އުރީދޫގެ ޑިޖިޓަލް ސެންޓަރެއް ގާއިމްކޮށްފި އެވެ.
މިއަދު ގާއިމްކުރި މި ސެންޓަރަކީ އުރީދޫގެ ހިދުމަތްތައް 24 ގަޑިއިރު ލިބޭ ސެންޓަރެކެވެ. މި ސެންޓަރު އިފްތިތާހުކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ ޗެއާމަން، ޑޭމިއަން ފިލިޕް ޗަޕެލް އާއި އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަދި ސީއީއޯ، ނަޖީބް ހާން އެވެ.
މި ސެންޓަރުގައި ހިމެނޭ ސެލްފް-ސާވިސް ކިއޮސްކްތައް މެދުވެރިކޮށް، ބޭނުން ކޮންމެ ގަޑިއެއްގައި، އުރީދޫގެ ޕްރީޕެއިޑް ސިމް ގަނެވޭނެ އެވެ. މި ސެންޓަރު މެދުވެރިކޮށް، ބިލަށް ފައިސާ ދައްކައި، ރީޗާޖްކޮށް، އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.
މިއަދު ހުޅުވި ސެންޓަރާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ ދުވަހުން ދުވަހަށް ޑިޖިޓަލް ވަމުންދާ ދުނިޔެއްގައި، ކަސްޓަމަރުން ބޭނުންވަނީ އަވަސް އަދި ފަސޭހަ ހިދުމަތްތަކެއް ކަމަށާއި އުރީދޫ ޑިޖިޓަލް ސެންޓަރު މެދުވެރިކޮށް ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފަސޭހަވެގެންދާނެ ކަމަށެވެ.

އުރީފޫގެ ޑިޖިޓަލް ސެންޓަރެއް ގާއިމް ކުރުން --- ސަން ފޮޓޯ: އަހުމަދު ސައީދު
"މިގޮތުން، ބޭނުން ކޮންމެ ވަގުތެއްގައިވެސް އުރީދޫގެ ސިމެއް ބައްލަވައިގަނެ، ރާއްޖޭގެ އެންމެ ފުރިހަމަ 4ޖީ+ ނެޓްވޯކުގައި އަޅުގަނޑުމެން ފޯރުކޮށްދޭ ތަފާތު އަދި އުފެއްދުންތެރި ހިދުމަތްތައް ބޭނުން ކުރަން ފެށޭނެ." އުރީދޫގެ މެނޭޖިންގް ޑިރެކްޓަރު ވިދާޅުވިއެވެ.
މި ސެންޓަރު ގާއިމް ކޮށްފައިވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ކިންގް ސަލްމާން މިސްކިތް ކުރިމަތީއެވެ.
ޑިޖިޓަލް ސެންޓަރުން ލިބޭ ހިދުމަތްތައް:
- ޕްރީޕެއިޑް ސިމް ކާޑު ބައްލަވައިގަތުން
- ބިލަށް ފައިސާ ދެށްކުން
- ރީޗާރޖްގެ ޚިދުމަތްތައް
- އެމް-ފައިސާ އެކައުންޓަށް ކޭޝް އިން ކުރުމުގެ ޚިދުމަތްތައް
އުރީދޫ އިން ބުނީ އެ ކުންފުނީގެ ހިދުމަތްތައް އިތުރަށް ޑިޖިޓަލްކޮށް ފަސޭހަކަމާއެކު ހިދުމަތް ލިބޭނެގޮތް ފަހިކޮށް ދިނުމަށް އުރީދޫ މޯލްޑިވްސްއިން މަސައްކަތް ކުރަމުންދާ ކަމަށެވެ.