މާނާގަލާގައި އެން އާލާ ކުރަނީ

އެން ހިފަން ޑައިވިންއަށް ފައިބައިގެން އުޅޭ މަސްވެރިއެއް -- ސަން ފޮޓޯ

މަސްވެރިންނަށް އެން ހޯދުމަށް ކުރިމަތިވެފައިވާ ދަތިތައް ހައްލު ކުރުމަށް ގއ. މާނާގަލާގައި އެން އާލާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އެން އާލާ ކުރެވޭނެ ގޮތަކާ މެދު އެއްވެސް ވިސްނުމެއް ގެންގުޅުއްވަންތޯ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަން މިއަދު މަޖިލީހަށް ވަޑައިގެން މިނިސްޓަރު ޒަހާ ވިދާޅުވީ، އެ ފަދަ ވިސްނުމެއް އެބަ އޮތް ކަމަށެވެ.

އެކުއާ ކަލްޗާ ގާއިމް ކުރުމަށްޓަކައި، ގއ. މާނާގަލާގައި މަލްޓިސްޕީޝީޒް ހެޗަރީއެއް ގާއިމް ކުރުމުގެ މަސައްކަތް ފެށިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެ ހެޗަރީގައި ރާއްޖެއަށް ބޭނުންވާ އަދި ބޭރުގެ ބާޒާރުތަކުގައި ޑިމާންޑު އޮތް ކަނޑުގެ ދިރުންތައް އާލާ ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު -- ފޮޓޯ/ ރައްޔިތުންގެ މަޖިލިސް

"މި ހެޗަރީގައި އެމުގެ ގޮތުގައި ބޭނުންކުރެވިދާނެ ބާވަތްތައް އަދި ކޮމާޝަލް ސްކޭލުގައި ކަލްޗާ ކުރެވިދާނެ އެމުގެ ބާވަތްތައް އާލާ ކުރަން ވަނީ ޕްލޭން ކުރެވިފައި،" މިނިސްޓަރު ވިދާޅުވި އެވެ.

އެން ލިބުމުގައި ހުރި ދަތިތައް ހައްލު ކުރުމަށްޓަކައި އެންވެރިކަމަކީ ވަކި މަސްވެރިކަމެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ ވިސްނުންވެސް ސަރުކާރުން ގެންގުޅޭ ކަމަށް ޒަހާ ވިދާޅުވި އެވެ. އެއީ ސަރުކާރުގެ ސްޓެރެޓަޖިކް އެކްޝަން ޕްލޭނުގައި ހިމެނޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން މިހާރު އެންވެރިކަން ކުރާ ސަރަހައްދުތައް މަސްވެރިންނަށް ބޭނުންކުރެވޭނެހެން ރައްކާތެރި ސަރަހައްދުތަކަށް ހެދުމުގެ ވިސްނުންވެސް ސަރުކާރުން ގެންގުޅޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ގއ. މާނާގަލާ: އެ ރަށުގައި ގާއިމް ކުރާ ހެޗަރީގައި އެން އާލާ ކުރާނެ ކަމަށް މިނިސްޓަރު ޒަހާ ވިދާޅުވި --

މާނާގަލާގައި ގާއިމް ކުރާ ހެޗަރީގައި އާލާކުރާނެ މައިގަނޑު ބާވަތަކީ ފާނައެވެ. އޭގެ އިތުރުން ހުއިފި ލަނޑާވެސް އާލާ ކުރާނެ އެވެ.

comment ކޮމެންޓް