ރާއްޖެއަށް 438 މިލިއަން ޑޮލަރު ހޯދަން ޖީސީއެފްގައި އެދެނީ

ގްރީން ކްލައިމެޓް ފަންޑް" (ޖީސީއެފް)އިން އެހީ ހޯދުމަށް ކުރިއަށް އޮތް ފަސް އަހަރުގެ އިސްކަންދޭނެ ދާއިރާތައް ކަނޑައަޅާ ތައްޔާރުކުރެވުނު "ގައުމީ އިސްތިރާޖީ ފްރޭމްވާކް"އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އެންވަރަމެންޓް މިނިސްޓްރީ

ބައިނަލްއަގުވާމީ ފަންޑެއް ކަމަށްވާ "ގްރީން ކްލައިމެޓް ފަންޑް" (ޖީސީއެފް)އިން އެހީ ހޯދުމަށް ކުރިއަށް އޮތް ފަސް އަހަރުގެ އިސްކަންދޭނެ ދާއިރާތައް ކަނޑައަޅާ ތައްޔާރުކުރި "ގައުމީ އިސްތިރާޖީ ފްރޭމްވާކް" މިއަދު އިފްތިތާހުކޮށްފި އެވެ.

މީގެ ހަ އަހަރު ކުރިން ގާއިމްކުރި ޖީސީއެފް އަކީ މޫސުމަށް އަންނަ ބަދަލުތަކަށް ހައްލުހޯދުމަށް ހިންގާ މަޝްރޫއުތަކަށް އެހީދޭ ބައިނަލްއަގުވާމީ އެންމެ ބޮޑު ފަންޑެވެ.

އެ ފަންޑުން އެންމެ ފުރަތަމަ އެހީ ދިން އިރު ޖުމްލަ 10 ބިލިއަން ޑޮލަރުގެ އެހީ އެކި ފަރާތްތަކަށް ދިނެވެ. އަދި އެ ފަންޑުން ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި 9.8 ބިލިއަން ޑޮލަރުގެ އެހީ ދޭނެ އެވެ.

މިއަދު އިފްތިތާހު ކުރި ފްރޭމްވޯކުގައި ހިމަނާފައި ވަނީ ކުރިއަށް އޮތް ފަސް އަހަރު ދުވަހު ރާއްޖެއިން ހިންގަން ރާވާ 31 ޕްރޮޖެކްޓަކަށް ޖުމަލް 438 މިލިއަން ޑޮލަރު ޖީސީއެފްއިން ހޯދާށެވެ.

އެހީ ހޯދަން އެދޭ ޕްރޮޖެކްޓުތަކުގެ ލިސްޓު އެކުލަވާލާފައިވަނީ ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކާއި، ކައުންސިލްތަކާއި، މަދަނީ ޖަމާއަތްތަކާއި، އަދި އަމިއްލަ ވިޔަފާރިތަކުގެ ހިޔާލާ މަޝްވަރާ ހޯދައިގެން ކަމަށް އެންވަޔަރަމެންޓު މިނިސްޓްރީއިން ބުންޏެވެ.

ޖީއެސްއެފްއިން އެހީދޭ ހުރިހާ ދާއިރާތަކެއްގެ މަޝްރޫއު އެ ލިސްޓުގައި ހިމެނާފައިވާ ކަމަށްވެސް މިނިސްޓްރީއިން ބުންޏެވެ. އޭގެ ތެރޭގައި ގޮނޑުދޮށް ހިމާޔަތްކުރުން، ދިރޭތަކެތީގެ ނަސްލުތައް ރައްކާތެރިކުރުން، ދަނޑުވެރިކަން، މަސްވެރިކަން، ފަތުރުވެރިކަން، އިޔާދަކުރަނިވި ހަކަތަ އަދި ދަތުރުފަތުރު ފަދަ ދާއިރާތައް ހިމެނޭކަން މިނިސްޓްރީއިން ފާހަގަކުރި އެވެ.

ޖީއެސީއެފްއިން ފަންޑު ހޯދަން އެދޭ މަޝްރޫއުތަކަކީ ސަރުކާރުން މިހާރު ތަންފީޒުކުރަމުން ގެންދާ ސްޓްރޭޓިޖިކް އެކްޝަން ޕްލޭންގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ވެސް އެހީތެރިވެދޭނެ މަޝްރޫއުތަކަކަށް ވެގެންދާނެ ކަމަށް މިނިސްޓްރީއިން ބުންޏެވެ.

އެ ފްރޭމްވޯކް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ މި ސަރުކާރުން ތިމާވެށީގެ ކަންކަމަށް ވަރަށް ބޮޑު އަހައްމިއްޔަތެއްދޭ ކަމަށެވެ. އެގޮތުން މި އަހަރުގެ ޕީއެސްއައިޕީ ބަޖެޓުގައި އެކަނިވެސް، ތިމާވެށި ރައްކާތެރި ކުރުމަށް 1.8 ބިލިއަން ރުފިޔާއާއި، އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމަށް 247 މިލިއަން ރުފިޔާ ސަރުކާރުން ހުށަހަޅާފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ގްރީން ލޯނާއި، އިޔާދަކުރަނިވި ހަކަތައިގެ އިންވެސްޓްމަންޓްތަކަށް ލުއިލޯނު ދޫކުރާ ދެ ފަންޑެއް ގާއިމްކޮށްފައިވާ ކަމަށެވެ. ބ. އަތޮޅު ކޮންޒަވޭޝަން ފަންޑަކީ ސަރުކާރާއި ފަތުރުވެރިކަން ފަދަ އަމިއްލަ ވިޔަފާރިތައް ގުޅިގެން މަޝްރޫއުތަކަށް އެހީދޭ ފަންޑެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެ ފަންޑުގެ ތަޖްރިބާގެ އަލީގައި އެ ފަދަ އެހެނިހެން ފަންޑުތައް ރާއްޖޭގެ އެހެނިހެން ދިމަދިމާގައި ގާއިމްކުރުމުގެ މަސައްކަތްވެސް ކުރަމުންގެންދާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

comment ކޮމެންޓް