ތިން ޕްރޮޖެކްޓަކަށް ގްރީން ފަންޑުން 584 މިލިއަން ހަރަދުކޮށްފި

ޖޭޑަބްލިއު މެރިއޮޓް ރިސޯޓުގެ ބީޗް ވިލާއެއް---

މި އަހަރުގެ ޖެނުއަރީ މަހު ގްރީންފަންޑުން ތިން ޕްރޮޖެކްޓަކަށް 584 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ގްރީން ފަންޑު ރިޕޯޓުގައިވާ ގޮތުން މިދިޔަ ޖެނުއަރީ މަހު އެ ފަންޑުން ހަރަދުކޮށްފައި ވަނީ ކުނިން ހަކަތަ އުފެއްދުމުގެ ޕްރޮޖެކްޓަކަށާއި ވޭސްޓް މެނޭޖުމެންޓް ޕްރޮޖެކްޓަކަށް އަދި ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ ޕްރޮޖެކްޓަކަށެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖެނުއަރީ މަހު ގްރީން ފަންޑަށް ލިބިފައި ވަނީ 84.9 މިލިއަން ރުފިޔާ އެވެ. އެއީ ރިސޯޓު، ހޮޓާ އަދި ގެސްޓު ހައުސްތަކުން 82.5 މިލިއަން ރުފިޔާ އަދި ލިވަބޯޑްސްތަކުން ލިބުނު 2.3 މިލިއަން ރުފިޔާ އެވެ.

މިދިޔަ ޖެނުއަރީ މަހު އެ ފަންޑަށް އެންމެ ގިނަ ފައިސާ ޖަމާކޮށްފައި ވަނީ ކ. އަތޮޅުންނެވެ. އެއީ ރިސޯތުތަކުން 28 މިލިއަން، ގެސްޓް ހައުސްތަކުން 1.2 މިލިއަން އަދި ހޮޓާތަކުން 5783 ރުފިޔާ އާ އެކު ޖުމްލަ 29.7 މިލިއަން ރުފިޔާ އެވެ.

ދެވަނަ އަށް އެންމެ ގިނައިން އެ ފަންޑަށް ފައިސާ ޖަމާކޮށްފައި ވަނީ އދ. އަތޮޅުންނެވެ. އެ އަތޮޅުން ޖުމްލަ 8.9 މިލިއަން ރުފިޔާ އެ ފަންޑަށް ޖަމާކޮށްފައިވާ އިރު އއ. އަތޮޅުން ވަނީ 6.7 މިލިއަން ރުފިޔާ ގްރީން ފަންޑަށް ޖަމާކޮށްފަ އެވެ.

މި އަހަރު ފެށުނު އިރު ގްރީން ފަންޑުގައި 782 މިލިއަން ރުފިޔާ ހުރިކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. މިދިޔަ ޖެނުއަރީ ނިމުނު އިރު ގްރީންފަންޑުގައި ހުރީ 866 މިލިއަން ރުފިޔާ އެވެ.

ރީން ޓެކްސްގެ ގޮތުގައި ރިސޯޓަކުގައި ތިބޭ ފަތުރުވެރިންގެ އަތުން ރެއަކާ ދުވާލަށް ހަ ޑޮލަރު ނަގަން ފެށީ 2015 ވަނަ އަހަރުން ފެށިގެން އެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން އަތުން ރެއަކާ ދުވާލަށް ތިން ޑޮލަރު ނަގަން ފެށީ، 2016 އިން ފެށިގެން އެވެ.

comment ކޮމެންޓް