މިނިމަމް ވޭޖު ކަނޑަނޭޅިވަނީ މަޖިލީހުގެ ލަފަޔެއް ނުލިބިގެން: ފައްޔާޒު

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު -- ސަން ފޮޓޯ: އަހުމަދު ސައީދު

މިދިޔަ ފެބްރުއަރީ މަސް ނިމުމުގެ ކުރިން މިނިމަމް ވޭޖު ކަނޑައަޅާ އިއުލާނު ކުރައްވާނެ ކަމަށް ވިދާޅުވެފައިވީ ނަމަވެސް، މިނިމަމް ވޭޖު ކަނޑަނޭޅިވަނީ މަޖިލީހުގެ ލަފަޔެއް ނުލިބިގެން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ އެކަމަށް، މައާފަށް ވެސް އެދިވަޑައިގެންފަ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ކުރެއްވި ޓްވީޓެއްގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ ފެބްރުއަރީ މަސް ނިމުމުގެ ކުރިން ރާއްޖޭގައި އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައަޅައި، އިއުލާނުކުރައްވާނެކަމަށެވެ.

ނަމަވެސް ފެބްރުއަރީ މަސް ނިމިގެން ދިޔައިރުވެސް މިނިމަމް ވޭޖު ކަނޑައަޅައި އިއުލާނު ނުކޮށްވާތީ މިނިސްޓަރަށް ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ.

އިކޮނޮމިކް މިނިސްޓަރު ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިނިމަމް ވޭޖު ކަނޑައެޅުމަށް އެމަނިކުފާނު ވިދާޅުވި މުއްދަތު ފަހަނަ އަޅައި ހިނގައްޖެ ކަމަށާއި އެކަމަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އުއްމީދު ކުރެވުނީ ފެބްރުއަރީ މަސް ނިމުމުގެ ކުރިން މިނިމަމް ވޭޖު ކަނޑައެޅޭނެ ކަމަށް. މި މައްސަލަ ވަނީ މަޖިލީހަށް ފޮނުވިފައި. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަޖިލީހުގެ ލަފަޔެއް މިކަމިގައި ލިބޭނެ ކަމަށް އުއްމީދު ކުރެވެނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި ދެވޭ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމަށާއި، ޓޫރިޒަމް ދާއިރާއާއި ސިވިލް ސާވިސްގައި މަސައްކަތްކުރާ މީހުންނަށް މިނިމަމް ވޭޖުގެ ގޮތުގައި 6،400 އާ 8،600 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށް މިނިމަމް ވޭޖު ބޯޑުން އިކޮނޮމިކް މިނިސްޓަރަށް ވަނީ ލަފާ އަރުވައިފަ އެވެ.

މިނިސްޓަރު ވަނީ މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުން އެރުވި ލަފާ ރައްޔިތުންގެ މަޖިލީހަށް ވެސް ފޮނުއްވައިފަ އެވެ.

މިނިމަމް ވޭޖު ބޯޑުން މިނިސްޓަރަށް ލަފާ ދީފައިވަނީ ކޮންމެ ފަސް އަހަރަކުން އެއް އަހަރު މިނިމަމް ވޭޖު ރިވައިސްކުރާށެވެ.

އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ނުވަތަ މިނިމަމް ވޭޖެއް ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

ވަޒީފާއާ ބެހޭ ގާނޫނުން އުފައްދާފައިވާ، އުޖޫރައާ ގުޅޭ ގޮތުން ލަފާދޭ ބޯޑެއް އޮންނަ އިރު، އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ކަނޑައެޅުމުގެ ބާރު ގާނޫނުން އެ ބޯޑަށް ލިބެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 59 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ؛ ބޯޑުން މިނިސްޓަރަށް ދޭ ލަފާ ދިރާސާކުރުމަށް ފަހު ވަކި މަސައްކަތަކަށް، އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅުމުގެ ގޮތުން ނުވަތަ ބަދަލުކުރުމުގެ ގޮތުން ނުވަތަ ބާތިލު ކުރުމުގެ ގޮތުން މިނިސްޓަރަށް އަމުރެއް ނެރެވިދާނެ ކަމަށެވެ.

މިނިމަމް ވޭޖު ކަނޑައެޅުމަށްޓަކައި ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހެއް މިހާރު ހުށަހަޅާފައިވާ އިރު، އެ އިސްލާހުތަކުގައި ވަނީ އެންމެ ކުޑަމިމުން ދެވޭ އުޖޫރަ ކަނޑައަޅާނެ ގޮތްތައް ތަފްސީލުކޮށްފަ އެވެ.

ފުރަތަމަ ފަހަރަށް އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ކަނޑައަޅައި އިއުލާނުކުރުމަކީ ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ދަށުން ކުރާ ކަމެއް ނޫން ކަމަށް މިނިސްޓަރު ފައްޔާޒު ވަނީ ވިދާޅުވެފަ އެވެ.

މިހާރު ގާނޫނުގައި ބުނެފައިވާ ގޮތުން އެންމެ ކުޑަ އުޖޫރަ ކަނޑައަޅާއިރު މުވައްޒަފަކަށް ގަޑިއަކަށް ޖެހޭނެ އަދަދާއި މަސައްކަތުގެ ބަޔަކަށް ޖެހޭނެ އަދަދާއި އަދި އިތުރު ގަޑީގައި ލިބޭނެ މިންވަރުވެސް ކަނޑައެޅި ދާނެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައި ބުނެފައިވާގޮތުން އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައެއް ދިނުމަށް މިނިސްޓަރު އަމުރުކޮށް ނުދީފި ނަމަ ވަޒީފާ ދޭ ފަރާތް ޖޫރިމަނާވެސް ކުރެވެ އެވެ.

comment ކޮމެންޓް