ބެންގަލޫރުގެ ގާޑަން ސިޓީ ޔުނިވާސިޓީގެ ސްކޮލާޝިޕްތަކަށް ކުރިމަތިލާން ހުޅުވާލައިފި

އިންޑިއާގެ ބެންގަލޫރޫގައި ހުންނަ ގާޑަން ސިޓީ ޔުނިވާސިޓީ (ޖީސީޔޫ)ގައި ފަސް ދާއިރާއަކުން ޑިގްރީއަށް ކިޔެވުމަށް 10 ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި، ޖީސީޔޫގައި ތައުލީމު ހާސިލު ކުރަން ސްކޮލާޝިޕުގެ ފުރުސަތު ހުޅުވާލާފައިވާ ދާއިރާ ތަކަކީ:

ބެޗްލާސް އޮފް ފިޒިއޮތެރަޕީ (4.5 އަހަރު)
ބެޗްލާސް އޮފް ހޮޓެލް މެނޭޖްމެންޓް (4 އަހަރު)
ބެޗްލާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (3 އަހަރު)
ބެޗްލާސް އޮފް އާޓްސް އިން ޓުއަރިޒަމް (3 އަހަރު)
ބެޗްލާސް އޮފް ކޮމްޕިއުޓާ އެޕްލިކޭޝަން (3 އަހަރު)

މިއިން ކޮންމެ ދާއިރާއަކުން ވެސް ސްކޮލާޝިޕްގެ ދެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. މި ސްކޮލާޝިޕްގެ ކޯސް ފީ މުޅިން ހިލޭ ލިބުނު ނަމަވެސް ސްކޮލާޝިޕް ލިބޭ ކެނޑިޑޭޓުންގެ ސްޓައިޕެންޑް، ދެކޮޅު ޓިކެޓް އަދި ކޯހާގުޅޭ އިތުރު ހަރަދު ހަމަޖައްސަން ޖެހޭނީ ކެނޑިޑޭޓުން އަމިއްލައަށެވެ.

އަދި ކޯސް ފުރިހަމަ ކުރުމަށް ފަހު، ރާއްޖެއަށް ހިދުމަތް ކުރުމަށް ބޮންޑުކުރެވޭނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.

ސްކޮލާޝިޕަށް އެދި ހުށަހެޅުމުގެ ފުރުސަތު 31 މާޗް ވާ އަންގާރަ ދުވަހުގެ 13:30 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޮލާޝިޕަށް ހޮވޭ ކެންޑިޑޭޓުންގެ ފައިނަލް ސެލެކްޝަން ހެދުމަށް ހަމަޖެހިފައި ވާނީ ޖީސީޔޫ އިން ކަމަށެވެ.

މިނިސްޓްރީން ކެންޑިޑޭޓުން ނޮމިނޭޓް ކުރި ނަމަވެސް ޔުނިވާސިޓީން ސްކޮލާޝިޕް ކެންސަލްކޮށްފި ނަމަ އޭގެ ބަދަލުގައި އެހެން ފުރުސަތެއް އެ ދަރިވަރަކަށް ހޯދައި ނުދެވޭނެ ކަމަށް އިއުލާނުގައިވެ އެވެ.

ގާޑަން ސިޓީ ޔުނިވާސިޓީ އަކީ މިހާރު ވެސް ދިވެހި ދަރިވަރުން ތައުލީމު ހާސިލު ކުރަމުން އަންނަ ޔުނިވާސިޓީއެކެވެ.

comment ކޮމެންޓް