މަލް ބަންދު ނުކުރަން ކުރި އަމުރު ހައިކޯޓުން ބާތިލުކޮށްފި

ފިލްމީ ތަރި މަލް: އޭނާގެ މައްޗަށް ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައި ---

މަސްތުވާތަކެތީގެ މައްސަލައެއްގައި ފިލްމީ ތަރި މަލީހާ ވަހީދު (މަލް) ހައްޔަރުކޮށް ބަންދު އިތުރު ކުރުމަށް ކުރިމިނަލް ކޯޓުން ގެންދިޔުމުން ދޫކޮށްލަން ނިންމައި ނެރުނު އަމުރު ހައިކޯޓުން ބާތިލްކޮށްފި އެވެ.

މަލް ހައްޔަރުކޮށް ބަންދުގައި ބަހައްޓަން ދައުލަތުން އެދުނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ޖިނާއީ ބޮޑު ކުށަކަށްވެފައި އޭނާ ބަންދުން ދޫވެފައި ހުރުމުން، މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އެވެ.

އެކަމަކު މިިދިޔަ އަހަރުގެ ސެޕްޓެމްބަރު 26 ވަނަ ދުވަހު މަލް ބަންދު ނުކޮށް، ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމީ މަލްއާއެކު ދެން ހައްޔަރު ކުރި އަންހެން މީހާވެސް ބަންދު ނުކޮށް ދޫކޮށްލާފައިވާތީ އެވެ.

އެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އޭނާ ބަންދު ނުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލު ކުރީ މަލްގެ މައްޗަށް ކުރެވެނީ ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތަކަށްވެފައި އޭނާއާ ދެކޮޅަށް ތުހުމަތެއް ކުރެވޭ ވަރަށް ހެކި ހުރުމުންނެވެ. އަދި އޭނާ ދޫވެފައި ހުރުމަކީ މުޖުތަމައުއަށް ނުރައްކަލެއް ކުރިިމަތިވެދާނެ ކަމެއް ކަމަށް ބުނެ އެވެ.

ބަންދުގައި ބެހެއްޓުމަށް ދައުލަތުން އަލުން ކުރިމިނަލް ކޯޓަށް ހުށަހަޅައިފިނަމަ، ހައިކޯޓުން ކަނޑައެޅި ކަންކަމަށް ރިއާޔަތްކޮށް ބަންދާ މެދު ގޮތެއް ނިންމަން ޖެހޭނެ ކަމަށް ހައިކޯޓުން ކަނޑައެޅި އެވެ.

".... ނަމަވެސް މަލީހާ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށުގެ މައްސަލައަކީ ކްރިމިނަލްކޯޓަށް މިހާރު ހުށަހެޅި ޝަރީއަތުގައި އޮތް މައްސަލައެއް ކަމުން، އެ މައްސަލައިގައި މަލީހާ ވަހީދުގެ ބަންދާމެދު ގޮތެއް ނިންމަންޖެހޭނީ އެމައްސަލަ ބަލާ ކޯޓުން، އެމައްސަލަ ބަލާ ފަނޑިޔާރުކަމާއި، އެހެންކަމުން، މަލީހާ ވަހީދު ބަންދުގައި ބަހައްޓައިދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިނަމަ، އިސްވެ ފާހަގަ ކުރެވިދިޔަ ކަންކަމުގެ އަލީގައި ގޮތެއް ކަނޑައަޅަން ޖެހޭނެ ކަމުގައެވެ." ހުކުމުގައިވެ އެވެ.

މަލްގެ މައްޗަށް ކޮށްފައި ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އެވެ. އެ މައްސަލަ މިހާރުވެސް ކުރިމިނަލް ކޯޓުގައި ކުރިއަށް އެބަދެ އެވެ. އެ މައްސަލަަ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އައިސް ދާނެ އެވެ.

comment ކޮމެންޓް