ރޮހިންގާ މުސްލިމުންގެ ދިފާއުގައި ނުކުތުމުން ރާއްޖެއަށް ޝުކުރާއި ތައުރީފު

ރޮހިންގާ ރެފިއުޖީންތަކެއް ބަނގުލަދޭޝަން އެތެރެވަނީ-- ފޮޓޯ: އޭއެފްޕީ

ރޮހިންޖާ މުސްލިމުންގެ ދިފާއުގައި އދ.ގެ އެންމެ މަތީ ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ރާއްޖެ ވަތް ވަނުމަކީ މި މައްސަލައިގައި އދ. ސަލާމަތީ މަޖިލީހުގައި މަޑުން ތިބި ދުނިޔޭގެ ބޮޑެތި ގައުމުތަކުން ލަދުގަންނަވާލާ ވަރުގެ ކަމެއް ކަމަށް ބާމީސް ރޮހިންގާ އޯގަނައިޒޭޝަން ޔޫކޭ (ބީއާރްއޯޔޫކޭ)އިން ބުނެފި އެވެ.

ރޮހިންޖާ މުސްލިމުންގެ ދިފާއުގައި ގެމްބިއާއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ރާއްޖެ ވަންނަން ނިންމި ކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއުލާން ކުރެއްވީ، މިދިޔަ އަންގާރަ ދުވަހު އެވެ.

އެކަމަށް ޝުކުރު އަދާ ކުރުމަށް ބީއާރްއޯޔޫކޭއިން ނެރުނު ބަޔާނުގައި ބުނީ ރޮހިންގާ މުސްލިމުންގެ ދިފާއުގައި ހުށަހަޅާފައިވާ މައްސަލައިގައި ބައިވަރު ގައުމުތަކުން ސިޔާސީ ގޮތުންނާއި އެނޫން އެކި ގޮތްގޮތުން އެހީތެރިކަން ލިބޭ ކަމަށެވެ.

ނަމަވެސް، ރާއްޖެއަކީ މި މައްސަލައިގައި އަމަލީ އެހީތެރިކަން ފޯރުކޮށްދިން ފުރަތަމަ ގައުމު ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

"އަނެއްކާ ވެސް މި ފެނުނީ ރާއްޖެ ފަދަ ކުޑަ ގައުމަކުން ގަތުލުއާންމާ ދެކޮޅަށް ހިތްވަރާއެކު ތެދުވި މަންޒަރު. މިއީ ރޮހިންގާ މުސްލިމުންނަށް ސަލާމަތީ ގޮތުން ނާޒުކު މިފަދަ 'އަނދިރި' ދަނޑިވަޅެއްގައި ލިބުނު އުންމީދީ އަލިކަމެއް." ބީއާރްއޯޔޫކޭގެ ރައީސް ތުން ކިން ވިދާޅުވި އެވެ.

އައިސީޖޭއިން މިދިޔަ ޖެނުއަރީ މަހު ވަނީ ރޮހިންޖާ މުސްލިމުންނާއި ދެކޮޅަށް ހިންގާ ގަތުލުއާއްމުން ސަލާމަތްކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް މިޔަންމާއަށް އަމުރުކޮށްފަ އެވެ.

އެ މައްސަލައަށް ރާއްޖޭން ވަންނަން ނިންމިއިރު، އައިސީޖޭގައި ރާއްޖެ ތަމްސީލު ކުރައްވާނީ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ ބައިނަލްއަގްވާމީ ވަކީލުންގެ ޓީމުގައި ވެސް ހިމެނިވަޑައިގަންނަވާ އާމާލު ކުލޫނީ އެވެ.

އެ މައްސަލައިގައި ދެން މިޔަންމާ އައިސީޖޭއަށް ހާޒިރު ކުރާނީ މިއަހަރުގެ މެއި މަހު އެވެ.

comment ކޮމެންޓް