ދަޅުމަހުގެ އަގު ހެޔޮކޮށް މިފްކޯ މިވަރެއްނެތް ޕްރޮމޯޝަން ފަށައިފި

މިފްކޯ މަސްފިހާރައިގައި ފަސްމީރު މަސްދަޅުތަކެއް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ސަރުކާރުގެ މަސްކުންފުނި މިފްކޯ އިން ރަމަޟާން މަހާ ދިމާކޮށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

"މިފްކޯ މިވަރެއް ނެތް" ގެ ނަމުގައި މިއަދުން ފެށިގެން މެއި މަހުގެ 31 ގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން މިފްކޯގެ ކޮންމެ މަސްފިހާރައަކުން ކުރާ ވިޔަފާރިއަކުން ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ. މިފްކޯގެ ކޮންމެ މަސްފިހާރައަކުވެސް އެ ފިހާރައަކަށް ވަކިން ލަކީޑްރޯ އެއް ބާއްވާނެ ކަމަށާއި ކޮންމެ ހަފްތާއަކު އެއްފަހަރު ނަސީބު ވެރިން ހޮވާނެ ކަމަށް މިފްކޯ އިން ބުންޏެވެ.

މީގެ އިތުރުން އެ ކުންފުނީގެ ހުރިހާ ފިހާރައެއްގެ ކޫޕަންތައް އެއްކޮށް ގްރޭންޑް ޕްރައިޒްގެ އިނާމު ދިނުމަށް ނަސީބުވެރިއަކު ހޮވާނެ ކަމަށް މިފްކޯ އިން ބުންޏެވެ.

މި ޕްރޮމޯޝަނުގެ އިތުރުން މިފްކޯ އިން ވަނީ އެކުންފުނީގެ ދަޅުމަހުގެ އަގުވެސް ހެޔޮކޮށްފަ އެވެ.

"މިފަހަރު ފަސްމީރު މިވަރެއްނެތް ޕްރޮމޯޝަންއާއިއެކު މަސްދަޅުކޭހުގެ އަގުމިވަނީ ކަސްޓަމަރުން ވަރަށް ހިތްހަމަޖެހޭނެ އަގަކަށް ކުޑަކުރެވިފައި. އެންމެ ފަހުން މަސްދަޅުގެ އަގު ހެޔޮކޮށްފައިވަނީ މީގެ ހަތަރު އަހަރު ކުރިން. މިފްކޯ މަސްފިހާރައިގައި ރަޖިސްޓްރީކޮށްފައިވާ ގޭދޮށުފިހާރަތަކާއި ހޯލްސޭލް ކަސްޓަމަރުންނަށްވެސް މިޕްރޮމޯޝަންގައި މިވަނީ ވަރަށް ހާއްސަ އަގުތަކެއް ހަމަޖައްސާފައި. ފެލިވަރު ތެޔޮމަސް 48 ދަޅުގެ ކޭސް މިހާރު 640 ރުފިޔާއަށް އަދި ފެން މަހުގެ 48 ދަޅުގެ ކޭސް 595 ރުފިޔާއަށް ލިބިވަޑައިގަންނަވާނެ،" މިފްކޯގެ އޮފިޝަލަކު ވިދާޅުވި އެވެ.

މިފްކޯ އިން ބުނީ މަސްދަޅުގެ އިތުރުން ފަސްމީރުބްރޭންޑްގެ އެހެން އުފެއްދުންތަކުން ވިޔަފާރިކޮށްގެންވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށެވެ.

ކޮންމެ ހަފްތާއަކު އިނާމު ލިބޭ ފަރާތްތައް ހޮވުމުގެ ގުރުއަތުލުން ކޮންމެ ބުރާސްފަތިދުވަހުގެ ރޭ މިފްކޯގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެ ކަމަށާއިއަގަށް ގެނަވުނު ހެޔޮބަދަލާއިއެކު އަތޮޅުތަކަށް މަސްކޭސް ފޯރުކޮށްދިނުމަށް ޑިސްޓްރިބިޔުޝަން ދަތުރުތަކެއް ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް