ކުޑަހުވަދޫ ދަނޑުގެ ސަބްބޭސް ހެދުމަށް ބަޔަކާ ހަވާލުކޮށްފި

ކުޑަހުވަދޫގެ ދަނޑުގެ ސަބް ބޭސް ނިންމުމަށް އާކާ އިންވެސްޓްމެންޓާ އެކު އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: ޔޫތް މިނިސްޓްރީ

ދ.ކުޑަހުވަދޫގައި ހެދުމަށް ހަމަޖެހިފައިވާ ފުޓުބޯޅަ ދަނޑުގެ ސަބް-ބޭސް ހެދުމަށް އާކާ އިންވެސްޓްމެންޓްއާ ހަވާލުކޮށްދި އެވެ.

މިއަދު ޔޫތު މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު އަހްމަދު މަހްލޫފް އެވެ. އާކާ އިންވެސްޓްމެންޓްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އެމްޑީ އެވެ.

މި އެއްބަސްވުމުގެ ދަށުން މޯބަލައިޒޭޝަން މުއްދަތާ އެއްކޮށް 45 ދުވަސް ތެރޭގައި ސަބްބޭސް އަޅައި ނިންމަން ޖެހޭނެ އެވެ. މި ޕްރޮޖެކްޓަށް ގާތްގަނޑަކަށް 1.9 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ އިރު ސަބް-ބޭސް އަޅާ ނިމުނުހާ އަވަހަކަށް ޓާފް އެޅުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ފުޓްބޯޅަ ދަނޑުތައް ގާއިމްކުރުމަށް ރައީސް ސޯލިހް ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް މިދިޔަ އަހަރުގެ ތެރޭގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ވަނީ ގިނަ ދަނޑުތަކެއްގެ މަސައްކަތް ފަށައިފަ އެވެ. އެހެން ނަމަވެސް އެކި އެކި ސަބަބުތަކާ ހުރެ ބައެއް ދަނޑުތަކުގެ މަސައްކަތް ވަނީ ނުނިމި ދިގުލައިގެން ގޮސްފަ އެވެ.

އެކަމަކު ނިމިފައިވާ ދަނޑުތަކުގައި ކާޕެޓް އެޅުމުގެ މަސައްކަތް ކުރުމަށް ތައްޔާރުވަމުން ދާއިރު މި ފަސް އަހަރުގެ އަމާޒަކީ ރާއްޖޭގައި ފީފާ އެޕްރޫވަލް 100 ދަނޑު ވަކި ވަކި ރަށްރަށުގައި އެޅުން ކަމަށް މިނިސްޓްރު މަހްލޫފް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

comment ކޮމެންޓް