އުރީދޫގެ ހިއްސާއަކަށް 3.30 ރުފިޔާ ބަހަން ފާސްކޮށްފި

ޓެލެކޮމް ކުންފުނި، އުރީދޫ މޯލްޑިވްސް އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާ އަކަށް 3.30 ރުފިޔާ ބަހަން ފާސްކޮށްފި އެވެ.

މިގޮތަށް ފާސްކޮށްފައިވަނީ އެ ކުންފުނިން މިރޭ ބޭއްވި އަހަރީ އާންމު ޖަލްސާގަ އެވެ. މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 588.6 މިލިއަން ރުފިޔާ އުރީދޫއަށް ލިބިފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ހަތަރު ޕަސެންޓް އިތުރު އަދަދެކެވެ.

ހިއްސާގެ ފައިދާ ފާސްކުރުމުގެ އިތުރުން މިރޭ ވަނީ 2019 ވަނަ އަހަރުގެ މާލީ ރިޕޯޓް ތަކާއި އޮޑިޓް ރިޕޯޓު އަދި 2019 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާ އާއި ހާއްސަ ގޮތުން ބޭއްވި އެ ކުންފުނީގެ އާންމު ޖަލްސާގެ ޔައުމިއްޔާ ވެސް ފާސްކޮށްފަ އެވެ.

އުރީދޫގެ ހިއްސާގެ ތެރެއިން އާންމުން ހިއްސާ ވަނީ އެކުންފުނީގެ ޖުމްލަ ހިއްސާގެ 9.5 ޕަސެންޓެވެ. ބާކީ 90.5 ޕަސެންޓަކީ އުރީދޫގެ މައި ކުންފުނި، ވަތަނިއްޔާ އިންޓަނޭޝަނަލްގެ ހިއްސާ އެވެ.

މިރޭގެ ޖަލްސާގައި އުރީދޫ އޮޑިޓް ކުރާނެ ފާމެއްގެ ގޮތުގައި ޖަލްސާގެ ހިއްސާދާރުންގެ ތާއީދާ އެކު ހަމަޖައްސާފައި ވަނީ ޕްރައިސްވޯޓާ ހައުސް ކޫޕާސް (ޕީޑަބްލިއުސީ) އެވެ. އުރީދޫ އޮޑިޓް ކުރުމުގެ ފީގެ ގޮތުގައި އެކުންފުނިން ނަގަނީ 60،000 ޑޮލަރެވެ.

މިދިޔަ އަހަރުގެ ނިޔަލަށް އުރީދޫގެ ސަބްސްކްރައިބަރުންގެ އަދަދު ވަނީ 400،000 އަށް ވުރެ އިތުރު ވެފަ އެވެ. އުރީދޫ އިން ބުނީ ފާއިތުވި ފަސް އަހަރު ތެރޭގައި އެކުންފުނީގެ ސަބްސްކްރައިބަރުންގެ އަދަދު އެވްރެޖުކޮށް 6.3 ޕަސެންޓު އިތުރު ވެފައިވާ ކަމަށެވެ.

މިދިޔަ އަހަރު އުރީދޫ އިން ވަނީ "މޫލީ" ގެ ނަމުގައި ޑިޖިޓަލް އީ ކޮމާސް ޕްލެޓްފޯމެއް ތައާރަފުކޮށްފަ އެވެ. އެކުންފުނިން ވަނީ މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ 200 ރަށަށް އެ ކުންފުނީގެ ހުރިހާ ހިދުމަތެއް ތައާރަފުކޮށްފަ އެވެ.

comment ކޮމެންޓް