މިނިމަމް ވޭޖު ރިޕޯޓު އޮތީ މަޖިލީހުގެ އިގްތިސާދީ ކޮމެޓީގައި

--- ފޮޓޯ/ މަޖިލިސް

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ގުޅޭގޮތުން މިނިމަމް ވޭޖު ބޯޑުން އެކުލަވާލި ރިޕޯޓު މިހާރު އޮތީ މަޖިލީހުގެ އިގްތިސާދީ ކޮމެޓީގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މީގެ ކުރިން ވިދާޅުވީ މިދިޔަ ފެބްރުއަރީ މަސް ނިމުމުގެ ކުރިން މިނިމަމް ވޭޖު ކަނޑައަޅައި އިއުލާނު ކުރައްވާނެ ކަމަށެވެ. ނަމަވެސް ފެބްރުއަރީ މަސް ނިމުނު އިރުވެސް މިނިމަމް ވޭޖު އިއުލާނު ނުކުރެވިވާތީ، އެކަމާ މައާފަށް އެދިވަަޑައިގެން އިއްޔެ މިނިސްޓަރު ވިދާޅުވީ މިނިމަމް ވޭޖު ބޯޑުގެ ރިޕޯޓަށް ލަފާއެއް ހޯދުމަށް މަޖިލީހަށް ފޮނުވާފައިވާ ކަމަށާއި މަޖިލީހުގެ ލަފައެއް އެކަމުގައި ވަރަށް އަވަހަށް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިނިމަމް ވޭޖުގެ ރިޕޯޓާއެކު އިކޮނޮމިކް މިނިސްޓްރީ އިން މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

https://sun.mv/132229

"އެ ސިޓީ އާއި ގުޅިގެން މިދިޔަ މަހުގެ 18 ވަނަ ދުވަހު އަޅުގަނޑުވާނީ މި އިއްޒަތްތެރި މަޖިލީހުގެ އިގްތިސާދީ ކޮމެޓީ އަށް ފޮނުވިއްޖެ ކަމަށް ދަންނަވާފައި. މިވަގުތު އެ ރިޕޯޓު އޮތީ މަޖިލީހުގެ އިގްތިސާދު ކޮމެޓީގައި،" މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އިގްތިސޯދު ކޮމެޓީ އިން އެ ރިޕޯޓަށް ބަހުސް ކުރަމުންދާ ކަމަށާއި، ކޮމެޓީ އިން ކަމާގުޅޭ އެންމެހާ ފަރާތްތަކާ މަޝްވަރާ ކުރާނެ ކަމަށެވެ. އަދި ރިޕޯޓް އެކުލަވާލުމުގައި ކަމާބެހޭ މާހިރުންނާ މަޝްވަރާ ކޮށް ވާހަކަ ދައްކައި ކަންކަން ސާފުކުރާނެ ކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

"އެ ކޮމެޓީގެ ނިންމުން މަޖިލީގުގެ ތަޅުމަށް ފޮނުވާނެ. އަޅުގަނޑު ދެކޭގޮތުގައި ކޮމެޓީގެ ނިންމުމުގައި އަދަދެއް ކަނޑައެޅެންޖެހޭ. އެންމެ ކުޑަ އުޖޫރައިގެގޮތުގައި ކަނޑައެޅޭ އަދަދު ހިމެނެން ޖެހޭ،" މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ މިނިސްޓަރު އެދިވަޑައިގެންފައިވަނީ މަޖިލީހުގެ ލަފަޔަކަށް ކަމަށާއި، މަޖިލީހުން ކުރަންއޮތްކަމަކީ މިނިމަމް ވޭޖު ބޯޑުގެ ރިޕޯޓު ދިރާސާކޮށް، މިނިސްޓަރު އެދިވަޑައިގެންފައިވާގޮތަށް މިނިމަމް ވޭޖުގެ ގޮތުގައި އަދަދެއް ކަނޑައެޅުން ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ މި މަޖިލީހުގެ މަސައްކަތުގެ ތެރެއިން އެ މަސައްކަތް ކުރިއަށްދާނެ. އެ މަސައްކަތް ކުރިއަށްދާނީ ކަމާބެހޭ ހުރިހާ ފަރާތްތަކަކާއެކު މަޝްވަރާ ކުރެވިގެން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގައި ދެވޭ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމަށާއި، ޓޫރިޒަމް ދާއިރާއާއި ސިވިލް ސާވިސްގައި މަސައްކަތްކުރާ މީހުންނަށް މިނިމަމް ވޭޖުގެ ގޮތުގައި 6،400 އާ 8،600 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށް މިނިމަމް ވޭޖު ބޯޑުން އިކޮނޮމިކް މިނިސްޓަރަށް ވަނީ ލަފާ އަރުވައިފަ އެވެ.

މިނިމަމް ވޭޖު ބޯޑުން މިނިސްޓަރަށް ލަފާ ދީފައިވަނީ ކޮންމެ ފަސް އަހަރަކުން އެއް އަހަރު މިނިމަމް ވޭޖު ރިވައިސްކުރާށެވެ.

އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ނުވަތަ މިނިމަމް ވޭޖެއް ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

ވަޒީފާއާ ބެހޭ ގާނޫނުން އުފައްދާފައިވާ، އުޖޫރައާ ގުޅޭ ގޮތުން ލަފާދޭ ބޯޑެއް އޮންނަ އިރު، އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ކަނޑައެޅުމުގެ ބާރު ގާނޫނުން އެ ބޯޑަށް ލިބެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 59 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ؛ ބޯޑުން މިނިސްޓަރަށް ދޭ ލަފާ ދިރާސާކުރުމަށް ފަހު ވަކި މަސައްކަތަކަށް، އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅުމުގެ ގޮތުން ނުވަތަ ބަދަލުކުރުމުގެ ގޮތުން ނުވަތަ ބާތިލު ކުރުމުގެ ގޮތުން މިނިސްޓަރަށް އަމުރެއް ނެރެވިދާނެ ކަމަށެވެ.

މިނިމަމް ވޭޖު ކަނޑައެޅުމަށްޓަކައި ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހެއް މިހާރު ހުށަހަޅާފައިވާ އިރު، އެ އިސްލާހުތަކުގައި ވަނީ އެންމެ ކުޑަމިމުން ދެވޭ އުޖޫރަ ކަނޑައަޅާނެ ގޮތްތައް ތަފްސީލުކޮށްފަ އެވެ.

ފުރަތަމަ ފަހަރަށް އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ކަނޑައަޅައި އިއުލާނުކުރުމަކީ ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ދަށުން ކުރާ ކަމެއް ނޫން ކަމަށް މިނިސްޓަރު ފައްޔާޒު ވަނީ ވިދާޅުވެފަ އެވެ.

މިހާރު ގާނޫނުގައި ބުނެފައިވާ ގޮތުން އެންމެ ކުޑަ އުޖޫރަ ކަނޑައަޅާއިރު މުވައްޒަފަކަށް ގަޑިއަކަށް ޖެހޭނެ އަދަދާއި މަސައްކަތުގެ ބަޔަކަށް ޖެހޭނެ އަދަދާއި އަދި އިތުރު ގަޑީގައި ލިބޭނެ މިންވަރުވެސް ކަނޑައެޅި ދާނެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައި ބުނެފައިވާގޮތުން އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައެއް ދިނުމަށް މިނިސްޓަރު އަމުރުކޮށް ނުދީފި ނަމަ ވަޒީފާ ދޭ ފަރާތް ޖޫރިމަނާވެސް ކުރެވެ އެވެ.

comment ކޮމެންޓް