ދައުލަތުގެ ހެކީންނަށް ރާވައިގެން ހެކިބަސް ދޭން ފުރުސަތު ލިބުނު: ޔާމީންގެ ވަކީލުން

ފެބްރުއަރީ 27، 2020: ފުލުހުން ބަލަމުންދާ މައްސަލަ އަކާ ގުޅިގެން ކުރީގެ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގައި އެމަނިކުފާނާ ދެކޮޅަށް ހެކިބަސް ދިން ބައެއް ފަރާތްތަކަށް ރާވައިގެން ހެކިބަސް ދޭން ފުރުސަތު ލިބުނުކަމަށް ރައީސް ޔާމީންގެ ފަރާތުން ބުނެފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ސާބިތުވީ ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަމުގެ ތުހުމަތެވެ. އެ މައްސަލައިގައި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި، ރައީސް ޔާމީންގެ ސަރުކާރުގައި ނައިބު ރައީސްކަން ކުރެއްވި އަހުމަދު އަދީބާއި، އޭސީސީގެ ކުރީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދެއްވިއެވެ.

އެ ދައުވާ ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ މިދިޔަ ޑިސެމްބަރު މަހުއެވެ. ހައިކޯޓުގައި އެ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސައިން ޝަހީދެވެ.

ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި 75 އިސްތިއުނާފު ނުކުތާ މިއަދު ވަނީ އިއްވައި ނިންމާލައިފައެވެ.

އެ ނުކުތާތަކުގެ ތެރޭގައި އެމަނިކުފާނާ ދެކޮޅަށް ހެކިބަސް ދިން ހެކިވެރިން ކަމަށްވާ އަބްދުﷲ ޒިޔަތާއި، އަހުމަދު އަދީބާއި، މުއައްވިޒު ރަޝީދަކީ އަދުލުވެރި ހެކިވެރިން ނޫންކަމަށް ބުނާ ނުކުތާތަކާއި އެއަށް ބާރުދޭ އެހެން ނުކުތާތައް ހިމެނެއެވެ.

އަދީބާއި ޒިޔަތު، ރައީސް ޔާމީންއާ ދެކޮޅަށް ހެކި ބަސް ދިނީ އަދަބަށް ލުއިދޭން އެއްބަސްވުމުންކަމަށް އެމަނިކުފާނުގެ ފަރާތުން ބުންޏެވެ. އަދި އެ ދެ މީހުންނަކީ ފާސިގުން ކަމަށާއި އެ މީހުންގެ ހެކިބަހަކީ ބަލައިގަނެވޭނެ ހެކިބަހެއް ނޫންކަމަށް ބުންޏެވެ.

އެ ދެ މީހުންގެ ހެކިބަހުގެ މައްޗަށް ރިއާއަތްކޮށް ވޮޑަމުލާގެ ފައިސާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވީ އެމަނިކުފާނު ބޭނުންފުޅުވެގެންކަން ސާބިތު ނުކުރެވޭނެ ކަމަށްވެސް ވަކީލުން ބުނެފައިވެއެވެ.

ޝަރީއަތުގެ މަޖިލީހުގައި އަދީބު ވާހަކަފުޅު ދައްކަވަނީ ---

ރައީސް ޔާމީންގެ ފަރާތުން ބުނީ އަދީބާއި ޒިޔަތު އަދި މުއިއްޒު ދައްކާ ވާހަކަ އެކަކު އަނެކަކަށް ނޭނގޭނެ ގޮތަށް ހެކިބަސް ނެގުމުގެ އިންތިޒާމް ހަމަޖެއްސުމަށް ކްރިމިނަލް ކޯޓުގައި އެދުނު ކަމަށެވެ. އެކަމަކު އެކަން ކޮށްނުދިން ކަމަށް ބުންޏެވެ. ޝަރީއަތް ޓީވީއިން ލައިވްކޮށްގެން ދައްކާތީ އެ މީހުންނަށް އެކަކު ދައްކާ ވާހަކަ އަނެކަކު ދައްކާ ވާހަކައާ ދިމާވާގޮތަށް ރާވައިގެން ހެކިބަސް ދޭން ފުރުސަތު ލިބުނު ކަމަށްވެސް ބުންޏެވެ.

އޭގެ އިތުރުން އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި ފައިސާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަން ހެދި އެސްކްރޯ އެއްބަސްވުމުގައި ބަޔާންކުރި ގޮތަށް ފައިސާ ޖަމާ ކުރުމަކީވެސް ކުރެވޭނެ ކަމެއް ނޫންކަމަށް އެމަނިކުފާނުގެ ފަރާތުން ފާހަގަކުރިއެވެ. އެއީ އެ ފައިސާ އެވަގުތު ހުރީވެސް ނުނެގޭނެ ގޮތަށް ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ލާފައިވާތީކަމަށް އެމަނިކުފާނުގެ ފަރާތުން ބުނެފައިވެއެވެ. އެސްއޯއެފްގެ ފައިސާ ޖަމާވި އެކައުންޓުން އެއްވެސް މުއާމަލާތެއް ނުކުރުމަށް އޭސީސީއިން ކުރިން އަންގާފައިވާކަންވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

އެސްކްރޯ އެއްބަސްވުމުގެ މަގުސަދަކީ ވަކި ފައިސާއެއް ޖަމާކުރުން ނޫން ކަމަށްވެސް ބުނެފައިވެއެވެ. އެކަމަކު، އެހެން ގޮތަކަށް އެ ފައިސާ ހޯދައިގެން ޖަމާކޮށްފައިވުމުން ރައީސް ޔާމީންގެ ހެޔޮ ނިޔަތް އެނގޭކަމަށް ވަކީލުން ވިދާޅުވިއެވެ.

ތަހުގީގު މަރުހަލާގައި ރައީސް ޔާމީނުގެ މައްޗަށް ކުރީ ދޮގު މައުލޫމާތު ދިން ކަމުގެ ތުހުމަތު ކަމަށާއި މަނީ ލޯންޑަރިންގެ ތުހުމަތު ނުކުރާ ކަމަށް ވަކީލުން ފާހަގަކުރެއްވި އެވެ. ތަހުގީގުގައި ސުވާލު ނުކުރާ ކުށެއްގެ މައްޗަށް ދައުވާ ނުއުފުލޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މައްސަލަ ބެއްލެވި އިރު ދައުލަތުން ހުށަހަޅާފައި ނުވާ ކަންކަން ހުކުމުގައި ގާޒީ ފާހަގަކުރައްވާފައިވާ ކަމަށް ވިދާޅުވެ އެއީ، ގާޒީ މައްސަލައިގެ ޚަސްމަކަށް ވުން ކަމަށްވެސް ރައީސް ޔާމީންގެ ފަރާތުން މިއަދު ބުންޏެވެ.

ދައުވާ ސީޣާގައި ރައީސް ޔާމީން ކުށް ކުރި ވަގުތާއި ތަން ބުނެފައި ނުވާކަމާއި، އެމަނިކުފާނު ކުރި ކަމަށް ބުނާ މަނީ ލޯންޑަރިންގެ ކުށަކީ ކޮބައިކަންވެސް ދައުލަތަށް ބުނެދެވިފައި ނުވާ ކަމަށް އެމަނިކުފާނުގެ ފަރާތުން ހުށަހެޅި ނުކުތާތަކުގައި ބުނެފައި ވެއެވެ.

ދިފާއީ ހެކިތަކަށް ރިއާޔަތް ނުކޮށް މައްސަލަ ނިންމާފައިވާ ކަމަށްވެސް ރައީސް ޔާމީންގެ ފަރާތުން ބުނެފައިވެއެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރީ ގއ. ވޮޑަމުލާގެ ފައިސާ ލޯންޑާކޮށްގެން ކަމަށްވާއިރު އެމަނިކުފާނުގެ އެކައުންޓަށް ވަދެފައިވަނީ އެ ފައިސާކަން ދައުލަތަށް ސާބިތުކުރެވިފައި ނުވާކަމަށްވެސް އެމަނިކުފާނުގެ ފަރާތުން ބުނެފައިވެ އެވެ.

ދެން މި މައްސަލައިގައި އޮންނާނީ ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ނުކުތާތަކަށް ދައުލަތުގެ ފަރާތުން ޖަވާބުދާރީވުމެވެ. އެކަމަށް އޮންނަ އަޑުއެހުން ބާއްވާނީ އަންނަ ބުރާސްފަތި ދުވަހުއެވެ.

ރައީސް ޔާމީންގެ ފަރާތުން 75 އިސްތިއުނާފު ނުކުތާ ހުށަހަޅާފައިވާއިރު މިއީ އާންމުކޮށް މަތީ މަރުހަލާގައި އިސްތިއުނާފު ނުކުތާ ހުށަހަޅާ ވަރެއް ނޫނެވެ.

މިއަދުގެ އަޑުއެހުމަށްވެސް ރައީސް ޔާމީންގެ އަރިސް ބޭފުޅުންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ހާޒިރުވިއެވެ. އަޑުއެހުން ކުރިއަށްދާތީ ސުޕްރީމް ކޯޓު ސަރަހައްދުގައި ބައެއް މީހުން އެއްވެގެންވެސް ތިއްބެވެ.

comment ކޮމެންޓް