އެމްޑީޕީ އިން މިއަދު ދައްކައިދިނީ ކޮންކްރީޓް ތަރައްގީ!

ކުރީގެ ސަރުކާރުގެ މަަސައްކަތްތަކަށް ފާޑުކިޔައި މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން އޭރު ވިދާޅުވީ ތަރައްގީ އަކީ ކޮންކްރީޓު ނޫން ކަމަށެވެ. އޭރު ސަރުކާރުން ހިންގެވި މަޝްރޫއުތައް މިހާރު ވެރިކަމުގައި، އޭރު އިދިކޮޅުގައި ތިއްބެވި ފަރާތްތަކަށް ކަމުނުދިޔައީ ކޮންކްރީޓު ތަރައްގީ އޯކޭ ނުވާތީ އެވެ. އެބޭފުޅުންގެ ރާގަކަށް އޭރުވީ ތަރައްގީ އަކީ އިންސާނުންގެ ފިކުރަށާއި ވިސްނުމަށް އަންނަ ބަދަލު ކަމަށެވެ. ހައްގުތައް ކަށަވަރުވުމަކީ ތަރައްގީ އަށް އޮތް އެންމެ މުހިއްމު ފިޔަވަޅު ކަމަށެވެ.

ވެރިކަން ބަދަލުވެ ދޮޅު އަހަރުވާއިރު، ޕީއެސްއައިޕީގެ ގިނަ މަޝްރޫއުތަކެއް ރަށްރަށުގައި ކުރިއަށް އެބަދެ އެވެ. އޭގެ ތެރޭގައި ކުރީގެ ސަރުކާރުން ފަށާފައިވާ އަދި މިސަރުކާރުގައި އަލަށް ފަށާފައިވާ މަޝްރޫއުތައްވެސް ހިމެނެ އެވެ. ބަނދަރުގެ މަޝްރޫއުތަކާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުތަކާއި އާ އިންޖީނުގެތައް އެޅުމުގެ މަސައްކަތްތައްވެސް ހިމެނެ އެވެ.

ސްކޫލުތަކުގައި އަޅާ މަލްޓިޕާޕަސް އިމާރާތްތަކާއި ކްލާސްރޫމުތަކުގެ އަމަލީ މަސައްކަތްތައް ކުރިއަށް ގޮސްފައިވާ ހިސާބާއި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްތަކާއި ފުޓްސަލް ދަނޑުތަކުގެ މަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބު ރައްޔިތުންނަށް ކިޔައިދޭ އަޑު މިއަދު ކުއްލިއަކަށް ގަދަވެއްޖެ އެވެ.

އެ މަންޒަރުތައް ރައްޔިތުންނަށް ދައްކައިދޭން މަސައްކަތް ކުރައްވަނީ ކުރީ ސަރުކާރުން ރަށްރަށުގައި އެޅި ފުޓްސަލް ދަނޑުތައް ޒުވާނުން ބޭނުން ނޫންކަމަށް އެންމެ ބާރަށް ވިދާޅުވި ބޭފުޅުންނެވެ.

ކޮންކްރީޓް ތަރައްގީ އަސްލު ތަރައްގީ ނޫން ކަމަށް ވިދާޅުވި ބޭބޭފުޅުންގެ ޓްވިޓާ ފީޑު މިއަދު އެއްކޮށް ހާއްސަ ކުރައްވާފައިވަނީ އިންފްރާސްޓްރަކްޗާގެ މި މަޝްރޫއުތަކުގެ ވާހަކަ ރައްޔިތުންނަށް ކިޔައިދެއްވުމަށެވެ. އެ މަޝްރޫއުތަކުގެ ފޮޓޯއާ އެކު ޓްވީޓްތައް ގެންދަވަނީ ޕޯސްޓް ކުރައްވަމުންނެވެ.

މި މަޝްރޫއުތަކުގެ ވާހަކަތައް ރައްޔިތުންނާ ހަމައަށް ތިލަކޮށް ދެއްވާ، އެންމެ ބާރަށް ސަރުކާރުގެ މަޝްރޫއުތަކުގެ ވާހަކަ މިއަދު ދައްކަވަނީ އެމްޑީޕީގެ ޗެއާޕާސަން، އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. ހަސަން ލަތީފް އަކީ މީގެ ކުރިން ސަރުކާރު މަޝްރޫއުތަކުގެ ވާހަކަ ހިފައިގެން ޓްވިޓާގައި "ހިންގާލާފައި" އުޅުއްވާ ބޭފުޅެއް ނޫނެވެ.

ހަސަން ލަތީފްގެ މި ޓްވީޓުތައް ރީ-ޓްވީޓް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ގެންދަވަނީ ކޮންކްރީޓް ތަރައްގީގެ ބިޔަ މަންޒަރު ރައްޔިތުންނަށް ދައްކައިދެއްވަމުންނެވެ. ނަޝީދުގެ ޓްވިޓާ ފީޑްގައި މިއަދު މުޅިން ވެސް އޮތީ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކުގެ ފޮޓޯތަކެވެ.

މަންޒަރު މިއަދު ބަދަލުވެގެން މިއުޅެނީ މިދިޔަ ހަފްތާ ބަންދުގައި އިދިކޮޅުން ބޭއްވި ޖަލްސާގެ މަންޒަރަށް ފަހު އެވެ. ކައުންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗު ކުރުމަށް ވެރިކަން ކުރާ އެމްޑީޕީ އިން ބޭއްވި ރަށްވެހި ފަތިސް ޖަލްސާ އަށް ދިޔަ މީހުންނަށް ވުރެ ޕީޕީއެމް ކޯލިޝަނުގެ މިއީ، "މަގޭ ރާއްޖެ" ޖަލްސާ އަށް ދިޔަ މީހުންގެ އަދަދު ގިނަވި ހިސާބުން ސަރުކާރަށް ތާއީދު ކުރާ މެންބަރުންނާއި އެމްޑީޕީގެ މެންބަރުން އަދި އެކްޓިވިސްޓުންގެ އަޑު ކުރިއަށްވުރެ ގަދަވެެއްޖެ އެވެ. ސަރުކާރު ދިފާއުކޮށް ރައްޔިތުންނަށް ސަރުކާރުގެ މަސައްކަތްތައް ދަައްކައިދޭން މަޝްރޫއުތަކުގެ ފޮޓޯތައް ދައުރުކުރާ މިންވަރު ގިނަވެއްޖެ އެވެ.

މިއަދު ރައީސް އޮފީހުން ވެސް ދައުރުކުރަމުން ގެންދަނީ ތަރައްގީގެ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތަކެވެ.

މީގެ ކުރިން ލާމަރުކަޒީ ނިޒާމާ ގުޅޭގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެފައިވާ ވާހަކަފުޅެއްގެ ވީޑިއޯ ޓްވިޓާ އަށް ދޫކޮށްލައްވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އިދިކޮޅަށް ވޯޓް ދޭންޖެހޭ އެއްވެސް ސަބަބެއް އޮތްތޯ ސުވާލު ކުރައްވައިފަ އެވެ. މިދިޔަ ރިޔާސީ އިންތިހަބާ ދިމާކޮށް ކުރިއަށްގެންދިޔަ ކެންޑިޑޭޓުންގެ ބަހުސްގައި ކުރީގެ ރައީސް ޔާމީން ވަނީ މިހާރު ރާއްޖޭގައި އޮތް، ލާމަރުކަޒީ ނިޒާމަކީ އެންމެ އެކަށޭނަ ނިޒާމު ނޫންކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް