ޔާމީނާމެދު އެއްވެސް ޒާތީކަމެއް ނެތް: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ--- ފޮޓޯ: ހޯމް މިނިސްޓްރީ

ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ބައްދަލު ކުރެއްވީ އެމަނިކުފާނާ މެދު އެއްވެސް ޒާތީ ވިސްނުންފުޅެއް ނެތުމުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓަރު އިމްރާން ވަނީ މާފުށީ ޖަލަށް ވަޑައިގެން ރައީސް ޔާމީންއާ މިދިޔަ ހޯމަ ދުވަހު ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލު ކުރެއްވުމާ ގުޅޭ ބައެއް ތަފްސީލް މިއަދު ވީޓީވީގެ ޕްރޮގްރާމެއްގައި މިނިސްޓަރު ވަނީ ހިއްސާ ކުރައްވައިފަ އެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ބައި ގަޑިިއިރެއް ހައިއިރު ވަންދެން ރައީސް ޔާމީން ދެއްކެވި ވާހަކަފުޅު އަޑުއައްސަވަން އިންނެވި ކަމަށާއި އެމަނިކުފާނު އަރިހުގައި ކަރެކްޝަންސްގެ ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު ވެސް އިންނެވި ކަމަށެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި ކުރީގެ ނައިބުރައީސް އަހުމަދު އަދީބުގެ ވާހަކަ ވަރަށް ދިގުކޮށް ދެއްކެވި ކަމަށާއި އެގޮތުން އަދީބު ކަން ކުރެއްވި ގޮތުގެ ވާހަކަތައް 15 މިނެޓު ވަންދެން ރައީސް ޔާމީން ދެއްކެވި ކަމަށް އިމްރާން ވިދާޅުވި އެވެ.

"އޭގެ ތެރޭގެ ވަރަށް މުހިއްމު ބަޔެއް، އަދީބުގެ ވާހަކަ. ގާތްގަނޑަކަށް 15 ވަރަކަށް މިނެޓު ވަންދެން ދެއްކެވި. އަދީބު ކޮށްފައި ހުރި ގޯސް ކަންތަކުގެ ވާހަކަ،" މިނިސްޓަރު ވިދާޅުވި އެވެ.

"ނިންމާލެއްވީމަ އަޅުގަނޑު ދެންނެވިން ރައީސް ޔާމީންއޭ، ރައީސް ޔާމީންގެ ރައީސްކަމުގައި، ރައީސް އޮފީހުގައި އިންނަވަނިކޮށް އަޅުގަނޑު ރައީސް ޔާމީނާ ބައްދަލުކޮށްފައި ނުދަންނަވަންތޯއޭ އަދީބު ތިޔަކަހަލަ ގޯސް ކަންތައް ކުރައްވާ ވާހަކަ. އެދުވަހު އެ ފިޔަވަލު ނޭޅުއްވީމާ ނޫންތޯއޭ މި ހިސާބަށް ކަންތައް މިއައީ،" މިނިސްޓަރު ވިދާޅުވި އެވެ.

އަދީބު ކުރެއްވި ކަންތަކުގެ ސަބަބުން ރައީސް ޔާމީން އަށް ދިމާވި ކަންތަކުގެ ޒިންމާ މިނިސްޓަރު އިމްރާނު ނަންގަވަން ޖެހޭނެކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. އެހެން ވިދާޅުވާންޖެހޭ ސަބަބެއް ވިސްނިވަޑައި ނުގަންނަވާ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

"ރައީސް ޔާމީނު އެކަމުގެ ވަރަށް ބޮޑު ބްލޭމެއް އަޅުގަނޑުގެ ބޮލުގައި އެޅުއްވި. އަދީބު ކުރެއްވި ކަމަކުން ރައީސް ޔާމީނަށް ލިބުނު ގެއްލުމުގެ ޒިންމާ އަޅުގަނޑު ނަގަންޖެހޭނެ ކަމަކަށް ހަމަ އެއްގޮތަކަށްވެސް ނުވިސްނޭ،" އަދީބުގެ އަމަލުތަކުގެ ސަބަބުން މިނިސްޓަރު އިމްރާނަށް ލިބުނު ގެއްލުމެއްގެ ޒިންމާވެސް ނަންގަވަން ޖެހޭނީ ރައީސް ޔާމީން ކަމަށް ދެކިވަޑައިގަންނަވާކަން ފާހަގަ ކުރައްވާ އިމްރާން ވިދާޅުވި އެވެ.

"އަޅުގަނޑުގެ އެއްވެސް ޒާތީ ވިސްނުމެއް ނެތީމާ، އަދި އަނިޔާވެރިވުމުގެ ވިސްނުމެއް ނެތީމާ އެ ޒިޔާރަތްކުރީ. އަދި ހާލުވެސް ބެލީ،" ރައީސް ޔާމީނުގެ އަރިހަށް ކުރެއްވި ޒިިޔާރަތާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވި އެވެ.

އިމްރާން ރައީސް ޔާމީންއާ ބައްދަލުކުރެއްވިއިރު، އެމަނިކުފާނު ގެންދަވަނީ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

comment ކޮމެންޓް