މުއިއްޒު: މާލެއަށް ހައްލަކީ އަޅުގަނޑު، އިތުބާރު ކުރައްވާ!

ކުރީގެ ހައުސިން މިނިސްޓަރު އަދި ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ކުރިމަތި ލައްވާފައިވާ ޑރ. މުހައްމަދު މުއިއްްޒު ސަން އަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މާލޭ ސިޓީގެ މޭޔަރުކަމުގެ ރޭހާ ގުޅިވަޑައިގަތުމާއެކު ހަމަގައިމުވެސް ވާދަވެރިކަން ބޮޑުވެއްޖެ އެވެ. ގަބޫލުކުރަން ބޭނުން ނުވި ނަމަވެސް، އެމްޑީޕީއަށްވެސް އެ ވާދަވެރިކަމުގެ އިހުސާސް ކުރެވިއްޖެ އެވެ. އަނެއް ކޮޅުން ވަލަށް ވާންކޮށްލައިފި ކަމާއި، އެމްޑީޕީން ކުޑަ ތަންކޮޅެއް ދޫކޮށްލައިފިނަމަ ވާދަވެރިން ދަމައިގަންނާނެކަން އެނގިއްޖެ އެވެ. ޕޯޑިއަމްތަކުގައި ޕާޓީގެ އިސްވެރިން ދައްކަވާ ވާހަކަތަކުންނާއި ވާހަކައިިގެ ރާގުން މިކަން ވަރަށް ރަނގަޅަށް ސާފުވެ އެވެ.

ފަހަރުގައި މިއީ މޭޔަރުކަމަށް ދެން ވާދަކުރައްވާ ކެންޑިޑޭޓުންނާ ޑރ. މުއިއްޒުގެ ތަޖުރިބާ ނުބައްދަލުވުމުގެ ސަބަބުން އެމްޑީޕީގެ ތެރޭގައި އުފެދިގެން އުޅޭ ނުތަނަވަސްކަމަކަށް ވުން އެކަށީގެންވެ އެވެ. ޑރ. މުއިއްޒު މާލެ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވާފައި މިވަނީ، ހައުސިން މިނިސްޓަރުކަމުގައި ގާތްގަނޑަކަށް ހަތް އަހަރު މަސައްކަތް ކުރެއްވުމަށްފަހު އެވެ. ގިނަ ތަޖުރިބާތަކަކާއެކު، މާލެ ސިޓީގެ ގިނަ މައްސަލަތައް އެންމެ ގާތުން ފެނި، އެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް އަމަލީގޮތުން މަސައްކަތް ކުރެއްވުމަށްފަހު އެވެ.

"ސަން"އަށް ދެއްވި ހާއްސަ އިންޓަވިއެއްގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ވަނީ އޭނާ މާލޭގެ މޭޔަރު ކަމަށް ކުރިމަތިލެއްވި ސަބަބުތަކާއި ތޮއްޖެހިފައިވާ މާލެ ހަމަޔަކަށް އެޅުވުމުގައި އޭނާގެ ބޮޑު ވިސްނުން ހިއްސާކުރައްވައިފަ އެވެ.

ސިޓީ ހިންގުމުގެ ތަޖުރިބާ އެބަހުރި!

މުއިއްޒު ގަބޫލުކުރައްވަނީ ކެބިނެޓުގައި ހޭދަކުރެއްވި ހަތް އަހަރު ތެރޭގައި މާލެ ސިޓީއަށް ހެޔޮ ބަދަލުތަކެއް ގެނެވުނު ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގެ ހަތަރު އަހަރެއްހާ ދުވަހު ސިޓީ ކައުންސިލުން ކުރަންޖެހޭ ގިނަ މަސައްކަތް ކުރީ މުއިއްޒުގެ ބެއްލެވުމުގެ ދަށުން ހައުސިންގް މިނިސްޓްރީންނެވެ.

މޭޔަރުކަމަށް ވާދަކުރައްވާތީ އެމްޑީޕީން އޭނާއަށް ކިޔާ އެންމެ ބޮޑު ފާޑަކީވެސް މިއީ އެވެ. އެމްޑީޕީގެ ޖަލްސާއެއްގައި އެ ޕާޓީގެ ރައީސްވެސް ވިދާޅުވީ ސިޓީ ކައުންސިލުގެ ބާރުތައް އަތުލައި، ލާމަރުކަޒީ ނިޒާމު ހަލާކުކޮށްލީ މުއިއްޒު ކަމަށެވެ. އަދި މިނިސްޓްރީތަކުގެ ދަށަށް ކައުންސިލުގެ ބާރުތައް ގެންދިޔައީ ޕީޕީއެމްއަށް ލާމަރުކަޒީ ނިޒާމު ކަމުނުދާތީ ކަމަށާއި، މޭޔަރުކަމަށް މުއިއްޒު ވާދަކުރައްވަން ލަދުގަންނަން ޖެހޭނެ ކަމަށެވެ.

ކުރީގެ ހައުސިން މިނިސްޓަރު އަދި ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ކުރިމަތި ލައްވާފައިވާ ޑރ. މުހައްމަދު މުއިއްްޒު ސަން އަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އަޅުގަނޑު ނުދަންނަވަން ލާމަރުކަޒު ނިޒާމު ގޯހެކޭ. މިއީ ހަމަ ވަރަށް ރަނގަޅު ނިޒާމެއް. ނަމަވެސް ސިޓީ ކަައުންސިލްގެ މަސައްކަތްތައް އެހެން ވުޒާރާތަކަށް ބަދަލުކުރަން ޖެހުނީ ކައުންސިލުން އެއްވެސް ޒިންމާއެއް ނުކޮށް ސަރުކާރާ ރައްޔިތުންނާ ދެމެދު ނުތަނަވަސްކަން އުފައްދަން މަސައްކަތް ކުރުމުން އިތުރު އެއްވެސް ޗޮއިސް އެއް ނެތިގެން. ސަރުކާރަކަށް ނޯވެވޭނެ ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތައް ނުލިބޭތަން ބަލާކަށް،" މުއިއްޒު "ސަން"އަށް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އެމްޑީޕީ މެޖޯރިޓީ އޮތް ސިޓީ ކައުންސިލާއި ޕީޕީއެމްގެ ސަރުކާރާ ސިޔާސީ ފިކުރު ދިމާނުވި އިރު، އެ ކައުންސިލުން ދިޔައީ ސަރުކާރަށް ގަސްދުގައި ޖެއްސުން ކުރަމުން ކަމަށެވެ. ސިޓީ ކައުންސިލުގެ ގިނަ މަސައްކަތްތައް މިނިސްޓްރީތަކަށް ބަހާލަން ޖެހުނީ އޭގެ ނަތީޖާއެއްގެ ގޮތުންކަމަށް ވިދާޅުވި އެވެ. އެކަމުގެ ތެރެއިން ގިނަ މަސައްކަތްތައް ބަދަލުވީ މެންޑޭޓު ފުޅާކޮށް އޮތް ހައުސިންގް މިނިސްޓްރީގެ ދަށަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ މަރާމާތުކުރެއްވީ ދަރުބާރުގެ އެވެ. ދެން ގޯނި ޖަހައިގެން ވިޔަފާރިކުރަމުން ދިޔަ ދަތުރުވެރިންގެ މާރުކޭޓެވެ. ސިޓީ ކައުންސިލުންވެސް ދަތުރުވެރިންގެ މާރުކޭޓު މަރާތުކުރުމުގެ މަސައްކަތް ކުރަން މި ފަހުން ފަށާފައިވަނީ ވިޔަފާރިވެރިންނަށް އެހެން ގޮތެއް ހޯދައި ނުދީ އެވެ. ނަމަވެސް މުއިއްޒު ވިދާޅުވީ އޭނާގެ މިނިސްޓަރުކަމުގައި މާރުކޭޓު މަރާމާތުކުރުމުގެ މަސައްކަތް ރާވައި ހިންގީ ވިޔަފާރިވެރިންގެ ވިޔަފާރިއަށް ހުރަހެއް ނާންނާނެ ފަދަ އެހެން އިންތިޒާމެއްވެސް ހަމަޖައްސައިގެންނެވެ.

މީގެ އިތުރުން މާލޭގެ ބައެއް ގޯޅިތަކަކީ ހިނގާފައި އުޅޭ ގޯޅިތަކެއްގެ ގޮތުގައި ހަމަޖެއްސި އެވެ. ދުއްވާ އެއްޗެއްސަށް ނުވަދެވޭ ގޮތް ހެދުމުން އެންމެ ފުރަތަމަ ނުރުހުމާއި ފާޑުކިޔުން މުއިއްޒުއަށް އަމާޒުވި ނަމަވެސް އޭގެ ހެޔޮ ނަތީޖާ ފެންނަން މާ ގިނަ ދުވަހެއް ނުނަގަ އެވެ. ގިނަ ބަޔަކު އެކަން ބަލައިގަންނަން ފެށީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ހިތްފަސޭހަ، އުފާވެރި ކަމެއްގެ ގޮތުގަ އެވެ. ތޮއްޖެހިފައިވާ މާލެއަށް ކޮންމެހެންވެސް ބޭނުންޖެހިފައިވާ ކަމެއްގެ ގޮތުގަ އެވެ.

ކުރީގެ މިނިސްޓަރު ވިދާޅުވި ގޮތުގައި މާލޭގެ ހިތްފަސޭހަކަން އިތުރުކުރުމަށް ރަށުތެރޭގައި ގިނަ ޕާކުތަކެއް ހެދުމަށް އޭނާ އިސްކަން ދިނެވެ. ބަޖެޓުގެ ދަތިކަމާއެކު، އެކަން ކުރީ ކުންފުނިތަކުގެ އެހީގައި، ސީއެސްއާރުގެ ބަޖެޓުގެ ތެރެއިންނެވެ.

"އެއީ އަޅުގަނޑުމެން މަސައްކަތްކުރި ގޮތަކީ. ބަޖެޓެއް ނެތޭ، މަސައްކަތެއް ނުކުރެވޭނޭ ކިޔާފަ ނުތިބެން. އަޅުގަނޑުމެން އެހެން އޮޕްޝަންސް އެކްސްޕްލޯ ކުރިން. ކޮށްގެން ގިވްއަޕް ނުކޮށް ހިތްވަރާއެކު ވަރުގަދަ އަޒުމެއްގައި، އިހުލާސްތެރި ނިޔަތެއްގައި އަޅުގަނޑުމެން މަސައްކަތް ކުރީ،" މުއިއްޒު ވިދާޅުވި އެވެ.

ޕީޕީއެމްގެ ވެރިކަން ނަމަ މަޝްރޫއުތައް ނިމޭނެ!

ގިނަ މަސައްކަތްތަކެއް ނިންމައި އަދި ގިނަ މަސައްކަތްތަކެއް ފެށި ނަމަވެސް، ވެރިކަން ބަދަލުވި އިރު ހުރިހާ މަސައްކަތެއް މުޅިން ނިންމައެއް ނުލެވުނެވެ. މާލޭ އާޓިފިޝަލް ބީޗުގެ މަސައްކަތާއި، ކިންގް ސަލްމާން މިސްކިތާއި މާލޭ އިންޑަސްޓްރިއަލް ޒޯނުގެ މަސައްކަތާއި މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމުގެ ޕްރޮޖެކްޓު އޮތީ ފަށައި، ހިނގަ ހިނގަ އެވެ.

މުއިއްޒު ވިދާޅުވީ މިއަދުގެ ސަރުކާރަށް ދޮޅު އަހަރު ފުރި، އަދި ސިޓީ ކައުންސިލަށް "ގެއްލުނު" ބާރުތައް އިޔާދަވެފައި އޮތް އިރުވެސް ރައްޔިތުން ގަބޫލުކުރާ ފެންވަރުގެ މަސައްކަތް ނުކުރެވޭ ކަމަށެވެ. އޭނާ ވިދާޅުވީ ޕީޕީއެމްގެ ސަރުކާރަށް އިތުރު ފަސް އަހަރު ލިބުނު ނަމަ މަންޒަރު ވަރަށް ބޮޑަށް ތަފާތު ވީސް ކަމަށެވެ. މުއިއްޒުގެ ބެލުމުގެ ދަށުން، ކަރުދާހުގައި ކުރަހާލި އެ ޕްރޮޖެކްޓުތަކުގައި މިއަދު ހަގީގީ ކުލަ ޖެހި، މާލެސިޓީއަށް ނަލަ ބަދަލުތަކެއް އައީސް ކަމަށް އޭނާ ވިދާޅުވި އެވެ.

ކިންގް ސަލްމާން މިސްކިތް – ސަން ފޮޓޯ/ ފަޔާޒު މޫސާ

އެގޮތުން މިދިޔަ ރޯދަމަހު އާޓިފިޝަލް ބީޗު މުޅިން ނިމި، ކުޑަކުދިންނާއި ޒުވާނުންގެ އެކި ކަހަލަ ކުޅިވަރުތަކަށް އިންޑޯ އޭރިއާއަކާއި ޕާކިން އޭރިއާއެއް ހިމެނޭގޮތުން ވަރަށް ތަފާތު، ޒަމާނީ ހިތްގައިމު ސަރަހައްދަކަށް އެތަން ބަދަލުކުރެވުނީސްކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކިންގް ސަލްމާން މިސްކިތް މުޅިން ނިމި، ހުޅުމާލޭގައި ހަދާ 7،000 ހައުސިން ޔުނިޓުތަކަށްވެސް މީހުން ވަދެ ދިރިއުޅެން ފެށީސް ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި މާލޭގެ ރިންގްރޯޑުގައި މުޅިން ތާރުއަޅައި ނިމި މާލޭގެ ވިޔަފާރި ބަނދަރާ ހަމައިން ފެށިގެން ސިނަމާލެ ބްރިޖަށް ފުރިހަމަ މަގަކުން އޮންނާނީ ގުޅުވާލެވިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން އަޅަމުންދާ 25 ބުރީގެ ފްލެޓެއް--- ފޮޓޯ: ޗައިނާ ސަފީރު ޖަންގް ލިޖޮންގް

މީގެ އިތުރުން މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރަން ބިމު އަޑީގައި ބޮޑެތި ޓޭންކު ބަހައްޓައިގެން ފެން ހިންދަން ފެށި ސްޓޯމްވޯޓާ ސްޓޯރޭޖް ޕްރޮޖެކްޓުވެސް މުޅިން ނިމުނީސްކަމަށް ވިދާޅުވި އެވެ. ސަރުކާރު ބަދަލުވި އިރު އެ ޕްރޮޖެކްޓުގެ އެންމެ ފަހު ފޭސް އޮތީ ނުނިމި އެވެ. އަދި މުޅިން އަލަށް ސްޓޯމްވޯޓާ ރިޒަވޮޔާ ޕްރޮޖެކްޓެއް ފަށަން އޮތީ ތައްޔާރުވެފަ އެވެ. މި ދެ ޕްރޮޖެކްޓު އެއްކޮށް ނިންމާލެވުނުނަމަ މަގުތަކުގައި ފެން ބޮޑުވުމުގެ މައްސަލައަށް ބޮޑު ހައްލެއް އަންނާނެކަމަށް މުއިއްޒު ގަބޫލުކުރައްވަ އެވެ.

"އަޅުގަނޑު ގައިމުވެސް ވަރަށް ސިންސިއާ އެފަޓެއް ލީ ކަމެއް އެއީ. ބައެއް ސަރަހައްދުތައް ވަރަށް ބޮޑަށް ރަނގަޅުވެސް ކުރެވުނު. އޭރު ގާތްގަނޑަކަށް ތިން ގަޑިއިރު ތެރޭ ފެން ހިނދޭނެ. މިހާރު މި ފެންނަނީ އޭރު ވާ ވަރުވެސް ނުވޭ. އަޅުގަނޑަށް ގަބޫލުކުރެވެނީ ޕާސަނަލީ ނުބެއްލެވެނީއޭ ނޫނީ ބެލެހެއްޓުމުގަ ފަރުވާކުޑަ ކުރެވެނީއޭ،" މުއިއްޒު ވިދާޅުވި އެވެ.

ހަމައެއާއެކު ތިލަފުށްޓާއި ގުޅީފަޅު ގުޅާލާ ބުރިޖުގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށް ދާނެތާ ކިތަންމެ ދުވަހެއް ކަަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ގުޅީފަޅުގައި ބިނާކުރަން ރައީސް ޔާމީން ތަސައްވުރު ކުރެއްވި ޝަހަރަށް ބޭނުންވާ ބިންވެސް މިހާރު ހިއްކާ ނިމިފައި އޮންނާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރު ބަދަލުވި އިރު ގިނަ މަސައްކަތްތަކެއް ފެށި، އިތުރު މަސައްކަތްތަކެއްގެ ޕްލޭންއާއި ޑިޒައިންގެ މަސައްކަތް ނިމިފައި ހުރި ނަމަވެސް، މި ސަރުކާރުން އެ މަސައްކަތްތައް އެންމެ އެދެވޭ ގޮތުގައި ކުރިއަށް ނުގެންދާކަމުގެ ކަންބޮޑުވުން މުއިއްޒު ފާޅުކުރެއްވި އެވެ.

އޯގަސްޓް 21، 2017: ސަލްޓަން ޕާކު ތަރައްގީ ކުރުމަށްފަހު "ރަސް ރަނި"ގެ ނަމުގައި އަލުން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިނާއީ ސަރަހައްދުގެ ބޮޑުބައެއް ނިންމައި، ސަރުކާރު ބަދަލުވި އިރު ނުވެ އޮތީ ގުދަންތަކާއި ވޯކްޝޮޕްތައް ބަދަލުކުރުމުގެ މަސައްކަތެވެ. ސިނާއީ ސަރަހައްދަށް ބަދަލުކުރަން ޖެހޭ ހުރިހާ ގުދަންތަކާއި ވޯކްޝޮޕްތަކުގެ މައުލޫމާތު ހުރީ އެއްކޮށް ނިމިފަ އެވެ.

"މި ސަރުކާރުން އަދި ނުފެނޭ އެކަން ކުރާތަނެއް. އެބަޖެހޭ މިތަންތަން ބަދަލުވާން އެތަނަށް. ބަދަލުވީމަ ދެއްތޯ މާލެ ތެރެއަށް ހިތްފަސޭހަކަމެއް އަންނާނީ. އަޅުގަނޑުގެ އެއް ވިސްނުމަކީ ސިނާއީ ސަރަހައްދު ހަގީގަތަކަށް ހަދައިދިނުން. އޭރުން މާލެ ތެރެއިން މަދުވެގެން ދާނެ ރައްޔިތުންނަށް ނޭވާލާން، ދިރިއުޅެން އުނދަގޫވާ ޒާތުގެ ހުރިހާ ވޯކްޝޮޕް ތަކެއް،" މުއިއްޒު ވިދާޅުވިއެ ވެ.

ތުހުމަތުތަކާމެދު ހާހެއް ނުވޭ!

ރައީސް ޔާމީންގެ ސަރުކާރުން ގިނަ ކަންތައްތަކެއް ކުރި ނަމަވެސް، އެއިން ކޮންމެ ކަމެއްގައި ބޮޑެތި ކޮރަޕްޝަން ހިމެނޭ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ. ރައީސް ޔާމީންގެ އިތުރުން މުއިއްޒަކީވެސް އެ ތުހުމަތު ތަކުގެ އިނގިލި އަމާޒުވާ ބޭފުޅެކެވެ.

ހިޔާ މަޝްރޫއުގެ ފުލެޓްތައް ދިން ގޮތް ބެލުމަށް ޖިނާއީ ތަހުގީގެއް ހިންގަން މާލެ ސިޓީ ކައުންސިލުން ފާސްކޮށްފައި ވާއިރު، މުއިއްޒު ވިދާޅުވީ އެއީ އިންތިހާބާ ގުޅިގެން ބިރުދެއްކުމަށް ކައުންސިލުން ނިންމި ނިންމުމެއް ކަމަށެވެ.

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސީ އިން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހެޅި އާބިޓްރޭޝަން މައްސަލައިގައި މުއިއްޒު އަމަލުކުރެއްވި ގޮތާ ގުޅިގެން އެޓާނީ ޖެނެރަލްގެ އޮފީހުން ހުށަހެޅި މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. މުއިއްޒު މޭޔަރު ކަމަށް ވާދަކުރައްވަން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވިތާ ދެ ދުވަސް ތެރޭ އެ މައްސަލައިގައި އޭނާ ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ.

ނަމަވެސް ވަރަށް ހަމަޖެހި އިންނަވައި މުއިއްޒު ވިދާޅުވީ ރައްޔިތުންނާ ގުޅޭ އެފަދަ މަގާމެއްގައި ހުރި މީހެއްކަމުން އެފަދަ ތުހުމަތެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ނަމަވެސް މުއިއްޒު ވިދާޅުވަނީ އެ ތުހުމަތުތަކުގައި ހަގީގަތެއް ނެތް ކަމަށެވެ. އަދި ކަމާބެހޭ އިދާރާތަކަށް ތުހުމަތުވާނަމަ އެކަމެއް ބަލަން ޖެހޭނެ ކަމަށާއި، ނަމަވެސް މުއިއްޒު ގާނޫނާ ގަވާއިދާ ހިލާފަށް، ވަކި މީހަކަށް ފައިދާއެއް ވާގޮތަށް ކޮށްފައި އޮތް ކަމެއް ނުފެންނާނެ ކަމަށެވެ.

ކުރީގެ ހައުސިން މިނިސްޓަރު އަދި ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ކުރިމަތި ލައްވާފައިވާ ޑރ. މުހައްމަދު މުއިއްްޒު ސަން އަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އަޅުގަނޑާ ހަމައިން ކުރަންޖެހޭ އެއްވެސް ކަމެއްގައި ވަކި ފަރާތަކަށް ފައިދާ ކުރާކަށް އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ. އަޅުގަނޑުގެ ފަލްސަފާއަކީ ގެއަށް ވަދެ އަރާމުކޮށް ނިދާލަން އަޅުގަނޑު ބޭނުމޭ. އެހެންވީމަ ރައްޔިތެއްގެ ހައްގަކަށް ނޫނީއްޔާ ގާނޫނާ ހިލާފަށް ކަމެއް ހިންގާފައި އައިސް އަޅުގަނޑަކަށް ނޯވެވޭނެ. ބަޔަކު ކަމެއް ކޮށްފަ އޮވެދާނެ މިނިސްޓްރީ ތެރެއިން ވެސް. އެއީކީ އަޅުގަނޑު ކުރިވި ކަމެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަމިއްލައަށް އެދިގެން މިނިސްޓްރީގެ އެތެރޭގެ އޮޑިޓްތައް ވެސް ހަދުވާފައި ހުންނާނެ ކަމަށާއި، ގޯސްކޮށް ކަމެއް ހިނގާކަން ފާހަގަވާނަމަ އިސްވެ ފުލުހުންނަށް ވެސް ހުށަހަޅުއްވާފައި ހުންނާނެ ކަމަށެވެ.

އެހެންކަމުން ތުހުމަތުގެ އިނގިލި ދިއްކުރެވުނަސް ކަންބޮޑު ނުވާކަމަށާއި، އަބަދުވެސް ސާބިތުކަމާއެކު ހުންނަވާނެ ކަމުގެ ޔަގީންކަން މުއިއްޒު ދެއްވި އެވެ.

"ދެފަރާތަށް ވެސް ފައިދާވާނެ ހައްލަކީ އަޅުގަނޑު"

ސަރުކާރު ބަދަލުވުމާއެކު ވަޒީރުކަމުން ދުރުވާންޖެހުނު އިރު، ރައްޔިތުންނަށްޓަކައި ކޮށްދޭން ބޭނުންވި ބައެއް ކަންކަން ކޮށްނުދެވުނެވެ. އެހެންކަމުން މުއިއްޒު މިފަހަރު މޭޔަރު ކަމަށް ވާދަކުރައްވަނީ އަލުން ރައްޔިތުންނަށް އެ ހިދުމަތްތައް ކޮށްދެއްވުމަށެވެ.

މުއިއްޒު ދުރަށްޖެހިވަޑައިގެން ހިސާބުން ކަންކަން ކުރިއަށް ނުދާކަމަށް ގަބޫލުކުރެއްވޭތީ އެވެ. ކަންކަން ބޮއްސުންލައިގެން ގޮސް މާލެ ސިޓީ ވީރާނާވާ މަންޒަރު ބަލަން ދުރުގައި ހުންނަން ކެތްނުވީ ކަމަށް މުއިއްޒު ވިދާޅުވި އެވެ. ކަންކަން ރަނގަޅު ނުވެ، ބޮއްސުންލައިގެން ދިޔުމަކީ ޗޮއިސްއެއް ނޫން ކަމަށް ވިދާޅުވި އެވެ.

މުއިއްޒު އަދި ވިދާޅުވީ އެންމެ ފުރަތަަމަ ދުވަހުން ފެށިގެން ވެސް އޭނާ މަސައްކަތް ކުރެއްވީ އިހުލާސްތެރިމާއެކު، ވަރުގަދަ އަޒުމެއްގައި ހެޔޮ ނިޔަތެއްގައި ކަމަށެވެ. އަދި މިއަދުވެސް މޭޔަރުކަމަށް ވާދަކުރައްވައިގެން ހުންނެވީ އެ އަޒުމުގައި ކަމަށާއި، މާލެ ސިޓީގެ ރައްޔިތުންނަށް ރަނގަޅު މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށެވެ.

އެހެންކަމުން މުއިއްޒު މިއަދު މޭޔަރު ކަމުގެ ރޭހަށް ނުކުންނެވީ ތަޖުރިބާގެ އަލީގައި، ރައްޔިތުން އެދިއެދި ތިބި ހިދުމަތްތައް ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދެއްވާނެ ކަމުގެ ވައުދާއެކު އެވެ. ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައާ، މަގުގެ މައްސަލައާއި، ތޮއްޖެހުމާއި ޕާކު ކުރުމާއި މި ހުރިހާ ކަމަކަށް ހައްލު ހޯއްދަވައިދެއްވުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން މުއިއްޒު ދެއްވި އެވެ.

ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން އެމްޑީޕީއަށް ކައުންސިލް ގޮނޑިތައް ދޭން ޖެހޭ ކަމަށް ބުނެ އެމްޑީޕީން ދައްކާ ހުއްޖަތަކީ ސިޔާސީ ފިކުރު ތަފާތުވުމުގެ ސަބަބުން ސަރުކާރާ ގުޅިގެން މަސައްކަތް ނުކުރެވޭނެ ކަމެވެ. މިހާރު އޮތް މާލޭ ސިޓީ ކައުންސިލަށް ވެސް ޔާމީން ސަރުކާރުގައި ދިމާވީ އެފަދަ މައްސަލައެކެވެ.

ކުރީގެ ހައުސިން މިނިސްޓަރ އަދި ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތި ލައްވާފައިވާ ޑރ. މުހަންމަދު މުއިއްްޒު ސަން އަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަމަވެސް މުއިއްޒު މޭޔަރު ކަމަށް އިންތިހާބު ކޮށްގެން، ސަރުކާރާމެދު މިފަދަ ނުތަނަވަސްކަމެއް ނުއުފެދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ވަނީ ދެއްވައިފަ އެވެ.

"ސަރުކާރު އޭރު އޮތީ ކޮށްދޭން، ކައުންސިލުން ބޭނުން ނުވީ ސަރުކާރާ އެކީ މަސައްކަތް ކުރަން. އެއާ މިހާރާ ތަފާތު ވާނެ. އަޅުގަނޑު ބޭނުންވަނީ ކަން ކުރަން، ކަން ކުރަން ބޭނުންވެގެން މި އަންނަނީ. ސަރުކާރުގައި އާދޭސްކޮށްގެން ވިޔަސް އެންމެ މެކްސިމަމް އެފަޓް ލާނަމޭ ރައްޔިތުން ބޭނުންވާ ކަންކަން ސަރުކާރުން ހޯދައިގެން، ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭން. އަނެއްކާ އެމްޑީޕީއަށް ވެސް ސަރުކާރަށް ވެސް ރަނގަޅު ވާނީ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ޚުދު އެމްޑީޕީ މެމްބަރުންނަށް ވެސް މުއިއްޒުގެ މަސައްކަތްތައް ފެނިފައި ހުންނާނެ ކަމަށާއި، މުއިއްޒަށް ފުރުސަތު ދޭންވީ، އޭނާއަކީ ވަރަށް އިހުލާސްތެރިކަމާއެކު ބުރަ މަސައްކަތެއް ކޮށްފައި ހުރި މީހަކަށް ވާތީ ކަމަށެވެ.

ހަމައެއާއެކު އެމްޑީޕީ މެމްބަރަކު މޭޔަރަކަށް ހޮވައިފިނަމަ، އެ ބޭފުޅަކަށް ޕާޓީ ލައިނުން ޕްރެޝަރު އަންނާނެ ކަމަށާއި، އެހިސާބުން ކުރަން ބޭނުން މަސައްކަތް ވެސް ހުއްޓާލަން ޖެހިދާނެ ކަމަށެވެ.

ނަމަވެސް މުއިއްޒަކީ އިދިކޮޅު ޕާޓީއެއްގެ މެމްބަރަކަށް ވުމުން، ސަރުކާރުގައި އާދޭސްކޮށްގެން ވެސް އެންމެ ފަހު ވަގުތާ ހަމައަށް ޖެހެންދެން މަސައްކަތް ކުރެވޭނެ ކަމަށާއި އަދި ސަރުކާރުން އެއްބާރުލުން ނުލިބޭނަމަ، އެކަން ވެސް ހާމަކުރަން ކެރޭނެ ކަމަށް ވިދާޅުވި އެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވައި، ދެފުށް ފެންނަ ގޮތެއްގައި ސިޓީ ކައުންސިލް ހިންގުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަކީ މިކަމުގެ ތެރޭގައި އެތައް ދުވަހެއް އުޅެފަ ހުރި މީހެއް. ސަރުކާރެއްގެ ތެރެއިން ކަންކަން ކުރަން އެނގޭ މީހެއް. ރިއަލިސްޓިކް، ޕްރެކްޓިކަލް ގޮތެއްގައި ރައްޔިތުންނަށް ކަންކަން ކޮށްދެވޭނެ މީހެއް. އެހެންވީމަ މީގަ އޮތް ވިން ވިން ސޮލިއުޝަން އަކީ އަޅުގަނޑަށް މި މަގާމަށް އައުމަށް ރައްޔިތުން އިތުބާރު ކުރެއްވުން،" މުއިއްޒު ވިދާޅުވި އެވެ.

comment ކޮމެންޓް