ކުޑަކުދިންނަށް ތަކުރާރުކޮށް އިހުމާލުވާ މީހުންގެ މައުލޫމާތު ނުބަލަހައްޓާ: އޮޑިޓު

ކުޑަކުދިން

ކުޑަކުދިންގެ ހައްގަށް އުނިކަމެއް ލިބިގެން ޖެންޑާ މިނިސްޓްރީއަށް ހުށަހަޅޭ ޝަކުވާތަކާމެދު އަމަލުކުރާނެ ހަރުދަނާ ނިޒާމެއް މިނިސްޓްރީގައި ގާއިމުވެފައި ނެތްކަމަށާއި، ކުޑަކުދިންގެ ހައްގުތަކަށް ތަކުރާރުކޮށް އިހުމާލުވަމުންދާ މީހުންގެ މައުލޫމާތު ބަލަހައްޓަމުން ނުދާކަމަށް އޮޑިޓު އޮފީހުން ބުނެފިއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ ފެމިލީ ސަޕޯޓް އެންޑް ސޯޝަލް ސާވިސް ޑިޕާޓްމަންޓުގެ އޮޑިޓް ރިޕޯޓަކީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އެ ޑިޕާޓްމަންޓުން ކުރަމުންދާ މަސައްކަތުގެ ޕާފޯމަންސް ދެނެގަތުމަށް ނިންމާފައި އޮތުމުގެ ސަބަބުން ކޮށްފައިވާ އޮޑިޓެކެވެ.

އެ އޮޑިޓުގައި މައިގަނޑު ގޮތެއްގައި ބަލާފައިވާނީ ކުޑަކުދިންގެ ހައްގަށް އުނިކަމެއް ލިބިގެން މިނިސްޓްރީއަށް ހުށަހަޅާ ޝަކުވާތަކާމެދު އަމަލުކުރަމުން ދާގޮތާއި މޮނިޓާކުރުމަށް އެކަށޭނަ އިންތިޒާމުތަކެއް ގާއިމުވެފައިވޭތޯއާއި ހާނިއްކަ ލިބޭ ކުދީންނަށް އެކަށޭނަ ރައްކާތެރިކަން ފޯރުކޮށްދޭތޯއާއި ކުޑަކުދިންނަށް ލިބޭ ހާނިއްކަ ވިޔަނުދިނުމަށް މިނިސްޓްރީން އެކަށޭނެ މަސައްކަތްތަކެއް ކުރަމުންދޭތޯއެވެ.

އޮޑިޓުގައި މައިގަނޑު ގޮތެއްގައި ބަލާފައި ވަނީ 2018 އިން 2019 ވަނަ އަހަރުގެ ނިޔަލަށް އެ ޑިޕާޓްމަންޓުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ ގޮތަށެވެ. އެހެން ނަމަވެސް، ބައެއް ބައިތަކުގެ
ޒާތުން އެއަށްވުރެ ކުރިއާއި ފަހުގެ ތާރީހުގެ މައުލޫމާތުތަކަށް ބަލާފައި ވާނެ ކަމަށް އޮޑިޓު އޮފީހުން ބުންޏެވެ.

ފެމިލީ ސަޕޯޓް އެންޑް ސޯޝަލް ސާވިސް ޑިޕާޓްމަންޓަކީ ކުޑަކުދިންގެ މައްސަލަތައް ތަހުގީގުކޮށް އެ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ މަތިކޮށްފައިވާ ފަރާތެވެ. އޮޑިޓުގައި ވަނީ ގިނަ މައްސަލަތަކެއް ފާހަގަކޮށްފައެވެ.

އޮޑިޓުގައި ބުނެފައި ވަނީ މިނިސްޓްރީއަށް ހުށަހަޅާ ޝަކުވާތަކާ ގުޅިގެން ބަލަމުންދާ މައްސަލަތަކާ ގުޅޭ މައުލޫމާތު ފަސޭހައިން ބެލެހެއްޓޭނެ މަރުކަޒީ ނިޒާމެއް ގާއިމުކުރެވިފައި ނުވާކަމަށެވެ.

މައުލޫމާތު ބެލެހެއްޓުމުގައި މަރުކަޒީ ނިޒާމެއް ގާއިމްކޮށްފައި ނުވުމުގެ ސަބަބުން މިނިސްޓްރީއަށް ހުށަހެޅޭ ޝަކުވާތަކާއި ބަލަމުންގެންދާ މައްސަލަތަކުގެ މައުލޫމާތުގެ ސިއްރު ހިފެހެއްޓިފައި ނުވެއެވެ.

އޮޑިޓުގައި ބުނެފައި ވަނީ މިނިސްތްރީގެ ހެލްޕްލައިނަށް ހުށަހެޅޭ ޝަކުވާތަކާއި ބަލަމުންގެންދާ މައްސަލަތަކުގެ މައުލޫމާތު ރިކޯޑު ކުރަމުން ގެންދަނީ މައިކްރޯސޮފްޓް އެކްސެލް ފައިލެއްގައި ކަމަށާއި ޑިޕާޓްމަންޓުގެ ހުރިހާ މުވައްޒަފުންނަށް އެ ފައިލަށް އެކްސެސް ލިބިފައިވާ ކަމަށެވެ.

އަދި ޕާސްވޯޑެއް ބޭނުންކޮށްގެން ފައިލްތަކުގެ އެކްސެސް ކޮންޓްރޯލް ކޮށްފައިނުވުމާއި ފައިލުގައި ހިމެނޭ މައުލޫމާތަށް ބަދަލު
ގެނެވުން ނުވަތަ ފައިލުގެ ކޮޕީއެއް ހެއްދި ކަމުގައިވިޔަސް އެކަން ދެނެގަނެވޭނެ ގޮތެއް ނެތްކަން ވަނީ ފާހަގަކޮށްފައެވެ.

މިނިސްޓްރީ އަށް ހުށަހެޅިފައިވާ ބައެއް ކޭސްތަކުގައި އިޖާބަ ދިނުމުގައި
އިސްކަން ދޭ މިންގަނޑެއް ބަޔާންކޮށްފައި ނުވުމުގެ ސަބަބުން ނުރައްކަލަށް ހުށަހެޅިފައިވާ ކުދިން ނުވަތަ ނާޒުކު މީހުންނަށް ފޯރުކޮށްދޭން ޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްނުދެވި، އޭނާ ހުރި ހާލަތު އިތުރަށް ގޯސްވުމަށް މަގުފަހިވެގެން ދިއުމުގެ ފުރުސަތު އޮތްކަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ފާހަގަކުރެއެވެ.

އޮޑިޓުން ދެން ހާމަވެފައި ވަނީ ކުޑަކުދިންގެ ހައްގުތަކަށް ތަކުރާރުކޮށް އިހުމާލުވަމުންދާ ފަރާތްތަކުގެ މައުލޫމާތު ބަލަހައްޓަމުން ނުދާކަމެވެ.

އޮޑިޓުގައި ބުނެފައި ވަނީ މިނިސްޓްރީއަށް ހުށަހެޅޭ ޝަކުވާތަކާއި ބަލަމުންދާ މައްސަލަތަކުގެ މައުލޫމާތު ބަލަހައްޓަމުންދާ ކޭސް ޓްރެކިންގ އެކްސެލް ފައިލުގައި ކުޑަކުދިންގެ ހައްގުތަކަށް އިހުމާލުވަމުންދާ ފަރާތްތަކުގެ ޒާތީ މައުލޫމާތު ނުހިމަނާ ކަމަށެވެ.

މިހެންވުމުގެ ސަބަބުން އެ ފަރާތަކާ ގުޅޭގޮތުން ތަކުރާރުކޮށް ޝަކުވާ ހުށަހެޅުނު ކަމުގައިވިޔަސް މައްސަލަތަކާ ގުޅޭގޮތުން ބަލަހައްޓަމުން ގެންދާ ކޭސް ފައިލުތައް ވަކިވަކިން ބަލައިގެން މެނުވީ އެކަން ދެނެގަނެވޭނެ ގޮތެއް ނެތްކަމަށެވެ.

އޮޑިޓް އޮފީހާ މިނިސްޓްރީން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު މިނިސްޓްރީއަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ ކުޑަކުދިންނަށް
ކުރާ އަނިޔާގެ މައްސަލަތަކެވެ. އަދި އޭގެ ތެރޭގައި އިހުމާލުވި ފަރާތަކީ އާއިލީ ގޮތުން އެ ކުދިންނާ ގުޅުން އޮންނަ ފަރާތްތައް
ކަމާއި، އިހުމާލުވާ ފަރާތްތަކުގެ އިތުރު މައްސަލައެއް ވާނަމަވެސް މިކަން ފަސޭހައިން ދެނެގަނެވެން ނެތްކަން ފާހަގަކުރެވުނު ކަމަށް ބުނެފައިވެއެވެ.

"އަދި މިގޮތަށް އާއިލާ ތެރޭގައި އިހުމާލުވާ ފަރާތްތައް އުޅޭއިރު އާއިލާއާއި އަވަށްޓެރިންގެ ގޮތުގައި ހިމެނޭ އިތުރު ކުޑަކުދިން މި ފަރާތްތަކުގެ އިހުމާލަށް ހުށަހެޅެމުންދާ ކަމުގައި ވާނަމަވެސް ކޭސްވާކަރުންނަށް މި ކަން ފަސޭހައިން ދެނެގަނެވެން ނޯންނަކަން ފާހަގަކުރެވެއެވެ." ރިޕޯޓުގައިވެއެވެ.

މިނިސްޓްރީއަށް ހުށަހެޅޭ ޝަކުވާތަކާއި ބަލަމުންދާ މައްސަލަތަކުގެ މައުލޫމާތުތަކަށް ކަމާގުޅުންހުރި އިދާރާތަކަށް އެކްސެސް ވެވޭނެ މަރުކަޒީ ނިޒާމެއް ނެތުމުގެ ސަބަބުން ކޭސް ވޯކަރުންނާއި ކޭސް ސުޕަވައިޒަރުންގެ އިދާރީ މަސައްކަތްތައް ވެސް ވަނީ އިތުރުވެފަ އެވެ.

އެގޮތުން، ކޭސް ފައިލްތަކުގައިވާ މައުލޫމާތާއި އެ ކޭހަކާ ގުޅިގެން ކުރެވޭ މަސައްކަތްތަކާއި އޭގެ ސްޓޭޓަސް މެނުއަލްކޮށް ބަލަހައްޓާތީ ކޭސްއަކާ ގުޅިގެން މިނިސްޓްރީގެ މަސައްކަތްތައް މޮނިޓާ ކުރަމުންދާ އިދާރާތަކުން ފޮނުވާ ސިޓީތަކަށް ޖަވާބު ދިނުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރަންޖެހޭކަން އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ.

"މިހެންވުމުގެ ސަބަބުން، ކޭސްތަކުގައި މަސައްކަތް ކުރަން ލިބޭ ވަގުތު ގެއްލި، ކޭސްތަކަށް ދޭންޖެހޭ ސަމާލުކަން ނުދެވޭކަން ފާހަގަކުރެވުނެވެ." ރިޕޯޓުގައި ވެއެވެ.

ޗައިލްޑް ހެލްޕް ލައިނުން 24 ގަޑިއިރު ހިދުމަތް ދޭންޖެހުނު ނަމަވެސް، މިނިސްޓްރީން މިހާރު ގާއިމްކޮށްފައިވާ ކޯލް ސެންޓަރުން 24 ގަޑިއިރު ހިދުމަތް ދެމުން ނުދާކަމަށް އޮޑިޓުގައިވެއެވެ.

ހެނދުނު އަށަކުން ރޭގަނޑު 10 ޖަހަންދެން މަދުވެގެން އެއް މުވައްޒަފު ކޯލް ސެންޓަރުގައި މަސައްކަތް ކުރެއެވެ. އެހެން ނަމަވެސް ރޭގަނޑު 10:00 އިން ފެށިގެން ހެނދުނު 8:00 އާ ދެމެދު ކޯލް ސެންޓަރުގެ ހެލްޕްލައިނަށް އަންނަ ކޯލްތައް ދައުލަތުގެ އިދާރާތަކުން ގުޅުމަށް ހާއްސަ ކުރެވިފައިވާ އޮންކޯލް ފޯނަށް ޑައިވާޓް ވާގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

މިހެންވުމުގެ ސަބަބުން، އޮންކޯލްގައި ހުންނަ މުވައްޒަފު އެހެން ކޭހެއްގައި މަސައްކަތްކުރާ ވަގުތުތަކުގަ އާއި އޮން ކޯލް ފޯނަށް ޖަވާބު ދޭ ވަގުތުތަކުގައި ހެލްޕް ލައިނުން ޑައިވާޓްވާ ކޯލްތަކަށް ދަނީ ޖަވާބު ނުދެވި އެވެ.

ހެލްޕްލައިނަށް އަންނަ ކޯލްތަކަށް ޖަވާބު ނުދެވޭނަމަ މިނިސްޓްރީގެ އެހީތެރިކަމަށް އެދިގެން ގުޅާ ފަރާތްތަކަށް އެހީތެރިވުމުގެ ފުރުސަތު ގެއްލި، އޭނާ ހުރި ހާލަތު ގޯސްވުމަށް މަގުފަހިވެގެންދިއުން އެކަށީގެންވާ ކަމަށް އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ.

ކޯލް ސެންޓަރުގެ ހިދުމަތް ދޭ ވަގުތުތަކުގައި ހެލްޕްލައިނަށް އަންނަ ކޯލްތަކުގެ ތެރެއިންވެސް ގިނަ ކޯލްތަކަކަށް ޖަވާބު ނުދެވި ކޯލް މިސްވި ނަމަވެސް، އަނބުރާ އެ ނަންބަރަށް ގުޅުމުގެ އުސޫލެއް
މިނިސްޓްރީގައި ނޯވެއެވެ. އެގޮތަށް އަމަލުކުރަނީ ނާޒުކު ކުއްޖާ/މީހާ ހެލްޕްލައިނަށް ގުޅިއިރު ހުރި ހާލަތު ބަދަލުވުމަކީ އެކަށީގެންވާ ކަމަކަށްވާތީއެވެ.

ޗައިލްޑް ހެލްޕްލައިނަކީ އެކި ބާވަތުގެ އަނިޔާއާއި އިހުމާލު ރިޕޯޓް ކުރުމަށް ހާއްސަ ކުރެވިފައިވާ ލައިނެއް ކަމުގައި ވީނަމަވެސް،
މިނިސްޓްރީގެ މުވައްޒަފުންގެ ރަސްމީ ބޭނުންތަކުގައި ހެލްޕްލައިނަށް ގުޅާކަން ވެސް އޮޑިޓުގައި ފާހަގަކޮށްފައިވެއެވެ.

މި ގޮންޖެހުންތައް ހައްލުކުރުމަށް ޔުނިސެފްގެ ހިލޭ އެހީގެ ދަށުން މޯލްޑިވްސް ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާބޭސް ގާއިމުކޮށް 2010 ވަނަ އަހަރު ޖެންޑާއާ ހަވާލުކޮށް އެ ޑޭޓާބޭސް އިތުރަށް ފުރިހަމަކޮށް ވެބް-ބޭސްޑް ސިސްޓަމެއް ގޮތުގައި ތަރައްގީކުރުމަށް 2015 ވަނަ އަހަރު ފުލުހުންނާ ހަވާލުކޮށްފައި ވީނަމަވެސް 2020ގެ ޖެނުއަރީ އާ ހަމައަށް އެ ސިސްޓަމްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި މިނިސްޓްރީއަށް ލިބެމުން ނުދާކަން އޮޑިޓުގައި ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް