ހެލްތްގެ 20 ޕްރޮޖެކްޓެއް ލާމަރުކަޒީކޮށް ކައުންސިލްތަކާ ހަވާލުކޮށްފި

ހެލްތުގެ 20 ޕްރޮޖެކްޓެއް ލާމަރުކަޒީކޮށް ކައުންސިލްތަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ހެލްތު މިނިސްޓްރީ

ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް ބާރުވެރިކުރުމުގެ ގޮތުން ގާނޫނަށް ގެނައި އިސްލާހާއެކު ހެލްތު މިނިސްޓްރީގެ 20 ޕްރޮޖެކްޓެއް 20 ރަށެއްގެ ކައުންސިލްއާ ހަވާލުކޮށްފިއެވެ.

މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި ކައުންސިލްތަކުގެ ފަރާތުން ސޮއިކުރެއްވީ ކޮންމެ ރަށެއްގެވެސް ކައުންސިލް މެމްބަރެކެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާއެކު ފަސް މިލިއަން ރުފިޔާއިން ދަށުގެ މަޝްރޫއުތައް ކައުންސިލްތައް ދޭން ވަނީ ފާސްކޮށްފައެވެ.

ހެލްތުގެ ޕީއެސްޕީ ޕްރޮޖެކްޓްތައް ހަވާލުކޮށްފައިވަނީ ހއ. ފިއްލަދޫ. ހއ. ވަށަފަރު، ހދ. ވައިކަރަދޫ، ހދ. މަކުނުދޫ، ހދ. ފިނޭ، ނ. ކެނދިކުޅުދޫ، ރ. ހުޅުދުއްފާރު، ރ. ވާދޫ، އއ. ފެރިދޫ، އދ. ދިގުރަށް، އދ. ދަނގެތި، މ. މުލައް، ލ. މާމެންދޫ، ގއ. މާމެންދޫ، ގއ. ދެއްވަދޫ، ގއ. ނިލަންދޫ، ގދ. ފިޔޯރީ ، ގދ. މަޑަވެލި އަދި ސ. ހުޅުދޫގެ ކައުންސިލްތަކާއެވެ.

މިއަދު ކައުންސިލްތައް ޕްރޮޖެކްޓްތައް ހަވާލުކުރިއިރު އެ ޕްރޮޖެކްޓްތަކުގެ ބީއޯކިއުތައް ނިމި އިއުލާންކުރަން ކުރަން ޖެހޭ ހުރިހާ ކުރެހުންތަކެއްގެ ތަފްސީލް ނިމިފަިއިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކައުންސިލްތަކާ ހަވާލުކުރި މަސައްކަތްތަކުގެ ތެރޭގައި ރަށްރަށުގެ ސިއްހީ މަރުކަޒަށް އަލަށް އިމާރާތްކުރާ ތަންތަން ހެދުމާއި އިމާރާތުގެ ފިނިޝިންގެ މަސައްކަތްތަކާއި އަދި ވަށާފާރު ރޭނުން ހިމެނެއެވެ.

ހެލްތު މިނިސްޓްރީން ބުނީ އެ މަޝްރޫއުތައް ނިމިގެން ދާއިރު ސިއްހީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ.

އެ ކައުންސިލްތަކުން ޕީއެސްޕީ ޕްރޮޖެކްޓްތަކާ ހަވާލުވުމުން ކައުންސިލްތައް ބާރުވެރިވެ މައި ސަރުކާރަށް ބަރޯސާވުން ކުޑަވެގެންދާނެކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް