޭހި!

ޝިޔާމް: 10،000އަށް މިނިމަމް ވޭޖް ބޮޑުކުރަން އޭނާ ހުށަހެޅި ހުށަހެޅުމަށް ވޯޓަށް ނާހާ --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކޮމިޓީ ބައްދަލުވުމުގައި ޝީޔާމް ވިދާޅުވީ، މި ސަރުކާރުން ރިޔާސީ ކެމްޕެއިންގައި ބުނަމުން އައީ 10،000 ރުފިޔާގެ ގޮތުގައި ކުޑަ އުޖޫރުގެ ގޮތުގައި ކަނޑައެޅުމަށް ކަމަށެވެ. ނަމަވެސް މިހާރު މިނިމަމް ވޭޖް ބޯޑުުގައި ލަފާ އަރުވާފައި އޮތީ އެގޮތަށް ނޫން ކަމަށާއި ބޯޑުގެ ލަފާއަކީ އެކި ސިނާއަތްތަކަށް އެއަށް ވުރެ ކުޑަ އުޖޫރެއް ކަނޑައެޅުމަށް ކަމަށެވެ.

"އަޅުގަނޑަށް ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި، [އަދި] ފޮތިގަނޑުތަކުގައިއާ ފެނުނީ 10،000 އެއީ މިނިމަމް ވޭޖްގެ ގޮތުގައި ޖަހާފައި އޮތް ތަން. އަޅުގަނޑުމެން ކީއްވެގެންތޯ [މިނިމަމް ވޭޖް ކަނޑައެޅުމުގައި] އެކި ސެކްޓާތަކުގެ ތަފާތު މި ގެންގުޅެނީ. ސަރުކާރުން އޭރު ވައުދުވި ގޮތަށް އަޅުގަނޑު ހުށަހަޅަން 10،000 ރުފިޔާ ހުރިހާ ސެކްޓާތަކަށް މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅަން،" ޝިޔާމް ވިދާޅުވި އެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުުގެ ތެރެއިން ---- ފޮޓޯ/ މަޖިލިސް

ޝިޔާމް ވިދާޅުވީ، ސަރުކާރުގެ ވައުދު ފުއްދެނީ 10،000 ރުފިޔާ ކުޑަ އުޖޫރައިގެ ގޮތުގައި ދީގެން ކަމަށެވެ.

އެމްޑީޕީން މަޖިލިސް އިންތިހާބަށް އެކުލަވާލި "އެޖެންޑާ 19"ގެ މެނިފެސްޓޯގައި އެކި އެކި ސިނާއަތްތަކަށް ތަފާތު ކުޑަ އުޖޫރުތަކެއް ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން ހަމައެކަނި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މަހަކު 10،000 ރުފިޔާ ކުޑަ އުޖޫރުގެ ގޮތުގައި ކަނޑައެޅުމަށް މެނިފެސްޓޯގައި ވަނީ ހިމަނާފަ އެވެ. އެހެން ސިނާއަތްތަކަށް ވަނީ އެހެން އަދަދުތަކެއް ކަނޑައަޅާފަ އެވެ. މެނިފެސްޓޯގައި އެހެން އޮތް ނަމަވެސް، ރިޔާސީ ބައެއް ކެމްޕެއިން ޕޯސްޓަރުތަކުގައި ކުޑަ އުޖޫރައިގެ ގޮތުގައި 10،000 ދޭނެ ކަމަށް ޖަހާފައިވެ އެވެ.

ޝިޔާމް އެގޮތަށް ވިދާޅުވުމުން އެމްޑީޕީ މެމްބަރުން ޝީޔާމަށް ރައްދު ދެއްވައި ވިދާޅުވީ، އެފަދަ ވައުދެއް އެމްޑީޕީން ނުވާ ކަމަށެވެ. ހަގީގަތް އޮޅުވާލަނީ ކަމަށް އެމްޑީޕީ މެމްބަރުން ވިދާޅުވި އެވެ.

ރިޕޯޓު އަދި ވެސް ދިރާސާކޮށް، މައުލޫމާތު އެއްކުކުރުމުގެ މަރުހަލާގައި އޮތުމުން ކޮމިޓީގެ މުގައްރިރު، އަލިފުށީ ދާއިރާ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ނިންމެވީ ޝިޔާމްގެ ހުށަހެޅުމަށް ވޯޓަށް ނޭހުމަށެވެ. އަދި އެމްޑީޕީ މެމްބަރުންވެސް އޭރު ވިދާޅުވަމުން ދިޔައީ އެ ހުށަހެޅުމަށް ވޯޓަށް ނޭހޭނެ ކަމަށެވެ.

"މައުލޫމާތުތައް އެއްނުކޮށް، ކޮމިޓީން ކުއްލިއަކަށް އަދަދެއް ކަނޑައަޅައި ނިންމީމަ، އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ގިނަ މެމްބަރުންނަށް ފެނިވަޑައިނުގަންނަވާ. ގިނަ މެމްބަރުން އެފާހަގަ ކުރައްވަނީ ރަނގަޅު ވާހަކައެއް ކަމަށް ފެންނަނީ،" ބިގޭ ވިދާޅުވި އެވެ.

މުގައްރިރު ބިގޭ: ޝިޔާމްގެ ހުށަހެޅުމަށް ވޯޓަށް ނޭހީ ދިރާސާ ކުރާ މަރުހަލާގައި އޮތުމުން ކަމަށް އޭނާ ވިދާޅުވި --- ފޮޓޯ/ މަޖިލިސް

އޭނާ ވިދާޅުވީ، ކޮމިޓީގެ މަސައްކަތްތައް ކުރިއަށްދާވަރަކަށް އަލުން ޝިޔާމް އެފަދަ ހުށަހެޅުމެއް ހުށަހަޅުއްވައިފި ނަމަ ވޯޓަށް އަހާނެ ކަމަށެވެ.

ބައްދަލުވުމުގައި އެންމެ ފުރަތަމަ ހުށަހެޅުން ހުށަހެޅުއްވި މުޣުނީގެ ހުށަހެޅުމަށް ވެސް ބިގޭ ވޯޓަށް ނާހަ އެވެ. ދެވަނަ ހުށަހެޅުމަށް ވޯޓަށް އެހުމަށް ފަހު، ބިގޭ ވިދާޅުވީ މުޣުނީގެ ހުށަހެޅުމަށް ވޯޓަށް އެހުމުގެ ބޭނުމެއް ނެތް ކަމަށެވެ.

މަދަމާ ރޭ ރައްޔިތުންގެ މަޖިލީހުން ވަނީ ކުޑަ އުޖޫރައާ ގުޅޭ ގޮތުން އާންމުނެގ ހިޔާލު ހޯދުމަށް ފޯރަމެއް ބޭއްވުމަށް ނިންމާފަ އެވެ. އޭ ފޯރަމް އޮންނާނީ މަދަމާރޭ 8:15 އިން 10:30 އަށް މަޖިލީހުގެ އިދާރާގައެވެ.

މިނިމަމް ވޭޖު ބޯޑުގެ ލަފަޔަކީ، އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމަށެވެ. އަދި ޓޫރިޒަމް ދާއިރާ އާއި ސިވިލް ސާވިސްގައި މަސައްކަތްކުރާ މީހުންނަށް މިނިމަމް ވޭޖުގެ ގޮތުގައި 6،400-8،600 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށް ލަފާދީފައިވެ އެވެ.

comment ކޮމެންޓް