ވިސާ ނުނަގާ ދިވެހިންނަށް ޔޫރަޕަށް ދެވޭނެ ކަމުގެ އުންމީދު އެބައޮތް: މިނިސްޓަރު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު -- ފޮޓޯ: ފޮރިން މިނިސްޓްރީ

އަމާޒަކީ ވިސާއާ ނުލާ ދިވެހިންނަށް ޔޫރަޕުގެ ގައުމުތަކަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށާއި އެކަމުގެ އުންމީދު އެބަ އޮތް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޖަރުމަނުވިލާތާއި ޗެކްރިޕަބްލިކް އަށް ދަތުރުކުރަން ބޭނުންވާ ޝެންގެން ވިސާ އެޕްލިކޭޝަން ސެންޓަރެއް މާލޭގައި ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ލަނޑުދަނޑިއަކީ ދިވެހިން ޔޫރަޕުގެ ގައުމުތަކަށް ދިޔުމަށް އޮން އެރައިވަލް ވިސާގެ އިންތިޒާމު ހަމަޖެހުން ކަމަށެވެ.

"ލަނޑުދަނޑިއަކީ ރާއްޖޭގެ ރައްޔިތުން ދިވެހި ޕާސްޕޯޓު ހިފައިގެން ޔޫރަޕުގެ އިއްތިހާދުގެ ގައުމުތަކަށް ދިޔައީމާ، އޮން އެރައިވަލް ވިސާ ޖެހޭނެ ފުރުސަތު ހޯދައިދިނުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު ހުޅުވި ވިސާ ސެންޓަރާއެކު ޝެންގަން ވިސާ ހޯދުމަށް ދިވެހިން ކުރަން ޖެހޭ ދަތުރުތަކާއި ހަރަދުތައް ހުއްޓުމަކަށް އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިއަދު ރާއްޖޭގައި އިފްތިތާހު މިކުރެވޭ ވިސާ ސެންޓަރަކީ މާލޭގައި ތިބެގެން ވިސާ ނަގައިގެން ޔޫރަޕަށް ދިޔުމުގެ ފުރުސަތު ދިވެހި ރައްޔިތުންނަށް ލިބޭނެ އޮފީހެއް،" މިނިސްޓަރު ވިދާޅުވީ މި ސެންޓަރަކީ ރާއްޖެއަށް އަންނަމުންދާ އިސްލާހީ ބަދަލުތައް ޔޫރަޕުގެ އިއްތިހާދުން ބަލައިގެންފައިވާކަން އަންގައިދޭ ހެއްކެއް ކަމަށެވެ.

"އަޅުގަނޑުމެން ކޮޅުނބަށް ގޮސް ނޫނީ ދިއްލީ އަށް ގޮސް ވިސާ ޖަހަން ޖެހުން ހުއްޓިގެން މިދިޔައީ. އިރާދަކުރެއްވިއްޔާ ދިވެހި ރައްޔިތުންނަށް އެއްވެސް ދައްޗެއް ނެތި މާލޭގައި ތިބެގެން ވިސާ ޖެއްސެވުމުގެ ފުރުސަތު ހުޅުވިގެން މިދިޔައީ،" މިނިސްޓަރު ވިދާޅުވި އެވެ.

މާލޭގައި ގާއިމްކުރި ވިސާ އެޕްލިކޭޝަން ސެންޓަރު ހުޅުވައިދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޖަރުމަނުވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޯން ރޯޑޭ އަދި ޗެކްރިޕަބްލިކް އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިލާން ހޮވޯކާ އެވެ.

މިއަދު ހުޅުވި ސެންޓަރުން ޖަރުމަނާއި ޗެކްރިޕަބްލިކް ވިސާ ދޫކުރި ނަމަވެސް، ކުރިއަށް އޮތްތަނުގައި އީޔޫގެ އެހެން ގައުމުތަކުން ވެސް ރާއްޖޭގައި ވިސާ ސެންޓަރުތައް ގާއިމް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

comment ކޮމެންޓް