މާލޭ ރައްޔިތުންނަށް ކޮށްދެއްވާނެ ގިނަ ކަންތައްތަކެއް މުއިއްޒު ވިދާޅުވެއްޖެ

މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ ޕީޕީއެމްގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު --- ސަން ފޮޓޯ: ފަޔާޒު މޫސާ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ ޕީޕީއެމްގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު، މާލޭގެ ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެއްޖެއެވެ.

މިރޭ ކުރިއަށްދާ ޕީޕީއެމްގެ "މިއީ މަގޭ ރާއްޖެ" ކައުންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗު ކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭ ރައްޔިތުންނަށް ބޭނުންވަނީ އެ ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ހިދުމަތްކޮށްދޭނެ ލީޑާޝިޕެއް ކަމަށެވެ.

"މާލޭގެ ހާލަތު މިހާރު އޮތްގޮތުން މާލެ އަށް އެބަ ބޭނުންވޭ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިދުމަތްކޮށްދޭނެ ލީޑާޝިޕެއް. ހީވާގި މަސައްކަތްތަކެއް ހުއްޓުމެއް ނެތި މަސައްކަތްކޮށްދޭނެ ލީޑާޝިލެއް އެބަ ބޭނުންވޭ. އަޒުމްވަރުގަދަ ކަމާއެކީގައި މަސައްކަތް ކުރާނެ ތެދުވެރި އިހުލާސްތެރި ލީޑަޝިޕެއް އެބަ ބޭނުންވޭ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުން އެންމެ ބޭނުންވަނީ ބޯހިޔާވަހިކަން ކަމަށެވެ. އެކަން މިދިޔަ ސަރުކާރުގެ ފަސް އަހަރު ތެރޭގައި ވަރަށް ބޮޑަށް މަސައްކަތް ކުރެވުނު ކަމަށް އޭރުގެ ހައުސިން މިނިސްޓަރު ވިދާޅުވިއެވެ.

"އެހެންނަމަވެސް މި ސަރުކާރުން މި ދައްކަނީ ވަރަށްބޮޑު ކަންބޮޑުވުންތަކެއް ހުރި މަންޒަރުތަކެއް. އެތައް ހާސް ރައްޔިތުންނަކަށް އެމަނިކުފާނުގެ [ރައީސް ޔާމީންގެ] ވެރިކަމުގައި ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ލިބޭނެ ކަމުގެ ދާއިމީ ލިޔުން ވަނީ ދީފައި،" ނަމަވެސް މިހާރު އިވޭ އަޑަކީ ފްލެޓު ލިބޭނީ މީގެ ތެރެއިން މަދު ބަޔަކަށް ކަމަށް ބުނާ ވާހަކަ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އެހެން ހިލާ ހަމަ ވިޔަކަ ނުދޭނަން. އަޅުގަނޑުމެން މަސައްކަތް ކުރާނީ މާލޭ ރައްޔިތުންގެ ހައްގުގައި ރައީސް ޔާމީންގެ ސަރުކާރުން ކުރައްވާފައިވާ މަސައްކަތް ދިފާއުކޮށް، ތިޔަ ހުރިހާ ރައްޔިތުންގެ ހައްގުގައި އިހުލާސްތެރި މަސައްކަތެއް ކޮށްދިނުމަށް،" މުއިއްޒު ވިދާޅުވިއެވެ.

މީގެ ކުރިން މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގެ ދަށުގައި ހުޅުމާލޭގައި ފެށި ހިޔާ މަޝްރޫއުގެ ދަށުން މާލޭ ސިޓީގެ 1000 ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބޭނެކަމުގެ ލިޔުން ވަނީ ހަވާލުކޮށްފައެވެ. މީގެ އިތުރުން މާލޭގެ ރައްޔިތުންނަށް ހާއްސަކޮށް ހުޅުމާލޭގައި 2500 ހައުސިން ޔުނިޓު އަޅަން އޭރު ސަރުކާރުން އިއުލާނު ކުރިއެވެ. އެކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ މިހާރު ހައުސިން ޔުނިޓުތަކުގެ މަޝްރޫއުގެ އަޑު ކެނޑިއްޖެ ކަމަށެވެ.

"މިއީ ހިތާމަ އަކީ. އެހެން ނަމަވެސް ރައްޔިތުން އަޅުގަނޑުމެން ކައުންސިލުން ފުރުސަތު ދެއްވައިފިނަމަ ގާނޫނީ މެންޑޭޓުގެ ތެރެއިން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނަން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ދެން ވިދާޅުވިކަމަކީ މާލެ އަކީ ސާފުތަނަކަށް ވާންޖެހޭ ކަމަށާއި، އޭގެ މާނައަކީ ހަމައެކަނި ކުނިކެހުން ނޫން ކަމަށެވެ. މާލޭގެ ފެހިކަން އިތުރުކޮށް ޕާކު ކުރާނެ ތަންތަން ހަދަންޖެހޭ ކަމަށާއި ތިމާވެއްޓާ ރައްޓެހި ކަންތައް މާލެ އަށް ތައާރަފު ކުރަންޖެހޭ ކަމަށެވެ.

ޒުވާނުންނަށް ހާއްސަކޮށް މުއިއްޒު ވިދާޅުވީ ޒުވާނުން ބާރުވެރިކުރުމަށް އެމަނިކުފާނުގެ މޭޔަރުކަމުގެ ދަށުން މަސައްކަތް ކުރައްވާނެ ކަމަށެވެ. ދާދިފަހުން ބައްދަލުވި ޒުވާނުންތަކަކާ ބައްދަލުވެ ދެކެވުނު ވަހަކައެއް ހިއްސާ ކުރައްވާ މުއިއްޒު ވިދާޅުވީ ޒުވާނުންނަކީ ގޭންގް ސްޓާރުންކަމަށް ދެކޭ ބަޔަކު އުޅޭކަމަށް ޒުވާނުން ބުނާ ކަމަށެވެ.

"ކޮންމެވެސް މުބާރާތެއް ކުޅެންވީމާ އެކަންޏޭ ތިމަންނަމެންގެ އަޑު އިވެނީ. ތިމަންނަމެން ބޭނުންވަނީ އެގޮތަށް އުޅޭކަށް ނޫނޭ. ތިމަންނަމެން ކައުންސިލާވެސް ބައްދަލު ކުރީމޭ. ސަރުކާރާވެސް ބައްދަލު ކުރީމޭ. ތިމަންނަމެންނަށް ކޮންމެވެސް ކަހަލަ ފުރުސަތެއް ދޭށޭ. މަސައްކަތެއް ކޮށްގެން ރައްޔިތުންނަށް ކޮންމެވެސް ކަހަލަ ހިދުމަތެއްކޮށް ތިމަންނަމެން ބޭނުންވަނީ އަބުރުވެރި ދިރިއުޅުމެއް އުޅޭށޭ،" މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލަށް ލިބޭ ބަޖެޓަކީ ފުދޭ ވަރެއްގެ ބޮޑު ބަޖެޓެއް ކަމަށާއި މޭޔަރުކަމަށް އިންތިހާބު ވެއްޖެނަމަ ޒުވާނުން ބާރުވެރިކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"މާލޭގެ ހުރިހާ ދިމާލެއްގައި ތިބި ޒުވާނުންނަށް މިދޭޔަގީންކަމަކީ އަޅުގަނޑުމެންގެ ހުދޫދުގެ ތެރެއިން ޒުވާނުންނަށް އަބުރުވެރި ދިރިއުޅުމެއް ފަހިކޮށްދޭނަމޭ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ދެންވިދާޅުވި އަނެއް ކަމަކީ މާލޭގައި ހުރި ހުސް ބިންތައް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދެއްވާނެ ކަމަށް ވިދާޅުވި ވިދާޅުވުމެވެ.

"މިހާރު މާލޭގައި ވިޔަފާރިތައް މިވަނީ ބިކަވެފައި، އިނދަޖެހިފައި. ފިހާރަތައް ދަނީ ބަންދު ކުރަމުން. ރެސްޓޯރެންޓުތައް ދަނީ ބަންދު ކުރަމުން،" މުއިއްޒު ވިދާޅުވީ މާލޭގެ އެކި ކަންކޮޅުތަކުން ބިންތައް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިނުމަކީ ސިޓީކައުންސިލުގެ ހުދޫދުގައި ހިމެނޭކަމެއް ކަމަށާއި ސަރުކާރާ ވާހަކަ ދައްކައިގެން އެކަން ކޮށްދިނުމަކީ އަޒުމް ކަމަށެވެ.

މީގެ އިތުރުން މާލެއަކީ ތަހުޒީބު ތަނަކަށް ހަދަން ޖެހޭ ކަމަށާއި ރިވެތި އަހުލާގެއްގެ މަތީ އުޅޭ ތަނަކަށް ހަދަންޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްުޒު މިރޭ ވިދާޅުވީ މިދޭތެރެއަކުން އެމަނިކުފާނާ ނޫސްވެރިއަކު ސުވާލެއް ކުރި ކަމަށާއި އެއީ ޕީޕީއެމްގެ ސަރުކާރު ދެމިއޮތްނަމަ މި ވަގުތު ރާއްޖޭގެ ކަންކަން އޮންނާނެ ގޮތަކާ މެދު ކުރި ސުވާލެއް ކަމަށެވެ. އެ ސުވާލަށް މުއިއްޒު ދެއްވި ޖަވާބު ހިއްސާ ކުރައްވާ މުއިއްޒު ވިދާޅުވީ ރައީސް ޔާމީނަށް ދެވަނަ ދައުރެއް ލިބުނު ނަމަ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ފްލެޓުތަކުގައި މިހާރު މީހުން ދިރިއުޅެން ފަށާނެ ކަމަށެވެ. އަދި ކިންގް ސަލްމާނު މިސްކިތްވެސް މިދިޔަ އަހަރުގެ ޖުލައި މަހު ހުޅުވޭނެ ކަމަށާއި މާލެ އާއި ތިލަފުށި ގުޅާލާ ބްރިޖުގެ އަމަލީ މަސައްކަތް ވެސް މިހާރު ހުންނާނީ ފެށިފައި ކަމަށެވެ.

މީގެ އިތުރުން އޭރު އިއުލާނު ކުރެއްވި ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތްވެސް މިހާރު އޮންނާނީ ފެށިފައި ކަމަށާއި މާލޭގެ ވަށައިގެންވާ މަގުގައި ތާރު އަޅާމިހާރު އޮންނާނީ ނިމިފައިކަމަށް މުއިއްޒު ވިދާޅުވިއެވެ

comment ކޮމެންޓް