ވ. ފުލިދޫ އަދި ތިނަދޫގެ ރަށްގިރުމުގެ ހާލަތު މިނިސްޓަރު ބައްލަވާލައްވައިފި

ފުލިދޫގެ ރަށްގިރުމުގެ ހާލަތު މިނިސްޓަރު ބައްލަވާލައްވަނީ---ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

ވ. ފުލިދޫ އަދި ތިނަދޫގެ ރަށްގިރުމުގެ ހާލަތު އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ބައްލަވާލައްވައިފި އެވެ.

މިނިސްޓަރު އިއްޔެ ވަނީ ފުލިދޫއަށް ވަޑައިގެން އެ ރަށު ކައުންސިލާ ބައްދަލުކޮށް އެ ރަށުގެ ރަށްގިރުމާއި، އެހެނިހެން ތިމާވެށީގެ މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފަ އެވެ.

މިނިސްޓަރު ވަނީ ފުލިދޫގެ ކުނި މެނޭޖްކުރާ ސަރަހައްދު ވެސް ބައްލަވައިލައްވައިފަ އެވެ.

ވ. ފުލިދޫ، އެރަށަށް ރަށްގިރުމުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ކުރިމތިވެފައި--- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

މީގެ ކުރިން 2014 ވަނަ އަހަރު ފުލިދޫއަށް ކުރިމަތިވި ރަށްގިރުމުގެ ހާދިސާގައި އެ ރަށުގެ އަތިރިމަތިން ބޮޑު ސަރަހައްދެއް ގިރައި، ދިރާގު ޓަވަރަށް ކަރަންޓް ދޭ ކޭބަލް މޫދުގައި އޮތުމުން ކަރަންޓު ވެސް ކަނޑާލަން ޖެހުނެވެ.

އޭގެ އިތުރުން މިނިސްޓަރު އެ އަތޮޅު ތިނަދުއަށް ކުރެއްވި ދަތުރުގައި އެރަށުގެ ކައުންސިލާ ބައްދަލުކުރައްވައި އެ ރަށުގެ ރަށް ގިރާ މައްސަލަ އާއި ކުނި މެނޭޖްކުރާ މަރުކަޒެއް ގާއިމުކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވައިފަ އެވެ.

މީގެ ކުރިން މިނިސްޓަރު ވިދާޅުވީ އެހެން އަހަރުތަކާ ހިލާފަށް މި އަހަރު އާދަޔާ ހިލާފަށް ރަށްތައް ގިރަމުން ދަނީ "އިންޑިއަން އޯޝަން ޑައިޕޯލް (އައިއޯޑީ)"ގެ ސަބަބުން ކަމަށެވެ.

އިންޑިއަން އޯސަން ޑައިޕޯލް ނުވަތަ އިންޑިއަން ނިނޯ އަކީ މޫދު ލޮނުގަނޑުގެ ފިނި ހޫނުމިން، އިންޑިއާ ކަނޑުގެ ހުޅަނގު ބިތަށް ވުރެން ދަށްވެ ނުވަތަ މަތިވުމުން މޫސުމަށް އަންނަ ބަދަލުތަކެކެވެ.

comment ކޮމެންޓް