ބިޔަ އެއްވުމަކުން ޕީޕީއެމްއިން ކައުންސިލް އިންތިހާބުގެ ކެމްޕޭން ފަށައިފި

ޕީޕީއެމްގެ މިއީ މަގޭ ރާއްޖެ ކެމްޕެއިން ފެށުން --- ފޮޓޯ: ޕީޕީއެމް

ބިޔަ އެއްވުމަކުން ޕީޕީއެމްއިން ކައުންސިލް އިންތިހާބުގެ ކެމްޕޭން ފަށައިފިއެވެ.

"މިއީ މަގޭ ރާއްޖެ" ގެ ނަމުގައި އެ ޕާޓީ ގެ ކެމްޕެއިން ފެށުމަށް މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި އިންތިހާބުގައި ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓުންގެ އިތުރުން ޕާޓީ އަށް ތާއީދު ކުރާ ގިނަ ބަޔަކު ބައިވެރިވިއެވެ.

މި ޖަލްސާގައި އިންތިހާބުގައި ޕާޓީ އިން ގެންގުޅޭނެ ސިޔާސަތުތަކާއި އެ ޕާޓީގެ ކެންޑިޑޭޓުން ހޮވިއްޖެނަމަ އަމަލު ކުރާނެ ސިޔާސަތުތައް ވަނީ އިއުލާނުކޮށްފައެވެ.

އިންތިހާބުގެ ސްޓިއަރިން ކޮމެޓީގެ މެންބަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ ޕާޓީގެ ސިޔާސަތުތައް ކަނޑައެޅީ ރާއްޖޭގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ބަލާފައި ކަމަށެވެ.

އެ ޕާޓީގެ ކެންޑިޑޭޓުންނަކީ އިސްލާމްދީނަށް ނޭދެވޭ ކަންތަކުރުމަށް މަސައްކަތް ކުުރާ މީހުންނަށް ފާޅުގައި ދެކޮޅު ހަދާނެ ބަޔަކަށް ވާނެ ކަމަށާއި އަދި ޕީޕީއެމްގެ މެންބަރުން މަސައްކަތް ކުރާނީ ރާއްޖޭގެ މިނިވަންކަން ދިފާއުކުރުމަށް ކަމަށް މުއާޒު ވިދާޅުވިއެވެ.

އެ ޕާޓީގެ ސިޔާސަތުތައް ކަނޑައަޅާފައިވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅާ އެއްގޮތަަށް ކަމަށާއި ރައީސް ޔާމީންގެ ވިސްނުންފުޅަކީ ތަރައްގީގެ ވިސްނުންފުޅު ކަމަށް ވިދާޅުވެ، މުއާޒު ފާހަގަ ކުރެއްވި ގޮތުގައި ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވިއްޖެ ނަމަ ރަށްތަރައްގީކޮށް އިގްތިސޯދީ ގޮތުން ކުރިއެރުވުމަށް ކައުންސިލް މެންބަރުން މަސައްކަތް ކުރައްވާނެއެވެ.

"ކައުންސިލަށް ހޮވޭ މެންބަރުންނަކީ ކައުންސިލަށް ބާރު ލިބޭގޮތަށް މަސައްކަތް ކުރާނެ މީހުން، ރަށްތައް ތަރައްގީ ކުރާނެ. ތަރައްގީ ކުރުމުގެ ވިސްނުން ޕީޕީއެމް ނޫން އެހެން ބަޔެއްގެ ނުހުންނާނެ،"

މީގެ އިތުރުން އެޕާޓީގެ ޓިކެޓުގައި ހޮވޭ މެންބަރުންނަކީ ތަހުޒީބު ބަޔަކަށް ވާނެ ކަމަށާއި ސަރުކާރުން ރަށްރަށަށް ގެންނަ ތަރައްގީއަށް އެ މެންބަރުން ހުރަސް ނާޅާނެ ކަމަށް މުއާޒު ވިދާޅުވިއެވެ. މިއާޒު ވިދާޅުވީ ޕީޕީއެމްގެ ކައުންސިލަރުންވާނީ ރަށަށް ތަރައްގީ ގެނައުމަށް ސަރުކާރަށް ޕްރެޝަރު ކުރާނެ ބަޔަކަށް ކަމަށެވެ.

comment ކޮމެންޓް