މިނިމަމް ވޭޖުން އިނާޔަތްތަކެއް އުނިވެދާނެ: އިދިކޮޅު މެމްބަރުން

ޝިޔާމް އާއި ސައީދު: ދެ މެމްބަރުން ވަނީ ކުޑަ އުޖޫރަ ކަނޑައަޅާ ގޮތުގެ ލަފައަށް ފާޑު ވިދާޅުވެފައި --- ސަން ފައިލް ފޮޓޯ

އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުމާ ގުޅޭ ގޮތުން މިނިވަން ވޭޖް ބޯޑުން އެކުލަވާލި ރިޕޯޓް މިހާރު އޮތް ގޮތުން އެހެން އިނާޔަތްްތައް އުނިވެދާނެ ވެދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން ވިދާޅުވެއްޖެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ ބޯޑުގެ ރިޕޯޓު މަޖިލީހަށް ފޮނުވައި، މަޖިލީހުގެ ލަފައަކަށް އެދިފަ އެވެ. މިހާރު އެ ރިޕޯޓް އޮތީ، މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގެ ދިރާސާ ކުރާ މަރުހަލާގަ އެވެ. އެ ރިޕޯޓަށް ލަފާ އެރުވުމާ މެދު ގޮތެއް ނިންމުން މިމަހު 11 އަށް ވަނީ މިއަދު ކޮމިޓީ ބައްދަލުވުމުގައި ފާސްކޮށްފަ އެވެ.

މިއަދުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން މާވަށު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވީ، ރިޕޯޓާ ގުޅިގެން ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ. އަދި އެކަންކަން ސާފު ކުރުމަށް ކަމާ ބެހޭ ބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރަން ޖެހޭ ކަމަށް ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ވޭޖް ބޯޑުން މިހާރު ދީފައިވާ ލަފަޔާ އެއްގޮތަށް މިނިމަމް ވޭޖް ކަނޑައަޅައިފި ނަމަ، މުސާރައާ އެކު މިހާރު ދެމުން އަންނަ އެލަވަންސްތައް ކަނޑާލުމުގެ ފުރުސަތު ވަޒީފާ ދޭ ފަރާތްތަކަށް އެބައޮތް ކަމަށެވެ. އެގޮތަށް ވެއްޖެ ނަމަ، ރިސޯޓް މުވައްޒަފުންގެ ސާވިސް ޗާޖްއަށް ވާނީ ކިހިނެތްތޯ އޭނާ ސުވާލު އުފެއްދެވި އެވެ. އަދި މުސާރާއިގެ އޮނިގަނޑަށާއި އެކިއެކި ސެކްޓާތަކުގެ މުސާރައަށް ބަދަލު އަންނާނެ ކަމަށް ރިޕޯޓުގައި ބުނެފައިވާތީ އެކަމާ ވެސް ސައީދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"އެހެން އެލަވަންސްތައް ކެނޑެނީއޭ ބުނީމާ، ސާވިސްޗާޖް ކެނޑެނީއޭ އަޅުގަނޑު ހިތަށް އަރާ. އެހެން މާނަ ކުރުމުގެ ފުރުސަތު އެބައޮތް،" ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

މިއަދު ބޭއްވި މަޖިލިސް ކޮމިޓީގެ ތެރެއިން: މިނިމަމް ވޭޖް ރިޕޯޓުގެ ކޮމިޓީ ލަފާ މިހު 11 ގައި އަރުވުމަށް ވަނީ ނިންމާފައި --- ފޮޓޯ/ މަޖިލިސް

ސައީދު ވިދާޅުވީ، އެލަވަންސް ކެނޑޭނެ ކަމަށް ހިމަނާފައި ވުމާއި މުސާރާއިގެ އޮނިގަނޑަށާއި އެކިއެކި ސެކްޓާތަކުގެ މުސާރައަށް ބަދަލު އަންނާނެ ކަމަށް ބުނެފައިވުމުން އެކަން އިތުރަށް ދިރާސާ ކުރަން ޖެހޭ ކަމަށެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައި ބުނާގޮތުން، ސާވިސް ޗާޖަކީ ދޭން ލާޒިމްކޮށްފައިވާ އެއްޗެކެވެ.

ސައީދުގެ ވާހަކަތަކަށް ތާއީދު ކުރައްވަމުން ނައިފަރު ދާއިރާ މެމްބަރު ވިދާޅުވީ، ބައެއް އެލަވަންސްތައް ކުޑަ ކުރުމުގެ ފުރަސަތު އޮތުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އަދި އެހެން އޮތުމުން ސާވިސްޗާޖު މަދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިނިމަމް ވޭޖް ކަނޑައެޅުމުގައި އެހެނިހެން އެލަވަންސްތަކާއި އިން-ކައިންޑް ބެނިފިޓްސްގެ ގޮތުގައި ހިމެނޭ ކެއިން ބުއިމާއި ހުރުމުގެ އިންތިޒާމް ފަދަ ބައެއް ހަރަދުތަކަކީ ވަކި ހުދޫދެއްގެ ތެރެއިން އަސާސީ މުސާރައިގެ ބައެއްގެ ގޮތުގައި ހިމެނިދާނެ އެއްޗެއް ކަމަށް ރިޕޯޓުގައި ލަފާ އަރުވާފައިވޭ،" އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރިޕޯޓް މިހާރު އެގޮތަށް އޮތުމުން ރިޒޯޓް މުވައްޒަަފުން ރިސޯޓްގައި ތިބުމަށް ވަޒީފާ ދޭ ފަރާތުން ކުރާ ހަރަދު އެއީ އުޖޫރައިން އުނިކުރެވޭނެ އެއްޗެއް ގޮތުގައި ކަނޑައެޅިދާނެކަން ދޭހަވާ ކަމަށެވެ. އަދި މިނިމަމް ވޭޖް ރިޕޯޓުގައި އެހެނިހެން އިނާޔަތްތައް، 40 ޕަސެންޓަށް ވުރެ ބޮޑުވެގެން ނުވާނެ ކަމަށް ހިމަނާފައިވާ ކަމަށާއި އެއީވެސް ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުޑަ އުޖޫރައިގެ ތެރޭގައި ސާވިސްޗާޖު ނުހިމެނޭ. އެހެން ނަމަވެސް ސާވިސްޗާޖު ލިމިޓް އެބަ ކުރެވޭ މިހާރު ދީފައި އޮތް ލަފާއިން. އެއީ އިތުރު އެހެން އެއްވެސް އެލަވަންސެއް، އިނާޔަތެއް މި ލިބެނީ މިނިމަމް ވޭޖްގެ 40 ޕަސަންޓަށްވުރެ ބޮޑު ނުވާވަރަކަށް [ރިޕޯޓުގައިވާ ގޮތުން]. އިތުރަށް ދެވޭ އިނާޔަތަކީ މިނިމަމް ވޭޖުގެ 40 ޕަސަންޓަށްވުރެ ބޮޑު ނުވާ އަދަކަށް ވާން ޖެހޭ. [އެލެވަންސް ތެރޭގައި] އޭގެ ތެރޭގައި ސާވިސްޗާވުވެސް ހިމެނޭނެ،" ޝިޔާމް ވިދާޅުވި އެވެ.

މިއަދު ބޭއްވި އިގްތިސޯދީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން: މިނިމަމް ވޭޖް ބޯޑުގެ ރިޕޯޓަށް އިދިކޮޅު މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި --- ފޮޓޯ/ މަޖިލިސް

އޭނާ ވިދާޅުވި ގޮތުގައި، މިހާރު ބޯޑުން ދީފައިވާ ލަފައިން މިހާރު ބޮޑުކޮށް ސާވިސްޗާޖު ލިބެމުން އަނަން ފަރާތްތަކަށް ސާވިސް ޗާޖް ކުޑަ ވާނެއެވެ.

"މިސާލަކަށް ރިސޯޓު ސެކްޓާގައި މަސައްކަތް ކުރައްވާ މުވައްޒަފަކަށް މިނިމަމް ވޭޖުގެ ގޮތުގައި 8،000 ކަމަށްވާނަމަ، ސާވިސްޗާޖު ބޮޑު ނުވާނެ 3،440 ރުފިޔާއަށް ވުރެ،" ޝިޔާމް ވިދާޅުވި އެވެ.

މަޖިލީހަށް ފޮނުވި ރިޕޯޓާއި އާންމުކުރި ރިޕޯޓް ތަފާތު؟!

ޝިޔާމްގެ ވާހަކަތައް އެހެން ހުރި ނަމަވެސް، މިހާރު އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ރިޕޯޓުގައި އެލަވަންސަތައް އުނިކޮށް، ކުޑަ އުޖޫރަ ކަނޑައެޅުމަށް ހިމަނާފައެއް ނުވެ އެވެ.

އެކަމާ ގުޅިގެން ޝިޔާމް މިއަދު "ސަން" އަށް ވިދާޅުވީ، މަޖިލީހަށް ފޮނުވާފައި އޮތް ރިޕޯޓާއި މިހާރު އާންމުކޮށްވާ ރިޕޯޓަކީ ތަފާތު ރިޕޯޓެއް ކަމަށެވެ. މަޖިލީހުގެ ލަފާ ހޯދުމަށް މިނިސްޓްރީން ފޮނުވި ރިޕޯޓުގައި އެލަވަންސްތައް މިނިމަމް ވޭޖުގެ 40 ޕަސަންޓަށްވުރެ ބޮޑު ވެގެން ނުވާނެ ކަމަށް ހިމަނާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން މަޖިލީހަށް ފޮނުއްވެއްވި ރިޕޯޓާ ގުޅިގެން މިނިމަމް ވޭޖް ބޯޑުގެ ޗެއާޕާސަން މަރިޔަމް ހާލިދާ "ސަން" އަށް ވިދާޅުވީ، އެ ބޯޑުން ތައްޔާރު ކުރީ އެންމެ ރިޕޯޓެއް ކަމަށާއި ދެ ރިޕޯޓެއް އެ ބޯޑުން އެކުލަވާލައިފައި ނުވާނެ ކަމަށެވެ.

"އަޅުގަނޑުމެން އެކުލަވާލި ރިޕޯޓު އެވަނީ ވެބްސައިޓުގައި އާންމުކޮށްފައި. އޭގެ އިތުރަށް އިތުރު ރިޕޯޓެއް ނޯންނާނެ،" ހާލިދާ ވިދާޅުވި އެވެ.

އެލަވަންސަތައް މިނިމަމް ވޭޖުގެ 40 ޕަސަންޓަށް ކުޑަ ކުރުމަށް ބޯޑުން ލަފާ އަރުވާފައިވާނެތޯ ސުވާލު ކުރުމުން ހާލިދާ ވިދާޅުވީ، އެފަދަ ލަފައެއް އަރުވާފައި ނުވާނެ ކަމަށެވެ. އަދި މިހާރު އާންމުކޮށްފައިވާ ރިޕޯޓުގައިވެސް އެފަދަ ވާހަކައެއް ނޯންނާނެ ކަމަށް ހާލިދާ ވިދާޅުވި އެވެ.

މިނިމަމް ވޭޖު ބޯޑުގެ ލަފަޔަކީ، އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމަށެވެ. އަދި ޓޫރިޒަމް ދާއިރާ އާއި ސިވިލް ސާވިސްގައި މަސައްކަތްކުރާ މީހުންނަށް މިނިމަމް ވޭޖުގެ ގޮތުގައި 6،400-8،600 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށް ލަފާދީފައިވެ އެވެ.

މިނިމަމް ވޭޖް ކަނޑައެޅުމަކީ، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެެވެ. އެ ވައުދު ފުއްދުމަށް، މިނިމަމް ވޭޖް ބޯޑު އެކުލަވާލީ މިިދިޔަަ އަހަރު މަސައްކަތްތެރިންގެ ދުވަސް، މެއި އެކެއްގަ އެވެ.

comment ކޮމެންޓް