ޕާފޯމަންސް އޮޑިޓްތަކަށް މިހާރު އާންމުންނަށްވެސް މައުލޫމާތު ދެވޭނެ

އޮޑިޓް އޮފީހުން ބާއްވާ ތިންވަނަ އެކައުންޓެންޓްސް ފޯރަމުގައި އޮޑިޓާ ޖެނެރަލް ވާހަކަ ދައްކަވަނީ -- ފޮޓޯ: އޮޑިޓް އޮފީސް

އޮޑިޓާ ޖެނެރަލްގެ އޮފީހުން ކުރިއަށް ގެންދާ ޕާފޯމަންސް އޮޑިޓްތަކަށް އާންމު ރައްޔިތުންނަށް މައުލޫމާތު ދެވޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

އޮޑިޓް އޮފީހުން ބުނީ އޮޑިޓް މަރުހަލާގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުމަށް ހާއްސަ ޕޯޓަލް އެއް ތައާރަފުކޮށްފައިވާ ކަމަށެވެ. މި ޕޯޓަލްގެ ބޭނުމަކީ ޕާފޯމަންސް އޮޑިޓްތައް ކުރިއަށްގެންދާއިރު ރައްޔިތުންގެ ފަރާތުން މައުލޫމާތު ހޯދައި އެ އޮޑިޓްތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުން ކަމަށް އެ އޮފީހުން ބުންޏެވެ.

އެގޮތުން މި ޕޯޓަލް މެދުވެރިކޮށް އެ އޮފީހަށް ކުރިއަށް ގެންދެވިދާނެ ކަމަށް ފެންނަ ޕާފޯމަންސް އޮޑިޓްތައް ރެކޮމަންޑް ކުރެވޭނެ އެވެ. އަދި ކުރިއަށް ދާ އޮޑިޓްތަކާ ގުޅުންހުރި މައުލޫމާތާއި ލިޔެކިޔުންތައްވެސް ހިއްސާ ކުރެވޭނެ ކަމަށް އެ އޮފީހުން ބުންޏެވެ.

އޮޑިޓް އޮފީހުން ބުނީ އުއްމީދަކީ ރައްޔިތުންނާ ގުޅިގެން ރައްޔިތުންނާ ގާތުން މަސައްކަތް ކުރުން ކަމަށް އެ އޮފީހުން ބުންޏެވެ.

އޮޑިޓް އޮފީހުން މިހާރުވެސް ވަނީ އެ އޮފީހުން ކުރިއަށް ގެންދާ ބައެއް ޕާފޯމަންސް އޮޑިޓްތަކަށް ރައްޔިތުންގެ ފަރާތުން މައުލޫމާތު ފޯރުކޮށްދޭން ބޭނުންވާނަމަ އެފުރުސަތު ހުޅުވާލައިފަ އެވެ.

އެގޮތުން ޓްރާންސްޕޯޓު މިނިސްޓްރީގެ ޕާފޯމަންސް އޮޑިޓާއި ޕްލޭނިން މިނިސްޓްރީ، އީޕީއޭ އަދި ރައީސް އޮފީހުގެ އިތުރުން އެމްޕީއެލް، ކަސްޓަމްސް، ޑިފެންސް މިނިސްޓްރީ އަދި ހެލްތު މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީ އަދި އިސްލާމިކް މިނިސްޓްރީގެ ޕާފޯމަންސް އޮޑިޓަށް މައުލޫމާތު ދޭން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

comment ކޮމެންޓް