ބަޅިނދު ޓީޒާއިން ސިހުރު ހާހޫރަ؟!

ބަޅިނދުގެ ޕޯސްޓަރެއް---

ކާމިޔާބު ފިލްމު ކުންފުނި ޑާކްރެއިން އެންޓަޓެއިންމަންޓުގެ އާ ފިލްމު "ބަޅިނދު"ގެ ޝޫޓިން ފަށައިގެން ބާރު ސްޕީޑުގައި ކުރިއަށްދާއިރު އެ ފިލްމުގެ ފުރަތަމަ ޓީޒާ އާންމުކޮށްލައިފި އެވެ.

ސޯޝަލް މީޑިއާއަށް ބަޅިނދުގެ ޓީޒާ ދޫކޮށްލިއިރު އެ ޓީޒާ ވަރަށް ތަފާތެވެ. އެ ޓީޒާ އިން ފެނިގެންދަނީ އަކަ ޖެހި ދޮލަގެކެވެ. އެއީ ތަށި ދުއްވަން ބޭނުންކުރާ އާލާތެކެވެ.

މާލެ އަދި ހުޅުމާލޭގައި ޝޫޓްކުރުމަށް ހަމަޖެހިފައިވާ އެ ފިލްމަކީ ހޫދު އިބްރާހިމް ލިޔެ އަހްމަދު ޝިނާން ޑައިރެކްޓްކުރާ ބިރުވެރި ފިލްމެކެވެ. ފިލްމުގެ ޓީޒާކޮޅުން ވެސް އެ ފިލްމަކީ ބިރުވެރި ފިލްމެއްކަން ހާމަވެގެން ދެއެވެ.

މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ދިވެހި ފިލްމު ބޮސް އިން ފިލްމީ ދާއިރާއަށް ތައާރަފްވި މުހައްމަދު ޔުނާން، ޖުމައްޔިލް ނިމާލް (ޖުމަލް)، އިސްމާއިލް ޖުމައިހް (ޖުމާ)، އައިމިނަތު ރަޝްފާ (އާޝާ)، ސަރާގެ އިތުރުން ހުނޭޝާ އާދަމް ނަސީރު ހިމެނެއެވެ.

މި ފިލްމުގެ ޓީޒާ އާންމުކުރިއިރު ޑާކްރެއިނުން އަންނަނީ މިއަހަރު އެ ޓީމުން ގެނެސްދޭ "ނޮވެމްބަރު" އެޅުވުމަށް ތައްޔާރުވަމުންނެވެ. އެ ފިލްމު މި އަހަރު ޖުލައި ހައެއްގައި ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މަރިޔަމް މަޖުދާ އަދި ޖުމައްޔިލް ނިމާލު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށްފައި ވަނީ އައިޝަތު ފުއާދު ތައުފީގު އަދި އަހްމަދު ތޮލާލު އެވެ. އަލީ ޝިފާއު (ޗިއްޕެ) އަދި އައިޝަތު ފުއާދު ޑައިރެކްޓްކުރާ "ނޮވެމްބަރު"ގެ ޕްރޮޑިއުސަރުންނަކީ މޮގާ އަދި އައިޝަތު ފުއާދެވެ. ފިލްމުގެ ސިނަމޮޓޮގްރަފީ ތައްޔާރުކުރާނީ އަހްމަދު ޝިނާން އަދި އަލީ ޝިފާއު އެވެ.

comment ކޮމެންޓް