ދެވަނަ ޑިވިޝަނުން ވިދާލި ކިތުނާ މާޒިޔާއަށް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކިތުނާ އަށް ދެ ވަނަ ޑިވިޝަނުގެ މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ހަވާލުކުރަނީ ---

ނިމިގެންދިޔަ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ ފޯވާޑް އާދަމް ނިޒާމް (ކިތުނާ) މިފަހަރުގެ ލީގު ޗެމްޕިއަން މާޒިޔާއަށް ދިއުމަށް އެއްބަސްވެފައިވާކަން އެކުލަބުން ކަށަވަރުކޮށްދީފި އެވެ.

މިދިޔަ އަހަރު ގައުމީ ވޮލީ ސްކޮޑުގައި ވެސް ހިމެނުނު ކިތުނާ ވަނީ މި ފަހަރުގެ ދެ ވަނަ ޑިވިޝަނުގެ ރަނަރަޕަށް ދިޔަ ސުޕަ ސްޕޯޓްސް އަށް ހަތް ލަނޑު ޖަހައިދީ ލަނޑު ލިސްޓުގެ ކުރީގައި ވެސް ހިމެނިފަ އެވެ. ބ. ގޮއިދޫ އަށް އުފަން މިހާރު އުމުރުން 32 އަހަރުގެ ކިތުނާ ވަނީ ވޯލްޑް ކަޕާއި އޭޝިއަން ކަޕް ކޮލިފައިން ޖޮއިންޓް ކޮލިފައިންގައި ގައުމީ ފުޓްބޯޅަ ޓީމު ކުޅެން އޮތް ދެ މެޗުގެ ސްކޮޑަށް ވެސް ނަގައިފަ އެވެ.

އޭއެފްސީ ކޮލިފައިންގެ ޕްލޭ އޮފް ރައުންޑުގައި މާޒިޔާއާއި ބެންގަލޫރު އެފްސީ ވާދަ ކުރި ފުރަތަމަ ލެގުގައި އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲއަށް އަނިޔާވެ ހަތް މަހަށް ކުޅުމާއި ދުރަށް ދާން ޖެހުނު އިރު އެ ޓީމަށް ވަނީ ސްޓްރައިކަރެއްގެ ބޭނުން ޖެހިފަ އެވެ. އަދި އަސަދުﷲ ނެތްތައް ފޫބައްދަން އެ މަގާމަށް ކިތުނާ ދިއުމަށް އޭނާ އެއްބަސްވެފައިވާ އިރު ކުރިއަށް އޮތް އޭއެފްސީ މުބާރާތުގެ ގްރޫޕް ސްތޭޖުގައި ކުޅުމުގެ ފުރުސަތު ކިތުނާއަށް ލިބޭނެ އެވެ.

ޕްލޭއޮފުން މޮޅުވެ މާޒިޔާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޓީމުތަކަށް ހާއްސަ ގްރޫޕުގެ ފަހު ޖާގަ ހޯދާފައިވާއިރު، އެ ގްރޫޕުގައި މި ވަގުތު އޮތީ 2018 ވަަނަ އަހަރުގެ ރާއްޖޭގެ ލީގު ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އަދި އިންޑިއާގެ ޗެންނާއީ ސިޓީ އެވެ. އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު މެޗުތައް ފަށާނީ މި މަހު 12 ވަނަ ދުވަހު އެވެ.

އަތޮޅު ފުޓްބޯޅަ މުބާރާތްތަކުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކިތުނާ ވަނީ 2018 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ބ. ފެހެންދޫ ޓީމަށް ބައެއް މެޗުތަކުގައި ކުޅެފަ އެވެ. އަދި އޭނާ އަކީ 2016 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި ބ. އޭދަފުށި ޓީމުގެ ވެސް ކުޅުންތެރިޔެކެވެ.

comment ކޮމެންޓް