ކޮރޯނާ ފެތުރޭތީ ރާއްޖެއިން ކަންބޮޑުވާތަނެއް ނުފެނޭ: އަދުރޭ

ކައުންސިލް އިންތިހާބަށް ޕީޕީއެމްގެ ކެމްޕެއިން ފެށުމަށް މިރޭ ބޭއްވި ޖަލްސާގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

މުޅި ދުނިޔޭގެ އިގްތިސޯދާށް ކޮރޯނާ ވައިރަސްގެ ސަބަބުން އަސަރު ކުރަމުންދާ ކަމަށާއި އެކަމާމެދު ރާއްޖެއިން ކަންބޮޑުވާތަން ނުފެންނަކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ޕީޕީއެމްގެ ކެމްޕެއިން ފެށުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ޕީޕީއެމްގެ ޖަލްސާ ބާއްވަން ނިންމުމުން މީހުންއެއްވެގެން ކުރާ ކަންތައް ނުކުރުމަށް އެންގި ކަމަށާއި، އެކަމަކު މާލޭ ސިޓީ އިން މާލޭގެ ރައްޔިތުންނާ ބައްދަލު ކުރަންވުމުން ކޮރޯނާ "ވައިރަހެއް ނެތް" ކަމަށެވެ.

ކޮރޯނާ ވައިރަސްގެ އަސަރު އަދި މިހާތަނަށް ރާއްޖެއިން ފެނިފައި ނުވިނަމަވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ވަނީ ރައްކާތެރިކަމުގެ ގޮތުން ފިޔަވާޅު އެޅުމަށް މީހުން އެއްވެގެން ހިންގާ ހަރަކާތްތައް ނުހިންގުމަށް އިލްތިމާސް ކޮށްފައެވެ. މިރޭގެ ޖަލްސާގައި އަދުރޭ އިޝާރާތް ކުރެއްވީ އެކަމަށެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރާއްޖޭގެ މިނިވަންކަން ގެއްލޭގޮތަށް ސަރުކާރުގެ އަމަލުތައް ހުރި ކަމަށާއި އިސްލާމް ދީން ހިމާޔަތްކުރުމުގެ ބަދަލުގައި ޣައިރު ދީންތައް ފެތުރުމަށް ކުރާ މަސައްކަތްތަކަށް ސަރުކާރުން ހިތްވަރުދޭ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ދެހާސް އަށާރަވަނަ އަހަރު ވެރިކަން ބަދަލު ކުރި ބަޔަކު ވެރިކަން ބަދަލު ކުރީ ފޮނި އުންމީދުތަކަކާއެކު ކަމަށާއި، ނަމަވެސް ސަރުކާރު ބަދަލުވެ، އަހަރަކަށްވުރެ ގިނަ ދުވަސްވީއިރު ރައްޔިތުން ދެކުނު ހުވަފެންތައް ބިލާހަކަށް ވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުން މިއަދު މާޔޫސްވެއްޖެ. ރާއްޖޭގެ އިގްތިސޯދު އެތައް ތަނަކުން ދަށަށް ހިނގައްޖެ. ރިޒާވްގައި ހުރި ފައިސާ ކޮޅު ހުސްވެއްޖެ. ރައްޔިތުންގެ އަތްމަތި ދަތި ވެއްޖެ. ރައްޔިތުން ބިކަ ވެއްޖެ. މަހުގެ މެދާ ހިސާބަށް ދާއިރު ކާޑުކޮޅު ގަނެލާނެ، ކަރަންޓު ބިލު ދައްކާނެ ފެން ބިލު ދައްކާނެ އެއްޗެއް މިއަދު ރައްޔިތުންގެ އަތަކު ނެތް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހިސާބަށް ދިޔުމުން ބަދަލަކަށް ބޭނުންވާ ވާހަކަ ރައްޔިތުން ބުނަން ޖެހޭ ކަމަށެވެ.

"ތިމަންމެން ހަމަ ހަގީގަތުގައިވެސް ބަދަލަކަށް އެބަ ބޭނުންވެޔޭ. ތި ބޭފުޅުން ދެއްކެވި އެއްވެސް ވާހަކަ އެއްތި ބޭފުޅުންނަކަށް ހަގީގަތަށް ހަދައެއް ނުދެވުނޭ. ތި ބޭފުޅުން އަޅުގަނޑުމެންގެ ކުރިމައްޗަށް ހުށަހެޅުއްވި ތަސްވީރިގައި ތިޔަ ބޭފުޅުންނަށް ކުލައެއް ނުޖެއްސުނޭ، ތި ބޭފުޅުން އަޅުގަނޑުމެންނަށް ދެއްކި ހުވަފެންތަކުގައި ކުލަ ނުޖެއްސުނު ތަނުގައި ތިމަންނަމެން ބިކަ ވެއްޖެޔޭ،"

އަދުރޭ ވިދާޅުވީ ގައުމިއްޔަތު ގެއްލި މިނިވަންކަން ގެއްލި އިސްތިގުލާލު ވެސް ގެއްލިއްޖެ ކަމަށެވެ.

މި ހުރިހާ ކަމަކާއެކު ވެރިކަން ބަދަލުކުރަން ބޭނުންކަމަށް ރައްޔިތުން ބުނަން ޖެހިފައިވާކަމަށާއި ކައުންސިލް އިންތިހާބަކީ އެކަމަށް ލިބޭ ފުރުސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި އިސްލާމްދިން ނޫން އެހެން ދީންތަކަށް ޖާގަދިނުމަށް މަސައްކަތް ކުރާތަން ފެންނަމުންދާ ކަމަށެވެ.

"ރާއްޖެއަށް ދީނީ އިލްމުވެރިން ގެނައުމުގެ މަސައްކަތަށް ހުރަސް އަޅަމުންދާއިރު ލާދީނީ މީހުން ރާއްޖެއައިސް އިސްލާމްދީނާ ބީރައްޓެހި ފިކުރު އަންމުކުރުމުގެ ވޯކްޝޮޕްތަކާ ސެމިނާތައް ހިންގުމަށް ޖާގަ ފަހިވެގެން އެބަދޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

މިއީ ބަޔަކު ރާވައިގެން ހިންގާ ކަމެއް ކަމަށާއި މިއީ ރައްޔިތުން ފުންކޮށް ވިސްނަންޖެހޭ ކަމެއް ކަމަށް ވިދަޅުވެ އަދުރޭ ވިދަޅުވީ ކައުންސިލް އިންތިހާބުގައި ވޯޓް ދޭންވީ ސިޔާސީ ފިކުރަށް ނުބަލައި، ގައުމު އިސްކޮށްގެން ކަމަށެވެ.

މިރޭގެ ޖަލްސާގައި އަދުރޭ ދެއްކެވި ވާހަކައިގައި ކޮރޯނާ ވައިރަސްއާ ގުޅިގެން ސަރުކާރުން ކަންބޮޑުވާތަނެއް ނުފެންނަ ކަމަށް ވިދާޅުވިނަމަވެސް، ސަރުކާރުން އަންނަނީ ރާއްޖެއަށް ކޮރޯނާ އަޔަނުދިނުމަށްޓަކައި ފިޔަވަޅުތަކެއް އަޅަމުންނެވެ.

comment ކޮމެންޓް