ކޮންސްޓްރަކްޝަން ދާއިރާ ކުރިއަރަން ފަށައިފި

އިމާރާތްކުރުމުގެ މަސައްކަތުގައި ބަޔަކު ހަރަކާތްތެރިވަނ/ީ ސަން ފައިލް ފޮޓޯ

މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާ ކުރިއަރަން ފަށާފައިވާ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން ބުނެފި އެވެ.

އެ އިދާރާ އިން އާންމުކޮށްފައިވާ 2019 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓާގެ އިކޮނޮމިކް ބުލެޓިންގައި ބުނީ އަހަރު ފެށުނު އިރު އިމާރަތްކުރުމުގެ ދާއިރާ މަޑުޖެހިފައި އޮތް ނަމަވެސް އަހަރުގެ ފަހު ކުއާޓަރާ ހަމައަށް ދިޔައިރު އެ ދާއިރާ ކުރިއަރަން ފަށާފައިވާ ކަމަށެވެ.

އެގޮތުން ކޮންސްޓްރަކްޝަން ދާއިރާ އަށް ދޫކުރާ ލޯނުގެ އަދަދު އެ މުއްދަތުގައި އިތުރުވެފައިވާ ކަމަށާއި އެ ދާއިރާގެ މަސައްކަތްތަކަށް އެތެރެކުރާ މުދާ އެތެރެކުރާ ނިސްބަތް ވެސް އިތުރުވާން ފަށާފައި ވާކަމަށެވެ.

އެގޮތުން ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ބޭނުންވާ ލަކުޑިއާއި ހިލަ، ހިލަވެލި، ދަގަނޑު އަދި ސިމެންތި ފަދަ އުފެއްދުންތައް އެތެރެކުރި ނިސްބަތް 14 ޕަސެންޓު ކުރިއަރާފައިވާކަމަށް އެމްއެމްއޭގެ ބުލެޓިންގައި ބުނެފައިވެ އެވެ. އެ ރިޕޯޓުގައި ބުނީ ކޮންސްޓްރަކްޝަން ދާއިރާގައި ބޭނުންކުރާ ތަކެތި އިމްޕޯޓު ކުރާ ނިސްބަތް 2018 ވަނަ އަހަރުގެ ފަހު ކުއާޓަރުން ފެށިގެން ދަށަށް ދާން ފެށި ކަމަށެވެ.

ކޮންސްޓްރަކްޝަން ދާއިރާ އަށް ބޭންކުތަކުންދޭ ލޯނުގެ ނިސްބަތް ވެސް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ހަ ޕަސެންޓު އިތުރުވެފައިވާ ކަމަށް އެމްއެމްއޭ އިން ބުނެފައިވެ އެވެ.

މީގެ ތެރޭ ހިމެނެނީ ގެދޮރު އިމާރާތްކުރުމަށް ދޫކުރާ ލޯނާއި ރިސޯޓު ކޮންސްޓްރަކްޝަނަށް ދޫކުރާ ލޯނެވެ. ނަމަވެސް ރިސޯޓު މަރާމާތު ކުރުމަށް ދޫކުރި ލޯނުގެ އަދަދު 2018 ވަނަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާ އިރު 2019 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ދަށްވެފައިވާކަން އެމްއެމްއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

comment ކޮމެންޓް