ރިތިކް ވެސް ހޮލީވުޑަށް؟

ރިތިކް ރޯޝަން---

ފިލްމު "ވޯ"ގެ ކާމިޔާބަށްފަހު ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ރިތިކް ރޯޝަން ހޮލީވުޑްގެ ފިލްމު އިންޑަސްޓްރީއަށް ވަނުމަށް ތައްޔާރުވަމުން އަންނަ ކަމަށް ހަބަރުތައް ބުނަން ފަށައިފިއެވެ.

ބަތަލު ރިތިކްއަކީ 2000 ވަނަ އަހަރު ނުކުތް "ކަހޯނާ ޕިޔާރު ހޭ" އިން ބޮލިވުޑަށް ނުކުތް ތަރިއެކެވެ. ހަބަރުތަކުން ބުނާގޮތުގައި ހޮލީވުޑްގެ ބައެއް ޕްރޮޖެކްޓްތަކުގެ މަސައްކަތްކުރުމަށް ކެލިފޯނިއާގެ އެޖެންސީއަކުން ރިތިކް ލައްވާ މިހާރު ވަނީ ސޮއިވެސް ކުރުވާފައެވެ. އަދި އެކަން ރިތިކްގެ މެނޭޖަރުވެސް ވަނީ ޔަގީންކޮށްދީފައެވެ. އެއާއެކު ރިތިކް ހޮލީވުޑުން ފެނިގެންދާނެ ކަން މިއޮތީ ކަށަވަރުވެފައެވެ.

މިދިޔަ އަހަރު ރިތިކް ވަނީ ދެ ފިލްމަކުން ސްކްރީނުން ފެނިގެން ގޮއްސައެވެ. އެއީ ބަތަލު ޓައިގާ ޝްރޮފް އާއެކު "ވޯ" އަދި "ސުޕަ 30" އިންނެވެ. އެ ދެ ފިލްމަށްވެސް ބޮކްސް އޮފީހުގައި ވަނީ ރަނގަޅު ތާއީދެއް ލިބިފައެވެ.

ރިތިކް ދެން އެންމެ އަވަހަށް ކުޅޭނީ އޭނާގެ ބައްޕަ ރާކޭޝް ރޯޝަންގެ "ކްރިޝް 4" އެވެ. އެ ފިލްމަކީ ކާމިޔާބު ފްރެންޗައިޒެކެވެ. ކްރިޝް 4 ގެ ބަތަލާ ރޯލު ދީޕިކާ އަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.

comment ކޮމެންޓް