ނަރުދޫ ތޮއްޓަށް ދޯންޏެއް އަރައި ދޯނި ފަޅައިގެން ހިނގައްޖެ

ނަރަދޫ ތޮށި މައްޗަށް އެރި ދޯނި -- ފޮޓޯ ކިއުންތެރިއެއް

ށ. ނަރަދޫ ތޮށި މައްޗަށް ދޯންޏެއް އަރައި ދޯނީގެ ފަަޅައިގެން ގޮސް، ދޯނީގެ އިންޖީނު ކަނޑަށް ހިނގައްޖެ އެވެ.

ނަރުދޫން ވާހަކަ ދެއްކި އެ ރަށު އަލީ ރަމްޒީ މިއަދު ސަން އަށް ވިދާޅުވީ ރޭ އިރާކޮޅު އެ ދޯނި ތޮއްޓަށް އެރީ ރަށު ނެރުން ވަންނަން އުޅެނިކޮށް ކަމަށާއި ތޮއްޓަށް ދޯނި އަރަން މެދުވެރިވީ ކީއްވެގެންކަން ނޭނގޭ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ ދޯނި ތޮއްޓަށް އެރި އިރު، ނެރުބައްތި ވަނީ ހަލާކުވެފައި ކަމަށާއި ނެރުބައްތި ހަލާކުވެފައި ހުންނަތާ ހަތަރު ފަސް މަސް ދުވަސްވެފައިވާ ކަމަށެވެ.

ހަތަރު މީހުންނާ އެކު ދަތުރު ކުރި ދޯނި ފަރަށް އެރުމުން އަދި ދޯނި ފުންކުރަން އުޅުމުގެ ތެރޭގައި ބައެއް މީހުންގެ އަތްތަންތަން މަށައިގެން ދިޔުން ފިޔަވައި މާ ބޮޑެތި އަނިޔާއެއް މީހަކަށް ނުވެ އެވެ.

ނަމަވެސް ދޯނި ވަނީ ތޮށިމަތީގައި ރާޅާ ތަޅަތަޅައި ދެ ފަޅިވެފައިވާ ކަމަށް ރަމްޒީ ވިދާޅުވި އެވެ. އަދި ދޯނީގެ އިންޖީނު ވެސް ވަނީ އެ ދިމާލު ފަރުމަތީގައި ކަމަށާއި އިންޖީނު ނެގުމުގެ މަސައްކަތް މިހާރު ރަށު ރައްޔިތުން ކުރަމުން އަންނަ ކަމަށެވެ.

ރަމްޒީ ވިދާޅުވީ ރަށު ރައްޔިތުން ކުރި މަސައްކަތާ އެކު މިހާރު ދޯނި އެ ރަށު ހުޅަނގު ފަރާތަށް ގެންގޮސް ރަށަށް އަރުވާފައިވާ ކަމަށެވެ. އެެ ދޯންޏަކީ އެ އަތޮޅު ކޮމަންޑޫ މީހެއްގެ ދޯންޏެއް ކަމަށާއި އެ ދޯންޏަކީ މަސްވެރިކަން ކުރާ ދޯންޏެއް ކަމަށް ރަމްޒީ ވިދާޅުވި އެވެ.

comment ކޮމެންޓް