މެސީ އަކީ މާ ހާއްސަ ކުޅުންތެރިއެއް ނޫން: ކޯޓުއާ

ބާސެލޯނާގެ ފޯވާޑް ލިއޮނެލް މެސީ ކުރިން ޗެލްސީގައި ކުޅުނު ކޯޓުއާ ގާތުން ގޯލަށް ޖަހަނީ---

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ އަކީ މާ ހާއްސަ ކުޅުންތެރިއެއް ނޫން ކަމަށާއި އޭނާ ހިފަހައްޓަން ތައްޔާރު ވަނީ ސެލްޓާ ވީގޯއާއި ލެވަންޓޭގެ ކުޅުންތެރިން ވެސް ހިހަފައްޓަން ގެންގުޅޭ ޕްލޭންގެ ދަށުން ކަމަށް ރެއާލް މެޑްރިޑްގެ ގޯލުކީޕަރު ތިބައު ކޯޓުއާ ބުނެފި އެވެ.

ސްޕެނިޝް ލީގުގައި ކުޅެވޭ އެންމެ ފޯރިގަދަ އަދި ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލައި އެ މެޗު ކަމަށްވާ "އެލް ކުލެސިކޯ" މިރޭ ކުޅުމަށް ހަމަޖެހިފައިވާ އިރު ރެއާލްއާއި ބާސެލޯނާއާ ދެމެދުގައި ވާދަވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ. އެންމެ ޕޮއިންޓެއްގެ ތަފާތުން ބާސެލޯނާ އެއްވަނާގައި އޮތް އިރު މިރޭގެ މެޗުން މޮޅުވެގެން ރެއާލަށް އަނބުރާ އެއްވަނައަށް އެރޭނެ އެވެ. އަދި ބާސެލޯނާ މޮޅުވެއްޖެ ނަމަ އެ ޓީމަށް އެއްވަނާގައި ލީޑު ފުޅާ ކުރެވޭނެ އެވެ.

މެޗުގެ ވާދަވެރިކަން ބޮޑުވެ ކުޅުންތެރިންގެ ތެރޭގައި ވެސް ވަނީ އެއް ކުލަބުން އަނެއް ކުލަބަށް ފާޑުކިޔުންތަކެއް އަމާޒުކޮށްފަ އެވެ. އެގޮތުން ރެއާލްގެ ކީޕަރު ކޯޓުއާ ވަނީ ބާސެލޯނާގެ ފޯވާޑް މެސީއަށް ފާޑު ކިޔައިފަ އެވެ.

"އެލް ކުލެސިކޯއެއް ކުޅޭ އިރު މެސީއާ މެދު އެއްވެސް ވަރަކަށް ނުވިސްނަން. މެސީ ދެކެ ބިރުގަންނާކަށް ނުޖެހޭ. އެކަމަކު އެތުލެޓިކޯގައި ކުޅުނު ފުރަތަމަ ސީޒަނުގައި ކުޑަކޮށް ޖެހިލުންވި. މިހާރު އެ ބިރު ފިލައި، ފަހަނަ އަޅައި ގޮސްފި،" ކޯޓުއާ ބުންޏެވެ.

އޭނާ ބުނީ މެސީ އަކީ ވަކި އެހެން ކުޅުންތެރިންނަށް ވުރެން ހާއްސަ ކުޅުންތެރިއެއް ނޫން ކަމަށެވެ. އަދި އޭނާ ހިފަހައްޓަން ޕްލޭން ހަދަނީ ސްޕެނިޝް ލީގުގެ އެންމެ ފުލުގައި އޮތް ޓީމުތަކުގެ ކުޅުންތެރިންނާ ވެސް އެއް ގޮތަކަށް ކަމަށް ކޯޓުއާ ވަނީ ބުނެފަ އެވެ.

މެސީ ވަނީ މިހާތަނަށް ނުވަ ގޯލު ކޯޓުއާ ގޯލުގައި ހުއްޓާ ޖަހައިފަ އެވެ. އެއީ އެތުލެޓިކޯ މެޑްރިޑުގައި ހުއްޓާ ޖެހި ހަ ގޯލާއި ޗެލްސީގެ ގޯލުގައި ހުއްޓާ ޖެހި ތިން ގޯލެވެ. އެލްކުލެސިކޯގެ ތާރީހުގައި ވެސް އެންމެ ގިނަ ގޯލު ޖެހި މެސީ ވަނީ ކޯޓުއާ އެތުލެޓިކޯގައި ކުޅުނު ދުވަސްވަރު އޭނަ ކޮޅަށް ހެޓްރިކެއް ވެސް ހަދައިފަ އެވެ.

"މިރޭގެ މެޗަށް ނުކުންނާނީ އިތުބާރާ އެކު. ހުވަފެނުން ދުވަހަކު ވެސް މެސީއެއް ނުފެނޭ،" ހެމުން ހެމުން ކޯޓުއާ ބުންޏެވެ.

ބާސެލޯނާއާއި ރެއާލް މެޑްރިޑް ބައްދަލު ކުރާ މެޗު ރެއާލްގެ ސަންޓިއާގޯ ބާނެބިއު ސްޓޭޑިއަމުގައި ކުޅޭ އިރު އެ މެޗު ފަށާނީ ރާއްޖެ ގަޑިން ދަންވަރު އެކެއް ޖަހާއިރު އެވެ.

comment ކޮމެންޓް